Support Us

ރޮހިންޔާ ރެފިއުޖީންތަކެއް ބަނގްލަދޭޝްގައި އަދި ސައްޔިދު އާލަމް (ވަކި ފޮޓޯގައި)

ރޮހިންޔާ ޖެނޮސައިޑަށް 9 އަހަރު- ބަނގްލަދޭޝްގައި ދާއިމީ ރެފިއުޖީންނަށް އެ މީހުން ވީބާ؟

ސައްޔިދު އާލަމްއަކީ ރޮހިންޔާ ރެފިއުޖީއެކެވެ. އިންސާނީ އެހީ ދިނުމުގެ ދާއިރާއިން މަސައްކަތްކުރާ ސައްޔިދު 2017 ގައި މިޔަންމާއިން ފިލަން ޖެހުނު ސަބަބުތައް އިއްޔެވީ ކަމެއްހެން އޭނާގެ ހަނދާނުގައި އަދިވެސް އެބަހުއްޓެވެ. އެއީ މީގެ ނުވަ އަހަރު ކުރިން މިޔަންމާގެ އަސްކަރިއްޔާއިން އޭނާގެ އާއިލާ އާއި ރޮހިންޔާ މުސްލިމް ދަރިކޮޅު މުޖުތަމައަށް ކުރިމަތިކުރި އަނިޔާތަކެވެ.

"މިޔަންމާގެ ސިފައިންވަނީ އަހަރެމެންގެ މައިންނާއި ދައްތައިންނާއި ކޮއްކޮއިން ރޭޕްކޮށްފައި. އަހަރެމެންގެ ގެދޮރު އަންދައިލައިފައި. އަހަރެމެންގެ ކުޑަކުދިން ކޯރުތަކަށް އުކައިލައިފައި. އެ ކުދިންގެ ގައިގައި ރޯކޮށްލައިފައި. އަހަރެމެންނަށް މިޔަންމާގައި ދިރިނޫޅެވޭނެވަރަށް އަހަރެމެންނަށް އަނިޔާވެރިވި،" ސައްޔިދު ކިޔައިދިނެވެ.

ދުނިޔޭގެ އެންމެ ބޮޑު ރެފިއުޖީ ކޭމްޕް

މިޔަންމާއިން ފިލައިގެން ބަނގްލަދޭޝްއަށް ހިޖުރަކުރި ރޮހިންޔާގެ 700،000 އެއްހާ ރެފިއުޖީން ފަދައިން ސައްޔިދުވެސް މިހާރު ދިރިއުޅެނީ، ރޮހިންޔާ ރެފިއުޖީންގެ އާބާދީގެ ސަބަބުން ދުނިޔޭގެ އެންމެ ބޮޑު ރެފިއުޖީ ކޭމްޕަށްވެފައިވާ، ބަނގްލަދޭޝްގެ ކޮކްސް ބަޒަރު ސިޓީގެ ރެފިއުޖީ ކޭމްޕްތަކުގައެވެ.

ނުވަ އަހަރުވީއިރުވެސް ރޮހިންޔާގެ ރެފިއުޖީން އަދިވެސް ތިބީ އިންސާފާއި ރައްކާތެރިކަމާއެކު އަނބުރާ ގައުމަށް ދެވޭނެކަމުގެ އިންތިޒާރުގައެވެ. އެ މީހުންގެ ހިތުން ނުފިލާ ސުވާލަކީ އަނބުރާ ވަޒަނަށް ދުވަހަކުވެސް ދެވޭނެބާވައެވެ؟

