Support Us

ގަތުލުއާއްމުގައި މަރައިލި ބޮސްނިޔާ ހާޒެގޮވީނާގެ މުސްލިމުން ވަޅުލައިފައިވާ ސްރެބްރެނިކާ-ޕޮޓޯޗަރީ ހަނދާނީ މެމޯރިއަލް މަރުކަޒު އަދި ރަޓްކޯ މްލަޑިޗް (ވަކި ފޮޓޯގައި)

ހަނގުރާމައިގެ މުޖުރިމު ރަޓްކޯ މްލަޑިޗް މަރުވެއްޖެ، ނަމަވެސް ބޮސްނިޔާގެ މުސްލިމުންގެ ވޭނަށް ނިމުމެއް ނެތް

އިއްޔެ މަރުވި ބޮސްނިޔާ ހާޒެގޮވީނާގެ ސާބު ދަރިކޮޅުގެ ކުރީގެ އަސްކަރީ ޖެނެރަލް، ރަޓްކޯ މްލަޑިޗްއާ 1995 ގެ ޖުލައިގައި ބައްދަލުވިއިރު އިއްޒުއްދީން އަލިޗްގެ އުމުރުން އެންމެ 12 އަހަރެވެ. މްލަޑިޗް ދިޔައީ ކުޑަކުދިންނަށް ޗޮކްލެޓް ބަހަމުންނެވެ. އެ ވަގުތު އިއްޒުއްދީންގެ ބައްޕަ ޝާހްޒަތުވަނީ ފިލަން ޖަންގަލި ތެރެއަށް ވަދެފައެވެ. ޝާހްޒަތުގެ ހަށިގަނޑު ފަހުން ފެނުނީ މާސް ގްރޭވް ނުވަތަ މަރައިލައިފައިވާ ގިނަ ބައެއްގެ ހަށިގަނޑު އުކައިލައި ފަސް އަޅައިފައިވާ ވަޅުގަނޑަކުންނެވެ.

"އޭނާ (މްލަޑިޗް)ވަނީ އަހަރެންގެ ބައްޕަ، ބޮޑުބޭބެ އަދި ބައިވަރު އެހެން މީހުންވެސް މަރައިލައިފައި،" ސާބިއާގައި 16 އަހަރުވަންދެން ފިލައިގެން އުޅެނިކޮށް 2011 ގެ މެއިގައި މްލަޑިޗް ހައްޔުރުކުރުމުން އަލިޗް ބުނެފައިވެއެވެ.

ބޮސްނިޔާ ހާޒެގޮވީނާގެ މުސްލިމުންގެ ނަސްލު ނައްތައިލަން ސްރެބްރެނިކާ ޓައުންގެ 8،000 ފިރިހެނުންނާއި ފިރިހެންކުދިން މަރައިލުމަށް 1995 ގައި ރާވައި އަދި ހިންގި ގަތުލުއާއްމުގެ ކުށް އދ.ގެ ޓްރައިބިއުނަލްއެއްގައި ސާބިތުވެގެން ނެދަލެންޑްސްގެ ހޭގް ސިޓީގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދިޔަ މްލަޑިޗް އުމުރުން 84 ގައި އިއްޔެ މަރުވީ އެތައް ފަހަރަކު ސްޓްރޯކް ޖެހިގެން ސިއްހީ ހާލަތު ދެރަވަމުން ގޮސް އދ.އިން ހިންގާ ހޭގްގައި ހުންނަ ޖަލު ހޮސްޕިޓަލެއްގައެވެ.

ޖުލައި 1995 ގެ ގަތުލުއާއްމު މްލަޑިޗްގެ ފައުޖުތަކުން ހިންގީ ސްރެބްރެނިކާއަކީ ރައްކާތެރި ތަނެއްގެ ގޮތުގައި އދ.އިން ކަނޑައަޅައިފައިވަނިކޮށެވެ. މަރައިލި މީހުންވަނީ އާއިލާތަކާ ވަކިކޮށްލައި، މަރައިލުމަށް ހާއްސަކުރި ތަންތަނަށް ގެންގޮސް މަރައިލައިފައި، ހަށިގަނޑުތައް މާސް ގްރޭވްތަކަށް އަޅައިލައިފައެވެ. އޭގެ ތެރެއިން އެތައް ހާސް ބައެއްގެ ހަށިގަނޑުތައް ފަހުންވަނީ ފެނިފައެވެ. އަދި އެ ތަންތަނުން ނަގައިގެން ގެންގޮސް ސްރެބްރެނިކާ-ޕޮޓޯޗަރީ ހަނދާނީ މެމޯރިއަލް މަރުކަޒުގައި ވަޅުލައިފައެވެ.

ހަށިގަނޑުތައް އަދިވެސް ދަނީ ފެންނަމުން

މްލަޑިޗް މަރުވުމަކުން ބޮސްނިޔާ ހާޒެގޮވީނާގެ މުސްލިމުންގެ ނަފުސާނީ ވޭނަށް ނިމުމެއް އައީކީ ނޫނެވެ. ވީ ގޮތެއް ނޭނގޭ އެތައް ބައެއްގެ ހަށިގަނޑުތައް އަދިވެސް ދަނީ ފެންނަމުންނެވެ. ދާދި ފަހުންވެސް އަނެއްކާވަނީ ހަށިގަނޑުތަކެއް ފެނިފައެވެ. އެއީ މި ދިޔަ މަހު 11 ގައި ވަޅުލި 10 މީހުންގެ ހަށިގަނޑެވެ. ބޮސްނިޔާ ހާޒެގޮވީނާގެ މުސްލިމުންގެ ނަސްލު ނައްތައިލަން ހިންގި ގަތުލުއާންމަށް 31 އަހަރު ފުރުން މި ދިޔަ މަހު އެ ދުވަހު ފާހަގަކުރި ރަސްމިއްޔާތާ ދިމާކޮށް އެ 10 ހަށިގަނޑު ވަޅުލިއިރު ޖެނޮސައިޑުގައި ގެއްލުވައިލި ހާހެއްހާ މުސްލިމުން އަދިވެސް ނުފެނެއެވެ.

ޖުލައި 11 އަކީ ސްރެބްރެނިކާގެ ޖެނޮސައިޑް ކޮންމެ އަހަރަކު ހަނދާންކުރާ ދުވަސް ގޮތަށް ހަމަޖެއްސީ އދ.އިންނެވެ. ނަމަވެސް، އެއާއެކުވެސް، ސްރެބްރެނިކާގައި ޖެނޮސައިޑެއް ހިންގިކަމާ ދެކޮޅުހަދާ މީހުން އަދިވެސް އުޅެއެވެ. ގަތަރުގެ ހަބަރު ފަތުރާ އެޖެންސީ އަލް ޖަޒީރާއިންވަނީ މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުވެސް މި ފަދަ، ޖެނޮސައިޑް ނުހިންގާކަމަށް ފާޅުގައި ބުނާ 149 ކޭސް ރިޕޯޓްކޮށްފައެވެ.

ސްރެބްރެނިކާ ގަތުލުއާއްމުގައި ސަލާމަތްވި އެކަކީ އަމީރު ބަކްތީޗްއެވެ. އެއިރު އޭނާގެ އުމުރަކީ 16 އަހަރެވެ. އޭނާ އާއި އޭނާގެ ބައްޕަ ފިލަން މަސައްކަތްކުރަނިކޮށް އަތުލައިގަތެވެ. އޭނާ އޮތީ އޭނާގެ ބައްޕަގެ އުނގުގައި ބޯ އަޅައިލައިގެންނެވެ. ދެން އެންމެ ފަހު ފަހަރަށް ބައްދައިލިއެވެ.

"އަހަރެންނަށް އަހަރެންގެ ބައްޕަ ގެއްލުނު. ބައްޕަ މަރައިލީ އެ ރޭ،" ބަކްތީޗް އަލް ޖަޒީރާއަށް ބުންޏެވެ. ބައްޕަގެ ހަށިގަނޑު ފެނުނީ 2011 ގައެވެ.

އިންސާފު ލިބުނީ މްލަޑިޗް އުމުރަށް ޖަލަށް ލުމުން

ސްރެބްރެނިކާ ހަނދާނީ މަރުކަޒުގެ ވެރިޔާ އަމީރު ސޫލްޔަގީޗް އިއްޔެ ބުނީ މްލަޑިޗް މަރުވުމަކުން އޭނާ މަރައިލި މީހުން އަލުން އަނބުރާ ނާންނާނެކަމަށާއި މާސް ގްރޭވްތައް ސާފެއް ނުކުރެވޭނެކަމަށާއި ނަމަވެސް އަސްލު މުހިންމީ ހަގީގަތް ރައްކާތެރިކުރުމާއި ޒިންމާ ނެގުމާއި އަދި މަރައިލި މީހުންގެ ހަނދާންތައް މްލަޑިޗާއެކު ފުހެވިގެންދިޔަނުދިނުންކަމަށެވެ.

"އެއީ އަހަރެންގެ ވަޒީފާގެ އެންމެ އުނދަގޫ ކަންތައްތައް،" އޭނާ ބުންޏެވެ.

މްލަޑިޗް މަރައިލި މީހުންގެ ތެރޭގައި އުމުރުން 82 އަހަރުގެ ކާދާ ހޯޓީޗްގެ ފިރިމީހާ އާއި އޭނާގެ އުމުރުން 29 އަހަރުގެ ފިރިހެން ދަރިފުޅު ހިމެނެއެވެ. ކާދާ ބުނީ މްލަޑިޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވި ހިސާބުން އެއީ އިންސާފު ލިބުންކަމަށެވެ.

"މްލަޑިޗް އެ މަރުވީ އޭނާގެ އަބުރާއި އިއްޒަތް ގެއްލިފައިވާ ހާލުގައި. އެހެން އެވީ އޭނާ އެހާ ބައިވަރު މީހުން މަރައިލައިފައިވުމުން،" ކާދާ ބުންޏެވެ.

އޭނާ އެ ބުނި ވާހަކައިގައި ބޮޑު ބަރުދަނެއްވެއެވެ. ސަބަބަކީ މްލަޑިޗަށް މީހުން ކިޔަން ފެށީވެސް "ބުޗަރ އޮފް ބޮސްނިޔާ"އެވެ. މާނައަކީ، ބޮސްނިޔާގައި އަނިޔާވެރިކޮށް ނުވަތަ ބޭނުމެއް ނެތް ގޮތުގައި މީހުން މެރި މީހާއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *