Support Us

މި މަހު ތިނެއްގައި ޗަމީލެ މަރާ އޭއެފްޕީއަށް އިންޓަވިޔު ދެނީ

އުމުރުން 117 އަހަރުގައިވެސް ހިނިތުންވުމާއެކު: އަލްބޭނިއާގެ މި އަންހެންމީހާއަކީ ދުނިޔޭގެ އެންމެ މުސްކުޅި އަންހެނާއަށް ވެދާނެ

ޗަމީލެ މަރާގެ އުމުރަކީ 117 އަހަރެވެ. އެކަމަކު އޭނާއަކީ ދުނިޔޭގައި ހުރި އެންމެ މުސްކުޅި އަންހެންމީހާކަން ސާބިތުކުރުމަށް އޭނާ މާ ބޮޑު ސަމާލުކަމެއް ނުދެއެވެ. އޭނާ ދިރިހުރިކަން އަލްބޭނިއާގެ ޕެންޝަނާ ބެހޭ އޮފިޝަލުންނަށް ޔަގީންކޮށްދިނުމަކީވެސް އޭނާ އެހާ ކަންބޮޑުވާ ކަމެއް ނޫނެވެ.

މަރާ އުފަންވީ އުސްމާނީ ހިލާފަތުގެ ވެރިކަމުގައެވެ. އޭނާއަށް 36 އަހަރު ފުރުނީ ދެ ވަނަ ބޮޑު ހަނގުރާމަ ނިމެން ދެ ހަފުތާއަށް ވެފައިވަނިކޮށެވެ. އަދި އޭނާ ވަނީ އަލްބޭނިއާގެ ކޮމިއުނިސްޓް ހުދުމުހުތާރު ވެރިކަންވެސް ތަޖުރިބާކޮށްފައެވެ. ނަމަވެސް މިއަދު އޭނާގެ ފުރިހަމަ ސަމާލުކަން އޮތީ ދިރިއުޅުމުގެ އުފާ ހޯދުމަށެވެ.

"ދިރިއުޅުމަކީ ވަރަށް ފުރިހަމަ، ރީތި އެއްޗެއް. ހަމަ މާތައް ފޮޅިފައިވާ ޓޮމޯ ފަރުބަދަ ފަދަ،" ފެރަސްގައި ހުންނަ އޭނާގެ ގޭގެ ބޭރުގައި އިނދެ، ހިނިތުންވުމާއެކު އޭއެފްޕީ ހަބަރު ފަތުރާ އެޖެންސީއަށް މައުލޫމާތު ދެމުން ބުންޏެވެ. އެ އަވަށަކީ ވެރިރަށް ޓިރާނާގެ ދެކުނުން ގާތްގަނޑަކަށް 100 ކިލޯމީޓަރު ދުރުގައި އޮންނަ އަވަށެކެވެ.

މަރާގެ މުޅި ހަޔާތްހެން ވޭތުކުރީ އެ އަވަށުގައެވެ. އޭނާގެ ގެ ވަށައިގެންވަނީ މޭވާ އަޅާ ގަސްތަކެވެ. އޭނާ ކާބޯތަކެތި އަމިއްލައަށް ހައްދައި، ނާމުސޫފި ބަލަހައްޓައެވެ.

"ތިބާއަށް ދުނިޔޭގައި އުޅެވޭނީ ކަލާނގެ މިންވަރުކުރެއްވި މުއްދަތަކަށް،" މަރާ ބުންޏެވެ.

ރޫޖެހިފައިވާ އޭނާގެ މޫނުގެ ވަށައިގެންވަނީ ސަގާފީ ހުދު ބުރުގާއެކެވެ.

ޗަމީލެ މަރާގެ އުމުރު އަންގައިދޭ ރަސްމީ ލިޔުންތަކަކާއި އޭނާގެ އުމުރުން 18 އަހަރުގައި ނަގައިފައިވައި ފޮޓޯ

ރަސްމީ ބައިވަރު ލިޔެކިޔުންތަކުގައި އޭނާގެ އުފަން ތާރީހަކީ 19 އޮގަސްޓް 1909 ކަމަށް ބަޔާންކޮށްފައިވެއެވެ. މި ތާރީހުން ބަލާނަމަ އޭނާ އިނގިރޭސި ވިލާތުގެ އަންހެނެއްކަމަށްވާ އެތަލް ކޭޓަރަމަށްވުރެ ދެ ދުވަސް ދޮށްޓެވެ. ދުނިޔޭގެ ރެކޯޑުތައް ބަލަހައްޓައި ގިނަސް ވޯލްޑް ރެކޯޑްސްއިން މިހާރު ގަބޫލުކުރާ ގޮތުގައި ދުނިޔޭގައި ދިރިހުރި އެންމެ ދުވަސްވީ އަންހެނަކީ ކޭޓަރަމެވެ.

އުމުރުން 110 އަހަރަށްވުރެ މަތީގެ މީހުންގެ އުމުރު ސާބިތުކުރުމަކީ އުނދަގޫ ކަމަކަށް ވެދާނެއެވެ. އާދަޔާހިލާފު ދިގު އުމުރެއް ލިބިފައިވާކަމަށް ބުނާ ގިނަ މީހުން ނިސްބަތްވަނީ ރަނގަޅަށް ލިޔެކިޔުންތައް ނުބަލަހައްޓައި ސަރަހައްދުތަކަށެވެ. އަދި ބައެއް ސަރަހައްދުތަކުގައި ޕެންޝަން މަކަރު ހެދުމަކީވެސް އާންމު ކަމެކެވެ. މި މައްސަލައާ ގުޅޭ ގޮތުން ހެދި ދިރާސާއަކަށް 2024 ގެ އިގް ނޯބެލް ޕްރައިޒް ލިބިފައިވެއެވެ. މިއީ އާދަޔާ ހިލާފު ސައިންޓިފިކް ދިރާސާތަކަށް ދޭ އިނާމެކެވެ.

މަރާގެ އަތުގައި އޭނާގެ އުމުރު ކަށަވަރުކޮށްދޭ ފަދަ އެތައް ލިޔެކިޔުންތަކެއް އެބަހުއްޓެވެ. އޭނާގެ އާއިލާއިންވަނީ ގިނަސް ވޯލްޑް ރެކޯޑްސްއާ ގުޅައިފައެވެ. މަރާގެ އާއިލާގެ އަތުގައި 1945 ގައި ދޫކޮށްފައިވާ މަރާގެ އުފަންދުވަހުގެ ސެޓްފިކެޓެއް އެބަ އޮތެވެ. އަދި 1978 ގައި ދޫކުރި ޕާސްޕޯޓަކާއި ފަހުން ހެއްދި ކާކުކަން އަންގައިދޭ ކާޑެއްވެސް އެބަ އޮތެވެ. މި ތިން ލިޔުމުގައިވެސް އޮތީ އެއް އުފަން ތާރީހެކެވެ.

މަރާގެ އުމުރާމެދު އެ ސަރަހައްދުގެ ރަސްމީ އިދާރާތައްވެސް ހައިރާންވިއެވެ. އޭނާގެ އުމުރުން 80 އަހަރުގެ ދަރިފުޅު ހޫސެން ބުނީ މަރާއަށް 100 އަހަރު ފުރުމުން ރަސްމީ އިދާރާތަކުންވަނީ މަރާގެ ޕެންޝަން ކަނޑައިލައިފައިކަމަށެވެ.

"އެ މީހުން ގަބޫލެއްނުކުރި އަހަރެންގެ މަންމަ އަދިވެސް ދިރިހުރިކަމަކަށް،" ހޫސެން ބުންޏެވެ.

މަރާގެ ކުޑަ ޕެންޝަން އަލުން ހޯދުމަށްޓަކައި ހޫސެނަށް ޖެހުނީ ހެކި ހޯދައިށެވެ. އޭގެ ތެރޭގައި ހެކިވެރިންގެ ބަޔާންތައް ހިމެނެއެވެ.

މި މަހު ކުރީކޮޅު ސަރުކާރުންވަނީ މަރާގެ އުމުރުގެ އަގުވަޒަންކުރުމުގެ ގޮތުން ދައުލަތުގެ ހާއްސަ ޕެންޝަނެއް މަރާއަށް ދީފައެވެ.

ދިގު އުމުރުގެ ސިއްރަކީ ކޮބާ؟

މަރާގެ ދިރިއުޅުމުގެ ވައްޓަފާޅިއަކީ އޭނާގެ އާދަޔާ ހިލާފު ދިގު އުމުރުގެ ސިއްރުކަމަށް ވެދާނެއެވެ.

އޭނާ ކޮންމެ ދުވަހަކު އަވަހަށް ހޭލައެވެ. ގޯތިތެރެ ކުނިކަހައި، މާގަސްތަކަށް ފެން ދެއެވެ. އަދި ކުކުޅުތަކަށް ކާންދެއެވެ. އެއަށްފަހު ކޮފީއެއް ބޯލަން އިށީނދެއެވެ.

ރީތިކޮށް ބަލަހައްޓަމުންދާ މޭވާ ބަގީޗާގެ ތެރޭގައި އޭނާ އަދިވެސް ގަވާއިދުން ހިނގައިލަން ދެއެވެ. އޭނާގެ ދަރިފުޅު އޭނާއާއެކު ދިރިއުޅޭއިރު މި ހިނގައިލުންތަކުގައި ބައިވެރިވެއެވެ. އަދި ހިނގައިލަން ދާއިރު ފައްކާވެފައި ހުންނަ އަންނާރު ބިނުމަށް އެ މީހުން މަޑުކޮށްލައެވެ.

އަދި މަރާ އޭނާގެ ޖީބަށް ގަނދަކޯޅި ފަތް އަޅައެވެ. އޭނާ އެހެން ހަދަނީ "އޭގެ މީރުވަސް ބެލުމަށެ"ވެ.

ހޫސެން ބުނާ ގޮތުގައި މަރާ ދުވަހަކުވެސް ޑޮކްޓަރަކަށް ދައްކައިފައެއް ނުވެއެވެ. އަދި އެއްވެސް ބޭހެއްވެސް ދުވަހަކު ބޭނުންކޮށްފައެއް ނުވެއެވެ.

"މަންމަގެ ސިއްހަތު ރަނގަޅު، އަދި ދުވަހަކުވެސް އެއްވެސް ބޭހެއް ނުކައި،" ހޫސެން ބުންޏެވެ.

ފަސް ޖީލު

މަރާގެ ފިރިމީހާ މަރުވީ މީގެ 36 އަހަރު ކުރިންނެވެ. ދެމަފިރިން އެކުގައި އުޅުނު ދިރިއުޅުން ހަނދާންކުރާއިރު އޭނާ އަދިވެސް ހިނިތުންވެއެވެ. އެއީ އާއިލާއިން ހަމަޖެއްސި ކައިވެންޏެކެވެ. ނަމަވެސް މަރާ އެ ގުޅުން ސިފަކުރަނީ ލޯބިވެތި ގުޅުމެއްގެ ގޮތުގައެވެ.

"އެހެން ނޫންނަމަ އަހަރެން އޭނާއާއެކު ހަތް ދަރިން ހޯދީ ކިހިނެއް؟" މަރާ ބުންޏެވެ.

އޭނާވަނީ އޭނާގެ އާއިލާގެ ފަސް ޖީލު ބޮޑުވަމުން އައި ގޮތް ދެކެފައެވެ.

މަރުވެފައިވާ ތިމާގެ މީހުންނާއި ރައްޓެހިންގެ ހަނދާން އައުމުން އޭނާގެ ލޮލުން ކަރުނަ ފޭދުނެވެ. ނަމަވެސް އޭނާއަށް ބޮޑުދައިތަ ކިޔައި ކުއްޖަކު އަނގަތަޅައިލަން ގުޅުމުން އޭނާގެ މޫނުމަތި އަލިވެގެންދިޔައެވެ.

"އެ މީހުން އެންގޭޖްވެ، ކައިވެނިކޮށް، އަމިއްލަ ގެދޮރާއި ދިރިއުޅުން ބިނާކުރި މަންޒަރު އަހަރެން ދުށީމު،" މަރާ ބުންޏެވެ.

"މީހުން މި ގެއަށް އައިސް ގޮސް އުޅޭ ތަން ފެނުމުން އަހަރެން ވަރަށް އުފާވޭ،" އޭނާ ބުންޏެވެ.

މަރާގެ ޒުވާން ދުވަސްވަރުގެ އެއް ފޮޓޯ އޭނާ ރައްކައިކޮށްފައި އޮވެއެވެ. އެ ފޮޓޯއަށް ގާތްގަނޑަކަށް ގަރުނެއްވެއްޖެއެވެ. އޭގައި ފެންނަނީ ހުދު ބުރުގާއެއް އަޅައިގެން އޭނާ ޒުވާން އަންހެން ކުއްޖެއްގެ ގޮތުގައި ހުއްޓައެވެ. މިއަދުވެސް އޭނާ އަޅަނީ ހަމަ އެ ފަދަ ބުރުގާއެކެވެ.

"އެއިރު އަހަރެންގެ އުމުރަކީ 18 އަހަރު!" މަރާ ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް