އީރާނާ ވިޔަފާރީގެ ގުޅުންތައް ދަމަހައްޓާ ގައުމުތަކާ ދެކޮޅަށް އެމެރިކާއިން އިއުލާންކުރި ދަތިކުރުމުގެ ފިޔަވަޅުތައް ޗައިނާއިން ކުށްވެރިކޮށްފިއެވެ. ޗައިނާއަކީ އީރާންގެ އަތުން އެންމެ ގިނައިން ތެޔޮ ގަންނަ އަދި އީރާންގެ އެންމެ ބޮޑު ވިޔަފާރީގެ ބައިވެރިޔާއެވެ.
އީރާނާ ދެކޮޅަށްވެސް އެމެރިކާއިން އިއުލާންކޮށްފައިވާ "އިގުތިސާދީ ހަނގުރާމަ" ކުށްވެރިކުރަމުން ޗައިނާއިން އިއްޔެ ބުނީ ޗައިނާއިން ޗައިނާގެ މަސްލަހަތު ރައްކާތެރިކުރާނެކަމަށެވެ.
އެމެރިކާގެ ޓްރެޒަރީ ވަޒީރު ސްކޮޓް ބެސެންޓް ހޯމަ ދުވަހު އިއުލާންކުރެއްވި ދަތިކުރުމުގެ ފިޔަވަޅުތައް އެޅި ފަރާތްތަކުގެ ތެރޭގައި އީރާނާ ގުޅުން ހުރި 60 މީހުންނާއި ކުންފުނިތަކާއި ބޯޓުފަހަރު ހިމެނެއެވެ. އޭގެ ތެރޭގައި ޗައިނާގެ ފަސް ކުންފުންޏަކާއި އެ ތަނުން ކުންފުންޏެއްގެ ޑިރެކްޓަރު ހިމެނެއެވެ. އެ ފަސް ކުންފުންޏަކީ މައިގަނޑު ގޮތެއްގައި އީރާންގެ ނިއުކްލިއަ، މިސައިލް އަދި ތެލުގެ ފައިދާގެ ވިއުގަތަކަށް ޕްރޮކިއުމަންޓް، ލޮޖިސްޓިކްސް އަދި ޝިޕިންގެ ޒަރީއާއިން އެހީވާ ކުންފުނިތަކެވެ.
ޗައިނާގެ ހާރިޖިއްޔާގެ ތަރުޖަމާނު ލިން ޔިއަން ބުނީ ބައިނަލްއަގުވާމީ ގާނޫނުގައި އަސާސެއް ނެތް ނުވަތަ އދ.ގެ ސަލާމަތީ މަޖިލީހުގެ މެންޑޭޓެއް ނެތް "އަމިއްލަ އަމިއްލައަށް އަޅާ ދަތިކުރުމުގެ ފިޔަވަޅުތަ"ކާ ޗައިނާއިން ދެކޮޅުކަމަށެވެ.
"ޗައިނާ އާއި އީރާނާ ދެމެދު އޮތް އެއްބާރުލުން އަބަދުވެސް ކުރިއަށް ގެންގޮސްފައިވަނީ ބައިނަލްއަގުވާމީ އޮނިގަނޑުގެ ތެރެއިން،" އޭނާ ބުންޏެވެ.
ލިން އިތުރަށް ބުނީ ޗައިނާގެ ހައްގުތަކާއި އެ ގައުމުގެ މަސްލަހަތު އެ ގައުމުން ރައްކާތެރިކުރާނެކަމަށެވެ.

ބެސެންޓް ވިދާޅުވެފައިވަނީ "އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުން އެއްވެސް ފަރާތެއް ސަލާމަތެއް ނުވާނެ"ކަމަށެވެ. އޭނާ އިޝާރާތްކުރެއްވި ގޮތުން މުއައްސަސާތަކާ ދެކޮޅަށްވެސް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފާނެއެވެ. އޭނާ ވިދާޅުވެފައިވަނީ އީރާނަށް އެހީވާ ގައުމުތައް ޑޮލަރުގެ މާލީ ނިޒާމުންވެސް ބޭރުކޮށްލާނެކަމަށެވެ.
ފެބްރުއަރީގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން މެއިގައި އީރާންގެ ހާރިޖީ ވަޒީރު އައްބާސް އަރާގްޗީވަނީ ޗައިނާއަށް ވަޑައިގަން ޗައިނާގެ ހާރިޖީ ވަޒީރު ވޭންގް ޔީއާ ބައްދަލުކުރައްވައިފައެވެ.

މި ދިޔަ އަހަރު ސެޕްޓެމްބަރުގައި އީރާންގެ ރައީސް މަސްއޫދު ޕަޒަޝްކިޔާންވަނީ ޗައިނާއަށް ވަޑައިގަން ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ބައްދަލުކުރައްވައިފައެވެ.
ޝީވަނީ 2016 ގެ ޖެނުއަރީގައި އީރާނަށް ވަޑައިގަން އީރާންގެ ސުޕްރީމް ލީޑަރު އަލީ ހާމަނާއީ އާއި އީރާންގެ އެއިރުގެ ރައީސް ހަސަން ރޫހާނީއާ ބައްދަލުކުރައްވައިފައެވެ. ހާމަނާއީ އަވަހާރަކޮށްލީ އެމެރިކާ-އިސްރާއީލު އިއްތިހާދުން މި ދިޔަ ފެބްރުއަރީގައި ހަނގުރާމަ ފެށި ދުވަހުގެ ހަމަލާއެއްގައެވެ.



advertisment