Support Us

ހުރުމުޒާމެދު އީރާނާއެކު މަޝްވަރާއެއްނުކުރަން: ޓްރަމްޕް

ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ، އީރާނުގެ ބާރުގެ ދަށުގައި އޮންނަ ހުރުމުޒު ކަނޑުއޮޅި އަލުން ހުޅުވައިލުމާމެދު އީރާނާއެކު މަޝްވަރާނުކުރާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

"އީރާނާއެކު ވާހަކަތަކެއް ކުރިއަކަށްނުދޭ އަދި ވާހަކަތައް ބާއްވަން ޝެޑިއުލްކޮށްފައެއްވެސް ނުވޭ،" ޓްރަމްޕް (ފޮޓޯ) އިއްޔެ ވިދާޅުވިއެވެ.

ނަމަވެސް ޓްރަމްޕްގެ ވިދާޅުވުން އީރާނުން ދޮގުކުރިއެވެ. އަދި ބުނީ އެމެރިކާއާއެކު ޑިޕްލޮމެޓިކް މުއާމަލާތްތަކެއް އެބަ ކުރިއަށްދާ ކަމަށެވެ.

"އެމެރިކާއިން ދަނީ މަޝްވަރާތައް ކުރިއަށްގެންދަން އާދޭސްކުރަމުން،" އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރާގްޝީ ވިދާޅުވިއެވެ.

އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް އަދި އެމެރިކާއާއެކު ވާހަކަތައް ކުރިއަށްގެންދާ ވަފުދުގެ ވެރިޔާ މުހައްމަދު ބާގިރު ގާލީބާފު ވިދާޅުވީ ޖޫންގައި އެމެރިކާ އާއި އީރާނުން ސޮއިކުރި ސުލްހައިގެ ފަހުމްނާމާގައިވާ ނުކުތާތަކަށް އެމެރިކާއިން އިހްތިރާމްނުކުރާނަމަ ހުރުމުޒު ހުޅުވައިނުލައިނެ ކަމަށެވެ.

ހުރުމުޒުން ދަތުރުކުރާ އުޅަނދުފަހަރު ބޮޑުތަނުން މަދުވެފައިވާތީ ދުނިޔޭގެ ބާޒާރުގައި ތެލު އަގު އުފުލި، ތެޔޮ ފީފާއެއްގެ އަގު މިއަދު ހުރީ 91.56 ޑޮލަރު (1،411.85ރ.)ގައެވެ. ފެބްރުއަރީގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ. އެމެރިކާ އާއި އީރާނާ ދެމެދު ދާއިމީ ސުލްހައެއް ގާއިމުކުރަން ޖޫންގައި ސުލްހައިގެ ފަހުމްނާމާ ގާއިމުކުރުމުން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 68 ޑޮލަރު (1،048ރ.)އަށް ވެސް ދަށަށް ދިޔައެވެ.

ނަމަވެސް އެ ފަހުމްނާމާއަށް އަމަލުނުކުރާނެ ކަމަށް އީރާނުން ވަނީ ބުނެފައެވެ. އެއީ ހުރުމުޒުން އީރާނުގެ ގަވައިދުތަކާ ހިލާފަށް ދަތުރުކުރާ އުޅަނދުފަހަރަށް އީރާނުން ހަމަލާދޭން ފެށުމުން އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށުމުން އެއީ އެމެރިކާއިން ފަހުމްނާމާއާ ހިލާފުވީ ކަމަށް އީރާނުން ބުނެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *