އެމެރިކާއިން މެދުއިރުމައްޗަށް ކަނޑައަޅައިފައި ހުންނަ މަންދޫބު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަނބިކޮއި ޖެރަޑް ކަޝްނާ ހަމާސްއާ ބައްދަލުކޮށްފިއެވެ.
މިސްރުގައި އިއްޔެ ކަޝްނާ (ފޮޓޯ)، ގައްޒާ ހިންގާ ހަމާސްގެ ވެރިޔާ ހަލީލުލްހައްޔާއާ ބައްދަލުކުރީ ގައްޒާއަށް ސުލްހަ ގެނެސް، އެ ތަން އަލުން އާރާސްތުކުރަން ޓްރަމްޕް އެކުލަވައިލައްވައިފައިވާ 15 ނުކުތާގެ ރޭވުން އަލުން ދިރުވުމަށެވެ.
ޕްލޭންގައި ގޮވައިލައިފައިވަނީ ހަމާސްއިން ހަތިޔާރު ދޫކޮށްލުމަށާއި އިސްރާއީލު ސިފައިން ގައްޒާއިން ބޭލުމަށާއި ގައްޒާ ހިންގުން ފަލަސްތީނުގެ ފަންނީ މީހުންނާ ހަވާލުކުރުމަށެވެ.
ހަމާސްއިން ކަޝްނާ ގާތުގައި ބުނީ އެ މަގުޗާޓަށް ހަމާސްއިން އެއްބާރުލުން ދޭނެ ކަމަށާއި މި ދިޔަ އަހަރު އޮކްޓޫބަރުގައި އެމެރިކާއިން އިސްރާއީލާއި ހަމާސްއާ ދެމެދު ގާއިމުކޮށްދިން، ދެ އަހަރު ވީ ގައްޒާ ހަނގުރާމަ ހުއްޓައިލުމުގެ ސީޒްފަޔާއަށް އިސްރާއީލުން އިހްތިރާމުކުރަން ޖެހޭނެ ކަމަށެވެ. އަދި ޓްރަމްޕްގެ ޕްލޭނަށް އިސްރާއީލުންވެސް އެއްބާރުލުން ދޭން ޖެހޭނެ ކަމަށެވެ.
"އިސްރާއީލުންވެސް އެ ޕްލޭންގައިވާ ގޮތަށް އަމަލުކުރާނަމަ ހަމާސްއިންވެސް، ކަށަވަރު ކުރެވޭނެ ގޮތަކަށް ހަތިޔާރުތައް ދޫކޮށްލާނެ،" ހަމާސްގެ އޮފިޝަލަކު ބުންޏެވެ.
އިސްރާއީލުންވަނީ ޓްރަމްޕްގެ ޕްލޭނާ ދެކޮޅުހަދައިފައެވެ.
"އަހަރެމެން ހަނގުރާމައަށް ދިޔައީ އެއް އަމާޒެއްގައި. އެއީ ހަމާސް ނައްތައިލުން،" އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުންޏެވެ.
އޭނާ ބުނީ ހަމާސް އެއްކޮށް ރޫޅައިލައި، އެއީ އަސްކަރީ ގޮތުން ހަރަކާތްތެރިނުވާ ޖަމާއަތަކަށް ހެދެންދެން އިސްރާއީލު ސިފައިން ގައްޒާއިން ނުބާލާނެ ކަމަށެވެ.
ކަޝްނާ މިއަދުގެ ވަގުތެއްގައި ނަތަންޔާހޫއާ ބައްދަލުކުރަންވަނީ ހަމަޖައްސައިފައެވެ.



advertisment