ކުރުނބާ މޯލްޑިވްސްގެ ފަރުތައް އާލާކުރުމަށް މުރަކަ އިންދުމުގެ ޕްރޮގްރާމްގައި ބީ.އެމް.އެލް ބައިވެރިވެއްޖެއެވެ.
ބީ.އެމް.އެލް އިން ބުނިގޮތުގައި މި ހަރަކާތުގައި ގައުމީ ބޭންކުން ބައިވެރިވީ ދިވެހިރާއްޖޭގެ ނާޒުކު ކަނޑުފަޅުގެ މާހައުލު ހިމާޔަތްކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުންނެވެ.
މި ހަރަކާތުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފްގެ އިތުރުން، ބޭންކުގެ އިސް ވެރިންނާއި، މުވައްޒަފުން އަދި ނިވަ ކުރުނބާ މޯލްޑިވްސްގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިން ބައިވެރިވެ، އެ ރިސޯޓުގެ ފަރުތައް އާލާކުރުމަށް ވަނީ މުރަކަ އިންދުމުގައި އެހީތެރިކަން ފޯރުކޮށްދީފައިވާ ވެސް ކަމަށް ބީ.އެމް.އެލް އިން ބުނެއެވެ.

"މި ހަރަކާތަކީ ތިމާވެށީގެ ދެމެހެއްޓެނިވިކަމަށާއި، ކަނޑުގެ މާހައުލު ހިމާޔަތްކުރުމަށާއި، އަންނަން އޮތް ޖީލުތަކަށްޓަކައި ރާއްޖޭގެ ނާޒުކު ފަރުތައް ރައްކާތެރިކުރުމަށް ބޭންކުން ދޭ އިސްކަން ރަމްޒުކޮށްދޭ ކަމެކެވެ." ބީއެމްއެލްގެ ބަޔާނުގައިވެއެވެ.
ބީއެމްއެލްއިން މީގެ ކުރިންވެސް ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުރަކަ އިންދުމާއި ފަރުތައް އާލާކުރުމުގެ ހަރަކާތްތަކުގައި އެހީތެރިކަން ފޯރުކޮށްދީފައެވެ. އޭގެ ތެރޭގައި ގދ. ވާދޫގައި "ވާދޫ އެސޯސިއޭޝަން ފޮ ފިއުޗަރ ޑިވެލޮޕްމަންޓް" އިން ހިންގި މަޝްރޫއާއި، ބ. ދަރަވަންދޫގައި ކުރިއަށްގެންދިޔަ "މުރަކަ ފާމް އިނިޝިއޭޓިވް" ހިމެނެއެވެ.



advertisment

