Support Us

ގްރީންލޭންޑްގައި ދާއިމީ ދިފާއީ ބާރެއް ގާއިމުކުރުމުގެ ޑީލް އެމެރިކާއަށް

ގްރީންލޭންޑްގައި ދާއިމީ ދިފާއީ ބާރެއް ގާއިމުކުރުމުގެ ޑީލެއް އެމެރިކާއަށް ދިނުމަށް ޑެންމާކާއި ގްރީންލޭންޑުން ނިންމައިފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރަން ހަމަޖައްސައިފައިވަނީ އަންނަ ހަފުތާގައި ބާއްވާ އދ.ގެ އާއްމު ބައްދަލުވުމުގައިކަމަށް ޑެންމާކާއި ގްރީންލޭންޑުން ގުޅިގެން ނެރުނު ބަޔާނެއްގައި އިއްޔެ ބުންޏެވެ.

މައުދަންތަކުން އެންމެ މުއްސަނދި ދުނިޔޭގެ އެންމެ ބޮޑު ޖަޒީރާކަމަށްވާ، އާބާދީގައި 56،000 މީހުން އުޅޭ ގްރީންލޭންޑަކީ އަމިއްލަ ވެރިކަމެއް ހިންގާ، ޑެންމާކްގެ ދުސްތޫރީ ރަސްކަމުގެ ބައެކެވެ.

"ޑެންމާކާއި ގްރީންލޭންޑްގެ މަންދޫބުންނާއެކު އަހަރެންގެ ބެލުމުގެ ދަށުންކުރި މަސައްކަތުން އެމެރިކާއަށް ދާއިމީ ގޮތެއްގައި މިހާރު ލިބިފައިވަނީ ގްރީންލޭންޑްގައި ކޮންމެހެން ކުރަން ޖެހޭ ކަންތައްތައް ދާއިމީ ގޮތެއްގައި އަހަރެމެންގެ ފުރިހަމަ ބާރުގައި ކުރުމަށް،" އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ފޮޓޯ) ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމެރިކާއާ ދުޝްމިން ގައުމުތަކުން ގްރީންލޭންޑްގައި އަސްކަރީ މަރުކަޒު ހެދުމަށާއި ސިފައިން ބޭތިއްބުމަށް މީގެ ފަހުން ހުއްދަ ދޭނީ ހަމައެކަނި އެމެރިކާއިން ލިޔުމުންކަމަށެވެ.

ޓްރަމްޕް ވިދާޅުވީ އެމެރިކާގެ އަސްކަރީ ތަންތަން ގްރީންލޭންޑްގެ ރަނގަޅު ސަރަހައްދުތަކުގައި ގާއިމުކުރާނެކަމަށެވެ. އެކަށީގެންވާ ބައިވަރު ތަންތަން މިހާރުވެސް ފާހަގަކުރެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"މިއީ ތާރީހީ ޑީލެއް. އުތުރު އެމެރިކާ ބައްރުގެ ދިފާއީ ސަރަހައްދަކަށް ގްރީންލޭންޑް ދާއިމީ ގޮތެއްގައި ހަދައިލެވޭނެ،" އެމެރިކާގެ ހާރިޖީ ވަޒީރު މާކޯ ރުބިއޯ ވިދާޅުވިއެވެ.

މި ފަދަ އެއްބަސްވުމެއް އެމެރިކާއާ ގާއިމުކުރިޔަސް މީގެ މާނައަކީ ގްރީންލޭންޑްގެ ސިޔާދަތީ ބާރު އެމެރިކާއަށް ދިނުން ނޫންކަމަށް ޑެންމާކާއި ގްރީންލޭންޑުން ބުންޏެވެ.

ޑެންމާކްގެ ބޮޑުވަޒީރު މެޓަ ފްރެޑަރިކްސަން ވިދާޅުވީ އެމެރިކާއާއެކު ގާއިމުކުރާ އެއްބަސްވުމުގައި ގްރީންލޭންޑްގެ ސިޔާދަތު ދޫކޮށްނުލާކަމަށާއި ބިންވެސް އެއީ ހަމަ ޑެންމާކްގެ ބައެއްކަމަށާއި ގްރީންލޭންޑްގެ ވެރިކަން ހިންގުމަށް ގޮތް ނިންމުމަކީ ހަމަ ގްރީންލޭންޑް ރައްޔިތުންގެ ހައްގެއްކަމަށެވެ.

"މި އެއްބަސްވުމުން ބަލައިގަންނަނީ ގްރީންލޭންޑްގެ މަސްލަހަތު،" ގްރީންލޭންޑްގެ ބޮޑުވަޒީރު ޔެންސް-ފްރެޑްރިކް ނީލްސެން ވިދާޅުވިއެވެ.

އެއްބަސްވުމުގައި ސޮއިކުރެވޭނީ ޑެންމާކް އާއި ގްރީންލޭންޑްގެވެސް ގާނޫނު ހަދާ މަޖިލީސްތަކުން ފާސްވެގެންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *