ބޮސްނިޔާ ހާޒެގޮވީނާގެ މުސްލިމުންގެ ނަސްލު ނައްތައިލަން ހިންގި ގަތުލުއާންމަށް 31 އަހަރު ފުރުނުއިރު އިތުރު 10 މީހުންގެ ހަށިގަނޑު ފެނިއްޖެއެވެ.
ބޮސްނިޔާގެ ސާބު ސިފައިން 1995 ހިންގި ގަތުލުއާންމުގައި 8،000 އަށްވުރެ ގިނަ ބޮސްނިޔާ ހާޒެގޮވީނާގެ މުސްލިމް ފިރިހެނުންނާއި ފިރިހެން ކުދިން ޝަހީދުކޮށްލައިފައިވާއިރު، އަލަށް ހޯދުނު 10 ހަށިގަނޑު ވަނީ އިއްޔެ ސްރެބްރެނިކާ ޓައުންގައި ވަޅުލައިފައެވެ. އެއީ ކޮންމެ އަހަރަކު އެ ގަތުލުއާންމު ހަނދާންކުރަން ބާއްވާ ރަސްމިއްޔާތާ ދިމާކޮށެވެ. ގަތުލުއާންމު ހިންގީ ސްރެބްރެނިކާއަކީ ސަލާމަތްތެރި ސަރަހައްދެއް ކަމަށް އދ.އިން ކަނޑައެޅިތާ ދެ އަހަރު ފަހުންނެވެ.
ޖެނޮސައިޑުގައި ގެއްލުވައިލި ހާހެއްހާ މުސްލިމުން އަދިވެސް ނުފެނެއެވެ.
ގަތުލުއާންމު ހަނދާންކުރަން އެތައް ހާސް ބަޔަކު ވަނީ ސްރެބްރެނިކާއަށް ޖަމާވެފައެވެ. މި ކަމުގެ ސަބަބުން ޝަހީދުކޮށްލި މީހުންގެ އަދަދުގެ ގިނަ ކަމަށް އަނެއްކާވެސް ވަނީ ދުނިޔޭގެ ނަޒަރު ހުއްޓިފައެވެ.
"މިއީ ހަމައެކަނި އަހަރެމެންގައި އަޅާ ވޭނެއް ނޫން. މިއީ މުޅި ދުނިޔެއަށް ހުރި އިންޒާރެއް،" ބޮސްނިޔާ ހާޒެގޮވީނާގެ ތިން މީހުންގެ މައްޗަށް އެކުލެވޭ ރިޔާސަތުގެ މެންބަރެއް ކަމަށްވާ ޑެނީސް ބެޗީރޮވިޗް ވިދާޅުވިއެވެ.
އޭނާ ގޮވައިލެއްވީ ތެދުވެރިކަމާއި އިންސާފު ރައްކާތެރި ކުރުމަށެވެ.
ސްރެބްރެނިކާގައި ހިންގި ގަތުލުއާންމަކީ ދެވަނަ ބޮޑު ހަނގުރާމައިގައި ޖަރުމަނުގައި ހަ މިލިއަން ޔަހޫދީން މަރައިލި ގަތުލުއާންމަށްފަހު ޔޫރަޕްގައި ހިންގި ނަސްލު ނައްތައިލުމުގެ އެންމެ ބޮޑު ޖެނޮސައިޑެވެ. ސްރެބްރެނިކާގެ ކައިރީގައިވާ ސަރަހައްދުތަކުން މާސް ގްރޭވްސް ނުވަތަ ހަށިގަނޑުތައް ފުންޏަކަށް އަޅައިލައި ފަސް އަޅައިފައިވާ ވަޅުގަނޑުތަކުން ޝަހީދުކޮށްލި މުސްލިމުންގެ ހަށިގަނޑުތައް ތަހުގީގުކުރާ ފަރާތްތަކުން އަދިވެސް ދަނީ ހޯދަމުންނެވެ.
ބޮސްނިޔާ ހާޒެގޮވީނާގެ ޖެނޮސައިޑް ހިންގީ ކުރީގެ ޔުގޮސްލާވިއާ ބައިބައިވެ، ބޮސްނިޔާގެ މުސްލިމުންނާއި ބޮސްނިޔާގެ ސާބުންނާއި ބޮސްނިޔާގެ ކްރޮއެޓުންނާ ދޭތެރޭ 1992 އާއި 1995 އާ ދޭތެރޭ ހިނގި ހަނގުރާމައިގައެވެ. ހަނގުރާމައިގައި 100،000 އަށްވުރެ ގިނަ މީހުން މަރުވިއެވެ.



advertisment