އިސްރާއީލު ސިފައިން ސޫރިޔާގެ ދެކުނު ސަރަހައްދަށް ވަންނަ ވަނުން ފުޅާކުރަން ފަށައިފިއެވެ.
އިސްރާއީލުން މިއަދުވަނީ ވެރިރަށް ދަމަޝްގްގެ ރަށްފުށު ހިސާބާއި ދަރައާ ސިޓީ އާއި ގުނައިތުރާ ސިޓީ (ފޮޓޯ) އަށްވެސް އާޓިލަރީން ހަމަލާދީފައެވެ.
އިސްރާއީލުން މި ގޮތަށް އަމަލުކުރީ އެ ގައުމާއި ސޫރިޔާއާ ދެމެދު އެމެރިކާ މެދުވެރިވެގެން ސަލާމަތާ ގުޅޭ ވާހަކަތައްވެސް ބާއްވައިފައިވަނިކޮށެވެ.
އިސްރާއީލު ފައުޖުތައްވަނީ ގުނައިތުރާގެ އުތުރު ސަރަހައްދުގައިވާ އަލް-އަމަލް ދަނޑުބިންތަކަށް ވަދެ، އެ ތަންތަނުގައި ހުޅުޖަހައިފައެވެ.
ބައިތު ޖިން ކައިރީގައި އާޓިލަރީން ހަތް ބުރަށް ހަމަލާދީ އެ ޓައުނަށް ވަނުމަށްފަހު ދަނޑުވެރިންގެ އަތުގައި ހުރީ ކޮން އެއްޗެއްސެއްތޯ ބެލިއެވެ.
އިސްރާއީލުން މި އަދާވާތްތެރި އަމަލުތައް ހިންގައިފައި މިވަނީ ސޫރިޔާގެ ދެކުނު ސަރަހައްދުގައި އިސްރާއީލުން ހިންގައިފައިވާ ބައެއް ހަރަކާތްތަކަކީ ހަނގުރާމައިގެ ޖަރީމާތަކެއްކަމަށްވުން އެކަށީގެންވާކަމަށް އދ.އިން ބުނެފައިވަނިކޮށެވެ.
އިސްރާއީލުން ބުނީ އެ ގައުމުން މި ހަރަކާތްތައް ހިންގީ އިސްރާއީލު ރައްޔިތުންގެ ސަލާމަތަށްޓަކައިކަމަށެވެ.
"ޖިހާދުކުރާ މީހުންގެ ނުރައްކާ އޮއްވައި އަހަރެމެން ހަރްމޫން ފަރުބަދަ އާއި ސަލާމަތީ ސަރަހައްދު ދުލެއް ނުކޮށްލައިނަން،" އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލު ކަޓްޒް ބުންޏެވެ.
އިސްރާއީލުން ސޫރިޔާގެ ސަރަހައްދުތަކަށް ވަންނަމުން ދިޔުމަކީ ސޫރިޔާގެ ސިޔާދަތަށް ނުރައްކާކުރުންކަމަށް ސޫރިޔާއިން އަބަދުވެސް ބުނަމުންދެއެވެ. އަދި އިސްރާއީލު ސިފައިން ސޫރިޔާގެ ބިމަށް ވަނުމަކީ ސޫރިޔާ އާއި އިސްރާއީލުން އެ ދެ ގައުމުގެ ސިފައިން ހުރަސްނުކުރާނެކަމަށް ބުނި އިން ކަނޑައެޅި 1974 ގެ އެއްބަސްވުމާ އިސްރާއީލުން ހިލާފުވި ހިލާފުވުމެއްކަމަށްވެސް ސޫރިޔާއިން ބުނަމުންދެއެވެ.



advertisment