އެމެރިކާއިން އިސްރާއީލަށް 60،000 ބޮން ދޭން ނިންމައިފިއެވެ.
ގާތްގަނޑަކަށް 2.8 ބިލިއަން ޑޮލަރު (43.26 ބިލިއަން ރުފިޔާ)ގެ އަގު ހުރި މި ބޮންތަކުގެ ޕެކެޖުގައި ހިމެނެނީ ބޮމެއްގައި 907 ކިލޯގެ ބަރުދަން ހުރި 40،000 ބޮމާއި އަސްކަރީ ބަންކަރުތައް ފޫއަޅުވައިލެވޭނެ ވޯހެޑް ހިމެނޭ 20،000 ބޮމެވެ.
ގާނޫނު ހަދާ މަޖިލީހަށް މި ޕެކެޖް ހުށަހަޅަން ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ނިންމައިފައިވަނީ ނުރަސްމީ ސިފައެއްގައެވެ.
އިސްރާއީލުން ބުނީ ގައްޒާ ހިންގާ ހަމާސްގެ ހަނގުރާމަވެރިންނާއި އެ ޖަމާއަތުން ހަދައިފައިވާ ބިންގަރާސް މަގުތަކާއި އަދި ބޮޑެތި އިމާރާތްތައް ނެތިކޮށްލަން ވަރުގަދަ ބޮން ބޭނުންވާކަމަށެވެ.
"ދިގު ހަނގުރާމަތަކެއް ތިބާ ކުރަން ޖެހޭނަމަ، އިތުރު ހަތިޔާރު ބޭނުންވާނެ،" އިސްރާއީލުގެ އަސްކަރިއްޔާގެ އިންޓެލިޖެންސްގެ ކުރީގެ ވެރިއެއްކަމަށްވާ، މޭޖާ ޖެނެރަލް އަމޮސް ޔަޑްލިން ބުންޏެވެ.
ފާޑުކިޔާ ފަރާތްތަކުން ބުނީ މި ބޮންތަކުން ގައްޒާގެ އާއްމު ރައްޔިތުންނަށް ނުރައްކާވުން އެކަށީގެންވާކަމަށެވެ.
"ހަތިޔާރުތަކުގެ ސަބަބުން ގައްޒާ މިހާރުވެސްވެފައިވަނީ ގާފުނިތަކެއްގެ ކަނޑަކަށް،" އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ޕީޓާ ވެލްޗް ބުންޏެވެ.
އިސްރާއީލުން ބުނީ އެ ގައުމުން ހިންގާ ކޮންމެ ހަރަކާތެއްގައިވެސް އާއްމުންނަށް ލިބިދާނެ ގެއްލުން ކުޑަކުރެވޭތޯ މަސައްކަތްކުރާކަމަށެވެ.
ގައްޒާ ހަނގުރާމަ ހުއްޓައިލަން ހަމާސްއާއެކު، އެމެރިކާއިން މެދުވެރިވެގެން، އިސްރާއީލުން މި ދިޔަ އަހަރު އޮކްޓޫބަރުގައި އެއްބަސްވުމެއް ހެދިޔަސް، އިސްރާއީލުން އަދިވެސް ދަނީ ގައްޒާއަށް ކޮންމެ ދުވަހަކުހެން ހަމަލާދެމުންނެވެ. ކޮންމެ ފަހަރަކުވެސް ބުނަނީ ހަމަލާދެނީ ހަމާސްގެ ހަނގުރާމަވެރިންނާއި އެ ޖަމާއަތުގެ އެސެޓްތަކަށްކަމަށެވެ.
އެންމެ ފަހުން އިއްޔެވެސް ދިން ވައިގެ ހަމަލާތަކުގައި ތިން މީހުން ޝަހީދުވިއެވެ. އޭގެ ތެރޭގައި ގައްޒާގެ ސިއްހީ ވުޒާރާގެ ޑިރެކްޓަރު ޖެނެރަލް މުނީރު އަލްބުރްޝްގެ ފިރިހެން ދަރިފުޅު ބަސީރު ހިމެނެއެވެ.
މުނީރު ބުނީ ބަސީރު ބުނެފައިވާ ގޮތުގައި ބަސީރަށާއި މުނީރަށްވެސް އިސްރާއީލުން ހަމަލާދިނުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ.
"އޭނާ ޓެންޓުން ނިކުތްތަނާ އޭނާއަށް ހަމަލާދިނީ އަދި ޝަހީދުކޮށްލީ،" މުނީރު ބުންޏެވެ.
އިސްރާއީލުން ބުނީ އިއްޔެގެ ހަމަލާތަކަކީ ހަމާސްގެ ބައިވަރު ހަނގުރާމަވެރިންނަށް ދިން ހަމަލާތަކެއްކަމަށާއި އޭގެ ތެރޭގައި ބަސީރު ހިމެނޭކަމަށެވެ. އޭގެ އިތުރު ތަފުސީލެއް އިސްރާއީލުން ނުދެއެވެ.
ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމަށްފަހު އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 1،300 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު ދެ އަހަރުވީ ގައްޒާ ހަނގުރާމައިގައި ޝަހީދުވި މީހުންގެ ޖުމުލަ އަދަދު މިހާރު 73،000 އަށްވުރެ މައްޗަށް ހިނގައްޖެއެވެ.



advertisment