އަންގާރަ ދުވަހު ކޮކްސް ބަޒަރުގައި އެ މީހުންވަނީ "ރޮހިންޔާ ޖެނޮސައިޑް ޑޭ" ނުވަތަ "ރޮހިންޔާ ނަސްލު ނައްތައިލުމުގެ ދުވަސް"ގެ ނަމުން ފާހަގަކުރާ ދުވަހަށް ނުވަ އަހަރު ފުރުން ފާހަގަކޮށްފައެވެ. އެ މީހުން ގޮވައިލީ ދާއިމީކޮށް އެހެން ތަނެއްގައި ވަޒަންވެރިކުރުވައިކަށެއް ނޫނެވެ. ނަމަވެސް ރައްކާތެރިކަމާއި އަމިއްލަ އިހްތިޔާރުގައި، މިޔަންމާގެ ރައްޔިތުކަމާއި ހައްގުތަކާއި ޝަރަފު އޮތް ހާލަތުގައި އެނބުރި ވަޒަނަށް ދިއުމަށެވެ.

އެހީ ލިބުން މިހާރު ދަތި

މިއަދު ބަނގްލަދޭޝްގެ ތޮއްޖެހިފައިވާ 30 ކޭމްޕްގައި ރޮހިންޔާގެ 1.2 މިލިއަން ރެފިއުޖީން ދިރިއުޅެއެވެ. އޭގެ ތެރެއިން 75 ޕަސެންޓަށްވުރެ ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އެ މީހުންނަށް ފޯރުކޮށްދޭ އެހީތައް ދަނީ މަދުވަމުންނެވެ. ތައުލީމީ ހިދުމަތްތައް ދަނީ ދަށަށެވެ. އަދި ކާބޯތަކެތި ފޯރުކޮށްދިނުންވެސްވަނީ މަދުވެފައެވެ. ހާލަތު އިތުރަށް ގޯސްވަމުންދަނީ އެ މީހުން ދިރިއުޅުނު މިޔަންމާގެ ރަކީން (އިހުގައި ކިޔާ ގޮތުން އަރަކަން) ސްޓޭޓްގެ ހަނގުރާމަވެރި ގްރޫޕެއްކަމަށްވާ އަރަކަން އާމީގެ ހަރަކާތްތައް ހުރި ގޮތުން އިތުރު ރެފިއުޖީން އަދިވެސް ބަނގްލަދޭޝްއަށް އަންނަމުންދާތީއެވެ.

"މިއީ އިންސާފު ލިބުން ލަސްވެފައިވާ ނުވަ އަހަރު. ފުރިހަމަ ހައްގުތަކާއި ޝަރަފާއެކު އަނބުރާ ގައުމަށް ދިއުމަށް ސާފު މަގެއް ނެތް. އަހަރެމެން އެދޭހާވެސް ކަމަކީ ފުރިހަމަ ހައްގުތަކާއި އަމާންކަމާއި ރައްކާތެރިކަމާއި ޝަރަފާއި އަދި އިންސާފާއެކު އެނބުރި އަހަރެމެންގެ ވަޒަނަށް ދާން،" ރޮހިންޔާގެ ހައްގުތަކަށް ވަކާލާތުކުރާ ބައިނަލްއަގުވާމީ ވިއުގަ، ފްރީ ރޮހިންޔާ ކޯލިޝަން އުފެއްދި އެކަކުކަމަށްވާ ނޭ ސަން ލުއިން ބުންޏެވެ.

ރޮހިންޔާއަށް މިޔަންމާ އަދިވެސް ރައްކާތެރިއެއް ނޫން

މިޔަންމާގެ ތެރޭގައި ރޮހިންޔާއަށް އޮތް ނުރައްކާތައް އަދިވެސް ނެތިގެނެއްނުދެއެވެ. ރޮހިންޔާ މީހުންގެ ރައްކާތެރިކަމަށް މަސައްކަތްކުރުމަށް އިނގިރޭސި ވިލާތުގައި ގާއިމުކޮށްފައިވާ ބާމީސް ރޮހިންޔާ އޯގަނައިޒޭޝަން ޔޫކޭގެ ރައީސް ޓޫން ކިން ބުނީ އަރަކަން އާމީގެ ބާރު އޮތް ސަރަހައްދުތަކުގައި އެ ގްރޫޕާ ގުޅެން ރޮހިންޔާ މީހުންނަށް މަޖުބޫރުކުރާކަމަށެވެ. އަދި ގަދަކަމުން މަސައްކަތްކުރުވައި، ބަންދުކޮށް، ތަންތަނަށް ދިއުމަށް ހުރަސްއަޅައި އަދި ޖިންސީ އަނިޔާވެސްކުރާކަމަށެވެ. އޭނާ ބުނީ ރޮހިންޔާ މީހުންނާ ދެކޮޅަށް ހިންގާ އަނިޔާވެރިކަމާއި އެ މީހުންގެ އައިޑެންޓިޓީއާ ދެކޮޅު ހަރަކާތްތައް ކުރިއަށްދާކަމަށެވެ.

ރޮހިންޔާ ނަސްލު ނައްތައިލަން މިޔަންމާގެ އަސްކަރިއްޔާ އާއި އަރަކަން އާމީންކުރި ކަންތައްތަކުގެ ނަތީޖާ ރެފިއުޖީ ކޭމްޕްތަކުގައިވެސް ހުރީ ހާމަކަންބޮޑުކޮށް ފެންނާށެވެ. އެ ގޮތުން 2017 ގެ އަނިޔާވެރިކަމުން ސަލާމަތްވެގެން ފިލައިގެން ބަނގްލަދޭޝްއަށް ދިޔަ ކުޑަކުދިން ބޮޑުވަމުން ދަނީ އެކަށީގެންވާ ތައުލީމު ނުލިބިއެވެ. ރެފިއުޖީ ކޭމްޕްތަކުގައި އުފަންވި ކުދިންނަށް އެ ނޫން "ގެއެއް" ނޭނގެއެވެ.

އދ.އިން ބުނީ ބަނގްލަދޭޝްއަށް ހިޖުރަކުރުމުގައި ކަނޑުމަގު އިހްތިޔާރުކުރާ ރޮހިންޔާ މީހުންނަށް ނުރައްކާ ހުރިކަމަށެވެ. އެ ގޮތުން މި ދިޔަ އަހަރު ކަނޑުމަގުން ބަނގްލަދޭޝްއަށް ހިޖުރަކުރަން މަސައްކަތްކުރި މީހުންގެ ތެރެއިން 900 މީހުން މަރުވިކަމަށެވެ.

"މީގެ މާނައަކީ އަހަރެމެން އިތުރު 50 އެއްހާ އަހަރު މި ތާ ތިބެންވީތަ؟" ރޮހިންޔާގެ ރެފިއުޖީންގެ ލީޑަރެއްގެ ގޮތުގައި މަސައްކަތްކުރާ ސައްޔިދުﷲ ސުވާލު އުފެއްދިއެވެ.

އޭނާ ބުނީ މިޔަންމާގެ އަސްކަރިއްޔާއިންވެސް އަދި އަރަކަން އާމީންވެސް ރަކީން ސްޓޭޓަކީ ރޮހިންޔާ ރައްޔިތުންނަށް ރައްކާތެރި ތަނަކަށް ހަދައިދީފައިނުވާކަމަށެވެ.

އިންސާފުގެ މާނަ

އެހެންކަމުން، މިޔަންމާ ސަރުކާރުން ރައްޔިތުކަން ނަގައިލި ރޮހިންޔާ މީހުންނަށް އިންސާފަކީ ކޯޓެއްގެ ހުކުމަކަށްވުރެ ބޮޑު އެއްޗެކެވެ. އެ މީހުން އިންސާފު ލިބުން ދެކެނީ އެ މީހުންގެ ވިލެޖްތަކަށް އަނބުރާ ދިއުމަށް މަގުފަހިވުމެވެ. އެ މީހުންގެ ހައްގުތައް އަނބުރާ ލިބުމެވެ. އެ މީހުންގެ އިހުޒަމާނުގެ ވަޒަނުގައި ދަރިން ބޮޑުކުރުމަށް ފުރުސަތު ލިބުމެވެ.

"އިންސާފުގެ މާނައަކީ ހަމައެކަނި ގާނޫނީ ކޭސްތަކެއް ނޫން. އިންސާފުގެ މާނައަކީ އަހަރެމެންގެ ބިމަށް އެނބުރި ދިއުން،" ޓޫން ބުންޏެވެ.

ނުވަ އަހަރަށްފަހު މިހާރު އޮތް ބިރަކީ އިންސާފު ލިބޭނީ އެ އިންސާފުން ރައްކާތެރިކޮށްދޭން ޖެހޭ ރައްޔިތުން އެ މީހުންގެ ވަޒަނުން ފުހެވިގެން ދިއުމުންކަމަށްވުމެވެ.

ކޮންމެ ގޮތެއް ހަދައިފައިވެސް މިޔަންމާއަށް އެނބުރި ދާން ބޭނުންވުން

މިޔަންމާއިން ނޫރު އައިނާ 2017 ގައި ފިލައިގެން ދިޔައިރު އޭނާގެ އުމުރަކީ 18 އަހަރެވެ. އޭނާ މިހާރު މަސައްކަތްކުރަނީ މިޔަންމާގެ ބަސް ކިޔަވައިދޭ އަންހެނެއްގެ ގޮތުގައެވެ. އދ.ގެ ރެފިއުޖީންނާ ބެހޭ އިދާރާ، އޮފިސް އޮފް ދަ ޔުނައިޓަޑް ނޭޝަންސް ހައި ކޮމިޝަނަރ ފޮ ރެފިއުޖީސް (ޔޫ.އެން.އެޗް.ސީ.އާރް)އަށް ނޫރު ކިޔައިދިން ގޮތުގައި މިޔަންމާގައި ދިރިއުޅުނުއިރު އޭނާ ވަޒީފާ އަދާނުކުރިޔަސް އާއިލާއަށް ދިރިއުޅެވެއެވެ. ނަމަވެސް މިހާރު ރެފިއުޖީއެއްގެ ގޮތުގައި ބަނގްލަދޭޝްގައި އުޅެން ޖެހިފައިވުމުން އާމްދަނީ ލިބޭ މަސައްކަތެއްކުރަން ޖެހެއެވެ.

"އަހަރެންގެ ގެއާއި ބަގީޗާތައް މަތިން ވަރަށް ގިނައިން ހަނދާންވޭ. އެކަމަކު އެންމެ ބޮޑަށް އަހަރެން ހަނދާންވަނީ އަހަރެން ސްކޫލަށް ގޮސް ކިޔެވި ހަނދާން،" އޭނާ ބުންޏެވެ.

ރޮހިންޔާ ޖެނޮސައިޑަށް ނުވަ އަހަރު ފުރުން ފާހަގަކުރަން އިއްޔެ ބޭއްވި އެއްވުމެއްގައި ސައްޔިދުﷲ ބުނީ އެހެން ބަޔަކު ރޮހިންޔާއަށް އެހީނުވިޔަސް އެ މީހުން މިޔަންމާއަށް އެނބުރި ދިއުމަށް މަސައްކަތްކުރާނެކަމަށެވެ. އދ.އިން ބުނެފައިވަނީ ރޮހިންޔާ މީހުންނަކީ މިއަދުގެ ދުނިޔޭގައި ދައުލަތެއް ނެތް އެންމެ ބޮޑު އާބާދީކަމަށެވެ.

"އަހަރެމެން އަނބުރާ ދިއުމަށް ބައިނަލްއަގުވާމީ މުޖުތަމައުން މަގުފަހިކޮށްދޭނެކަމަށް ބަލައިގެން އިންތިޒާރުގައި ތިބެވޭކަށް ނެތް. އަހަރެމެން އެނބުރި ވަޒަނަށް ދިއުން ކަށަވަރުކުރަން ކުރެވެން ހުރި ކޮންމެ ފަދަ ކަމެއްވެސް ކުރާނަން،" އޭނާ ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *