Support Us

އެތްތަކެއް

އެއް އާއިލާގެ 4 މެންބަރުން މަރައިލި އެތެއް

ނޭޕާލުގައި އެތެއް 14 އަހަރުގެ ތެރޭގައި އެއް އާއިލާގެ ހަތަރު މެންބަރުން މަރައިލައިފިއެވެ.

މި ދިޔަ މަހު ހަތަރެއްގައި، "ދޫރްބެ"ގެ ނަން ދީފައިވާ ފިރިހެން އެތް ރަޕްތީ ކޯރު ހުރަސްކޮށް ޖަގަތުޕޫރު ޓައުނަށް ވަދެ، އެ އާއިލާގެ ގެއަށް ވަދެގަނެ، ޝަނިޗަރަ ބޯތޭގެ އުމުރުން 25 އަހަރުގެ ޅީދަރި އަޝިކާ އާއި ފިރިހެން ކާފަދަރި، އުމުރުން ހަތަރު އަހަރުގެ ބާރަތު ވަނީ މަރައިލައިފައެވެ.

ދޫރްބެ ޝަނިޗަރަގެ މައިންބަފައިން މަރައިލީ 2012 ގައެވެ. އެއަށްފަހު ޝަނިޗަރަގެ އާއިލާ ޖަގަތުޕޫރަށް ބަދަލުވީއެވެ.

ނަމަވެސް ދޫރްބެ އެތައް މޭލެއް ހުރަސްކޮށް، އަލުން އެ އާއިލާއަށް ހަމަލާދިނުމުން ޝަނިޗަރަވަނީ މާޔޫސްވެފައެވެ.

"އަހަރެމެން ފިލާނެ ތަނެއް ނެތް،" އޭނާ ބުންޏެވެ.

ދޫރްބެ 2010 އިން ފެށިގެން މިހާތަނަށް 25 މީހުން މަރައިލައިފައިވެއެވެ.

ޝަނިޗަރަގެ އާއިލާއަށް އަނެއް ފަހަރު މި ދިން ހަމަލާގެ ސަބަބުން، ހިމާޔަތްކޮށްފައިވާ ސަރަހައްދެއް ކަމަށްވާ ޗިތުވަން ނެޝަނަލް ޕާކް ކައިރީގައި ދިރިއުޅޭ މީހުންގެ ހިތަށް ބިރުވެރިކަން އަލުން ވަނީ ވަދެފައެވެ.

އަޝިކާ އާއި ބާރަތު މަރައިލިތާ 10 ދުވަސް ފަހުން ރަސްމީ އިދާރާތަކުން ވަނީ ދޫރްބެ އަތުލައިގެންފައެވެ. އަދި ކުރިން ފަދައިން އަނެއްކާވެސް، އެ ސޮރު މަރައިލުމުގެ ބަދަލުގައި ޖީ.ޕީ.އެސް ބެލްޓެއް ކަރުގައި ހަރުކޮށްފައި ދޫކޮށްލައިފައެވެ. މި ފަހަރު ދޫކޮށްލީ ދެ ދަތް ވަކި ވަރަކަށް ބުރިކޮށްލައިފައެވެ.

އޮފިޝަލުން ބުނީ ކުރިން ފަހަރުތަކުގައި އެޅުވި ޖީ.ޕީ.އެސް ބެލްޓްތައް ކޮންމެވެސް ގޮތަކުން ދޫރްބެ ވަނީ އަމިއްލައަށް ނައްޓައިލައިފައި ކަމަށެވެ.

"މި ފަހަރުގެ ޖީ.ޕީ.އެސް ބެލްޓް ކުރިއަށްވުރެ ޓެކްނޮލޮޖީގެ ގޮތުން ފެންވަރު ރަނގަޅު. ކޮންމެ 15 މިނެޓަކުން އެ ސޮރު އުޅޭ ތަން އަންގައިދޭނެތީ އެ ސޮރު ދީފާނެ ހަމަލާއަކުން ސަލާމަތްވެވޭނެ ފުރުސަތު ބޮޑު،" ޗިތުވަން ނެޝަނަލް ޕާކްގެ އޮފިޝަލަކު ބުންޏެވެ.

އޭނާ އެހެން ބުނި ނަމަވެސް އިންސާނުން އުޅޭ ސަރަހައްދުތަކަށް ދޫރްބެ ތަކުރާރުކޮށް ވަންނާތީ އެ ޕާކު ސަރަހައްދުގައި ދިރިއުޅޭ މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޝަނިޗަރަގެ އާއިލާ އުޅޭނެ ރައްކާތެރި ތަނެއް ސަރުކާރުން މިހާރު ދީފައިވާ ކަމެއް ނޭޕާލުގެ މީޑިއާއިން އަދި ރިޕޯޓެއް ނުކުރެއެވެ.

އާއްމު ގޮތެއްގައި އެތަކީ އެ ސޮރުމެންނަށް ބިރެއް އިހްސާސްނުކުރެވޭހާ ހިނދަކު ނުރައްކާތެރި ޖަނަވާރެއް ނޫނެވެ.

އެތަކީ މީހުން ވަކިކުރަން އެނގޭ ހައިވާނެކެވެ. އަދި އެތައް އަހަރެއް ފަހުންވެސް އެ މީހުންގެ މަތިން އެ ސޮރުމެން ހަނދާން ހުރެއެވެ. ނަމަވެސް ދޫރްބެ ޝަނިޗަރަގެ އާއިލާއަށް ތަކުރާރުކޮށް ހަމަލާދިނީ ކީއްވެކަން އަދި ސާފެއް ނޫނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *