Support Us

ޑޮލަރުގެ މުއާމަލާތްތައް އަންނަ ހަފުތާ ނިމެންވާއިރަށް އާންމު ހާލަތަކަށް ރުޖޫޢަވާނެ: ބީއެމްއެލް

 ޑޮލަރުގެ މުއާމަލާތްތައް އަންނަ ހަފުތާ ނިމެންވާއިރަށް އާންމު ހާލަތަކަށް ރުޖޫޢަވާނެ ކަމަށް ބީއެމްއެލް އިން ބުނެފިއެވެ.

ބޭންކުން މިއަދު ބުނީ މިކަމާ ގުޅޭ މައުލޫމާތު ބޭންކުގެ ރަސްމީ މުވާސަލާތީ ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނަށް ފޯރުކޮށްދޭނެ ކަމަށެވެ.

"ބޭންކުން އެންމެ ބޮޑު އިސްކަމެއް ދެނީ ދެމެހެއްޓެނެވި ގޮތެއްގައި މުއާމަލާތްތައްކުރެވޭނެ މަގުފަހިކޮށްދިނުމަށާއި، ކޮންމެހެން ބޭނުންތެރި ފައިސާގެ މުއާމަލާތްތަކަށް އިސްކަންދިނުމަށެވެ." ބީއެމްއެލް އިން ބުންޏެވެ.

ގައުމީ ބޭންކުން ފާހަގަކުރާ ގޮތުގައި ބީއެމްއެލް މެދުވެރިކޮށް ރުފިޔާ އެކައުންޓްތަކުން ކުރާ ބޭރުގެ މުއާމަލާތްތައް މިއަހަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

"އެގޮތުން، އޮގަސްޓް މަހުގެ ނިޔަލަށް އެވްރެޖްކޮށް މަހެއްގެ މައްޗަށް 81.6 މިލިއަން ޑޮލަރު ބޭންކުން ވިއްކާފައިވާއިރު، 2026 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ޖުމްލަ 653 މިލިއަން ޑޮލަރު ވަނީ ވިއްކައިފައެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް %33.33 ނުވަތަ ތިންބައިކުޅަ އެއްބައިގެ އިތުރުވުމެކެވެ. މި ނިސްބަތުން ބޭންކުން ޑޮލަރު ވިއްކުން ކުރިއަށްގެންދާނަމަ، މިއަހަރު ނިމެންވާއިރަށް ވިއްކާ ޑޮލަރުގެ އަދަދު ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރަށް އަރާނެކަމަށް ލަފާކުރެވެއެވެ." ބީއެމްއެލް އިން ބުންޏެވެ.

ޑޮލަރު ވިއްކާފައިވާ މައިގަނޑު ދާއިރާތަކާއި އަދަދުތައް

• ޑެބިޓް އަދި ކްރެޑިޓް ކާޑު މެދުވެރިކޮށް ކުރާ މުއާމަލާތްތަކަށް: މަހަކު 38 މިލިއަން ޑޮލަރު

• ޓެލެގްރަފިކް ޓްރާންސްފަރ (ޓީޓީ) ތަކަށް: މަހަކު 27 މިލިއަން ޑޮލަރު

• ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް މަހަކު 9.4 މިލިއަން ޑޮލަރު

• ޞިއްޙީ އަދި ތަޢުލީމީ ބޭނުންތަކަށް: މަހަކު 7.3 މިލިއަން ޑޮލަރު

"ބޭންކަށް މާރުކުރެވޭ ޑޮލަރާ އަޅާބަލާއިރު، މި މިންވަރަށް ރުފިޔާ އަށް ޑޮލަރު ވިއްކިގެން ބޭރުވުމަކީ ދެމެހެއްޓެނިވި ކަމެއް ނޫނެވެ. އަދި ސެޕްޓެންބަރު މަހަކީ އާންމުކޮށްވެސް ޑޮލަރުގެ ތާށިކަން އެންމެ ބޮޑަށް ކުރިމަތިވާ އެއް މަސްކަމަށްވުމުން، މިކަމުގެ ސަބަބުން ބޭންކަށް އޮތް ގޮންޖެހުންތައް ވަނީ އިތުރުވެފައެވެ."

ބޭންކުން އަޅަމުންދާ ފިޔަވަޅުތަކާއި ނަތީޖާ

ބޭންކުން ބޭރުވާ ޑޮލަރުގެ ނިސްބަތް އިތުރުވެފައިވާތީ، ވޭތުވެދިޔަ ދެ ހަފުތާގެ ތެރޭގައި ޓެލެގްރަފިކް ޓްރާންސްފަރ (ޓީޓީ) އާއި ބޭންކުތަކުގެ މެދުގައި ކުރެވޭ ޓްރާންސްފަރތައް ހިމެނޭހެން ޑޮލަރުގެ މުއާމަލާތްތައް ފުރިހަމަކުރުމުގައި ލަސްތަކެއް ވަނީ ކުރިމަތިވެފައެވެ. އަދި ބޭންކަށް ޑޮަލރު ލިބޭ މިންވަރާއި ޑޮލަރު ހޭދަވާ މިންވަރު ޒިންމާދާރުކަމާއި ދެމެހެއްޓެނެވި ގޮތެއްގައި މެނޭޖުކުރުމަށްޓަކައި، ބޭންކުން ދާދި ފަހުން ވަނީ އީ-ކޮމާސް މުއާމަލާތްތައް ލިމިޓްކޮށް، ޒަރޫރީ އަދި ކޮންމެހެން ބޭނުންތެރި މުއާމަލާތްތަކަށް އިސްކަންދޭން ފަށާފައެވެ. މި ފިޔަވަޅުތަކުގެ ސަބަބުން ބޭންކުން ބޭރުވާ ޑޮލަރުގެ މިންވަރު، ބޭންކަށް ލިބޭ ޑޮލަރުގެ މިންވަރާ އެއްހަމައެއްގައި ހިފެހެއްޓުމަށް މިހާރު ވަނީ އެހީތެރިވެދީފައެވެ.

"ވަކިވަކި ފަރުދުންނާއި، ވިޔަފާރިތަކާއި އަދި ގައުމަށް އިތުބާރުހުރި މާލީ ބައިވެރިއެއްގެ ގޮތުގައި ދެމިއޮތުމަށް ބީއެމްއެލްއިން އަބަދުވެސް މަސައްކަތްކުރާނެއެވެ. ބޭންކަކީ މާލީގޮތުން ހަރުދަނާ ބޭންކެކެވެ. މިހާރު ދިމާވެފައިވާ ހާލަތަކީ ޑޮލަރުގެ ޑިމާންޑާއި ސަޕްލައިއާ ދެމެދު އުފެދިފައިވާ ވަގުތީ ނުތަނަވަސްކަމެކެވެ. މިއީ ބޭންކުގެ އޮޕަރޭޝަންތަކުގެ ނުވަތަ ބެލެންސް ޝީޓުގެ ބަލިކަށިކަމެއް ނޫނެވެ. ބޭންކުން ދަނީ ޑޮލަރުގެ ހާލަތު ވަރަށް ގާތުން ބަލައި، ކަސްޓަމަރުންނާއި ހިއްސާދާރުން އަދި މުޅި އިގްތިސާދުގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ދުރާލާ އަޅަމުންނެވެ. ކަސްޓަމަރުން ބޭންކަށް ކުރައްވާ އިތުބާރަށާއި، ހިއްސާދާރުން ދެއްވާ އެއްބާރުލުމާއި ޔަގީންކަމަށްޓަކައި ޝުކުރު ދަންނަވަމެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *