އެމެރިކާގެ ހޮޓަލެއްގައި ބުކިން ހެދި މުއްދަތަށް ވުރެ އިތުރު ދުވަސްތަކެއްގައި ހުރި (ނުވަތަ އޯވަސްޓޭ ވި) މައްސަލައެއް ބެލުމުގެ ތެރޭގައި ހަތިޔާރާއި މަސްތުވާތަކެތި ގެންގުޅުމުގެ މައްސަލައެއް ފަޅާއަރައިފި އެވެ.
ފުލުހުން ބުނީ އެޓްލާންޓާގެ 33 އަހަރުގެ ޖެކޮބް ޓޭލާ ހައްޔަރުކުރީ ހިލްޓަން ގާޑަން އިން މި ދިޔަ މަހު ނުވައެއްގައި ކަމަށެވެ. އެއީ ކުށްވެރިޔަކު އެ ހޮޓެލްގައި ހުރި ކަމަށް ޓިޕެއް ލިބިގެން ކަމަށެވެ. އެއިރު އޭނާވަނީ ހޮޓަލުން ޗެކްއައުޓްކުރަން ޖެހޭ ދުވަސް ފަހަނަޅައި، ތިން ދުވަސްވުމުންވެސް ހޮޓަލުން ނުކުންނަން ދެކޮޅުހަދައިފައެވެ.
ފުލުހުން ބުނީ ޓޭލާ ފުރަތަމަ ދިނީ ފޭކް ނަމެއް ކަމަށާއި އެއްޗެހި ދުއްވުމުގެ ފޭކް ލައިސަންސެއް ކަމަށެވެ.
އޭނާ ހުރި ކޮޓަރިން ފެނުނީ ވަޒަން ލައްވައިފައިވާ ބަޑިއަކާއި ބައިވަރު މަސްތުވާތަކެއްޗެވެ. ޑްރަގްތަކުގެ ތެރޭގައި ހިމެނެނީ އެޑަރަލް، ޒެނެކްސް، ކޮކެއިން، ކްރެކް ކޮކެއިން، ކްރިސްޓަލް މެތަމްފެޓަމައިން އަދި ހެރޮއިންއެވެ.
ޓޭލާއާ ދެކޮޅަށް މިހާރު ވަނީ އެތައް ދައުވާއެއް އުފުލައިފައެވެ. އެއީ ހަތިޔާރާއި ޑްރަގް ގެންގުޅުމުގެ ކުށާއި ފޭކް ލިޔެކިޔުން ތައްޔާރުކުރުމާއި އަދި ހުއްދަ ނެތި ތަނެއްގައި ހުރުމުގެ ކުށުގެ ދައުވާއެވެ.
"މި މައްސަލަ ފެށުނީ ހުއްދަ ނެތި ތަނެއްގައި މީހަކު ހުރުމުގެ މައްސަލައަކުން. ނަމަވެސް މިހާރު މި މައްސަލަވެފައި ވަނީ ފެލަނީ (އެންމެ ސީރިއަސް ދައުވާތައް ކުރެވޭ) ކޭސްއަކަށް،" ފުލުހުންގެ އޮފިޝަލަކު ބުންޏެވެ.
ޓޭލާއަށް އެއް އަހަރަށްވުރެ ގިނަ ދުވަހުގެ ޖަލު ހުކުމެއް ނުވަތަ މަރުގެ ހުކުމް އައުންވެސް އެކަށީގެންވެއެވެ. ސަބަބަކީ މިއީ ފެލަނީ ކޭސްއަކަށް ވާތީއެވެ.



advertisment