Support Us

އިންސާނުންނަށް ދޭ ފަރުވާއަކުން ފުރަތަމަ ފަހަރަށް ހަރުފައެއް ކެންސަރުން ސަލާމަތްވެއްޖެ

އިންސާނުންނަށް ދޭ ފަރުވާއަކުން ފުރަތަމަ ފަހަރަށް ހަރުފައެއް ކެންސަރު ބަލިން ސަލާމަތްވެއްޖެއެވެ.

އުމުރުން 23 އަހަރުގެ ޕައިތަން ބާވަތުގެ އެ ހަރުފަގެ ބައްޔެއް ހުރިކަމަށް އިނގިރޭސި ވިލާތުގައި އެ ސޮރު ގެންގުޅޭ ޗެސްޓާ ޒުލުގެ ވެޓުންނަށް ފާހަގަކުރެވުނީ އެ ސޮރު ކާލެއް މަދުވެ، ހަރަކާތްތެރިކަން ކުޑަވާން ފެށުމުންނެވެ.

ދިގުމިނުގައި 15 ފޫޓު އަދި ބަރުދަނުގައި 50 ކިލޯ ހުރި، ހޮލީވުޑްގެ ތަރި ޖޯޑީ ފޮސްޓާގެ ނަން ދީފައިވާ ހަރުފަ ޑައެގްނޯސްކުރެވުނީ ފައިބްރޯސާކޯމާ ކެންސަރަށެވެ. މީގެ ސަބަބުން އެ ސޮރުގެ ކަތުރުކަށިގަނޑުގައި ޓިއުމަރެއް އުފެދިފައިވެއެވެ.

އެ ސޮރަށް ދިނީ އިންސާނުންނަށް ދޭ ކެންސަރު ފަރުވާއެއްކަމަށްވާ އިލެކްޓްރޯކީމޮތެރަޕީއެވެ. ނަމަވެސް ފުރަތަމަ ފަހަރުން ރަނގަޅުނުވެ، އަލުން އަނބުރާ ކެންސަރު އައިސް އެ ސޮރަށް ނުކެވެން ފެށުމުން، ލިވަޕޫލް ޔުނިވާސިޓީގެ ކެންސަރު ސްޕެޝަލިސްޓުންނާ ގުޅިގެން ހަރުފައަށް ރަނގަޅުވާނެ މަގަށް އިލެކްޓްރޯކީމޮތެރަޕީ ބަދަލުކޮށްލިއެވެ. އެއީ ކެންސަރަށް ދޭ ބްލީއޮމައިސިން ޑްރަގު ބޭނުންކޮށް، އިލެކްޓްރިކް ޕަލްސް ކޮންޓްރޯލްކޮށްގެންނެވެ. މިހެން ހެދުމުން އެ ބޭސް ކެންސަރު ސެލްތަކަށް ވަންނަން ފަސޭހަވިއެވެ.

ސާޖަރީގައި ޖޯޑީގެ ކަތުރުކަށިގަނޑުން ބައެއްވަނީ ނަގައިފައެވެ. މިހާރު ކެންސަރުން އެއްކޮށް ސަލާމަތްވެއްޖެއެވެ. އަދި ރަނގަޅަށް ކައިހަދައި، އުޅެނީ ކުރިންވެސް އުޅޭ އާދައިގެ ގޮތަށެވެ.

ލިވަޕޫލް ޔުނިވާސިޓީގެ ސްޕެޝަލިސްޓް ހޯސޭ އަލްވަރެޒް ޕީކޯނެލް ބުނީ ޖޯޑީ ސަލާމަތްވީ ހައިވާނު ބަގީޗާގެ ވެޓުންނާ ގުޅިގެން ފަރުވާއަށް ބަދަލު ގެނެސްގެން މަސައްކަތްކުރުމުންކަމަށެވެ.

"އެ ޕްރޮސީޖަރުގެ ތަފުސީލުތައް އަހަރެމެން ރަސްމީކޮށް ޝާއިއުކުރާނަން. އެއިރުން ދުނިޔޭގެ ކަންކޮޅުތަކުގެ ވެޓުންނަށް އެއިން ކަންތައްތަކެއް ދަސްވެ، އަހަރެމެންކުރި މަސައްކަތް އިތުރަށް ތަރައްގީކުރެވޭނެ،" އޭނާ ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *