ފޮޓޯއިން އެ ފެންނަނީ ޔޫރަޕްގެ އަލްޕްސް ފަރުބަދަ ރޭންޖަށް ސްނޯ ފައިބައިފައިވާ މަންޒަރެއް ނޫނެވެ. ނަމަވެސް އިންޑިއާގެ "ކުޑަ ސްވިޓްޒަލެންޑް"ގެ ނަމުން މިހާރު ވައިރަލްވެފައިވާ އެ "ރީތި ގޮނޑަ"ކީ ރާޖަސްތާން ސްޓޭޓްގެ އަޖްމަރު ޑިސްޓްރިކްޓްގެ ކިޝަންގަރު ސިޓީގައި ހުދު ސަންގުމަރުމަރު ހިލަ އާއި ގްރެނައިޓް ސާފުކޮށްފައި އުކާލައި ކުނޑީގެ ކުނިގޮނޑެވެ.
ގާތްގަނޑަކަށް 1،200 ޕްރޮސެސިން ޔުނިޓުން ދުވާލަކު 5،500 ޓަނުގެ ކުނޑި އުކާލާ 33 ހެކްޓަރުގެ އެ ތަނަކީ "މާބްލް ސިޓީ އޮފް އިންޑިއާ" ނުވަތަ "އިންޑިއާގެ ސަންގުމަރުމަރު ސަހަރު"ގެ ނަމުން މަޝްހޫރުވެފައިވާ ކިޝަންގަރުގެ "ކިޝަންގަރު ޑަމްޕިން ޔާޑް" ނުވަތަ "ކިޝަންގަރު ކުނިގޮނޑެ"ވެ.
ވަރަށްވެސް ހީނުކުރާ ގޮތަކަށް އެ ތަން މިހާރު ވެފައިވަނީ ފަތުރުވެރިންގެ މަންޒިލަކަށެވެ. އެ ގޮތުން، އެ ތަނަށް ދާ ޓޫރިސްޓުންގެ ތެރޭގައި ކައިވެނިކުރުމުގެ ކުރިން ފޮޓޯ ނަގާލަން ބޭނުންވާ ލޯބިވެރިންނާއި ފިލްމް ހަދާ މީހުންނާއި ފޮޓޯ ނަގާ މީހުން ހިމެނެއެވެ.
"މިއީ ރީތި އަދި ހައިރާންވާވަރުގެ ސިފައެއް ހުރި ތަނެއް،" އެ ތަނަށް ޒިޔާރަތްކުރި މީހެއް ކަމަށްވާ އަޝޯކު ޕޫރީ ބުންޏެވެ.
ބުއްދި ގަބޫލުކުރަން ދަތި ވަރަކަށް މަންޒަރު އިތުރަށް ރީތިވެފައިވަނީ ވާރޭ ވެހުމުން ނޫ ކުލައިގެ ފެންގަނޑުތައް ހެދިފައިވާތީއެވެ.
ބައެއް ތަޖުރިބާކާރުން ބުނީ ކުނޑީގެ ސަބަބުން ސިއްހަތަށް ގެއްލުން ލިބުމުގެ ނުރައްކާ އޮތް ކަމަށާއި ބިމާއި ފެން ތަގައްޔަރުވުންވެސް އެކަށީގެންވާ ކަމަށެވެ. ނަމަވެސް އަޖްމަރުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ވިކާސް ޗައުދަރީ އެ ގޮނޑު މެނޭޖުކުރާ ގޮތް ދިފާއުކުރިއެވެ.
"ތަގައްޔަރުވުމާއި ސިއްހީ ކަންބޮޑުވުން އޮތްނަމަ އަހަރެމެން މި ތިބީ އެ ކަން ހައްލުކުރަން ތައްޔާރަށް،" އޭނާ ބުންޏެވެ.



advertisment