ފަސިންޖަރުންނަށް ދަތުރުފަތުރުގެ އިތުރު ހިދުމަތްތަކާއި ފަސޭހަތަކާއި އަރާމު ފޯރުކޮށްދޭން ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަނުން "މޯލްޑިވިއަން ޖޯނީ+"ގެ ނަމުގައި ގިނަ ހިދުމަތްތަކެއް މިއަދު ތައާރަފުކޮށްފިއެވެ.
މިއީ ފަސިންޖަރުން އެ މީހުން ބޭނުންވާ ގޮތަށް ހިދުމަތް ދޭން އެދޭތީ ތައާރަފުކުރި ހިދުމަތްތަކެކެވެ.
ފުރަތަމަ މަރުހަލާގައި "ޖޯނީ+ ސަބްބްރޭންޑް"ގެ ދަށުން އޮޕްޝަންތަކެއް ދެއެވެ. އޭގެ ތެރޭގައި ޖޯނީ+ގެ ފަސް ހިދުމަތް ހިމެނެއެވެ. އެއީ:
- ޖޯނީ+ ޕްރިމިއާ- މި ކަމުން ޑޮމެސްޓިކް ފަސިންޖަރުންނަށް ޗެކް-އިން އަދި ބެގެޖް ހެންޑްލިންގައި އިސްކަން ދެއެވެ. އަދި ޗެކް-އިން އާއި ބެގެޖް ހެންޑްލިންގެ އިތުރުން ބައިނަލްއަގުވާމީ ފަސިންޖަރުންނަށް ބޯޑިންގައި އިސްކަން ދެއެވެ.
- ޖޯނީ+ ބޭގްސް- ޕްރިފަރެންޝަލް ރޭޓްތަކުގައި އިތުރު ބެގެޖް އެޑްވާންސްކޮށް ގަނެވެއެވެ.
- ޖޯނީ+ ރިލެކްސް- މޯލްޑިވިއަންގެ ހޮވައިލެވޭ ލޯންޖްތަކަށް ވަދެވޭނެއެވެ.
- ޖޯނީ+ އަޕްގްރޭޑް- ޖާގަ ހުރި މިންވަރަކުން، ހޮވައިލެވޭ ބައިނަލްއަގުވާމީ ފްލައިޓްތަކުގައި، ބައިނަލްއަގުވާމީ ފަސިންޖަރުންނަށް މަތީ ކްލާހެއްގެ ކެބިންއަކަށް ބަދަލުވުމުގެ ފުރުސަތު ދެވެއެވެ.
- ޖޯނީ+ ބައިޓްސް- ކުރިން އޯޑަރު ދެވޭ ސްނެކަކާއި ބުއިމެއް ޑޮމެސްޓިކް ފަސިންޖަރުންނަށް ދެވޭނެއެވެ.
މޯލްޑިވިއަންގެ މެނެޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސް ވިދާޅުވީ ޖޯނީ+އަކީ ފަސިންޖަރުންގެ ބަދަލުވަމުންދާ ބޭނުންތަކާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ހިދުމަތްތަކެއް ކަމަށެވެ.
"މީގެ ތެރެއިން ގިނަ ހިދުމަތްތަކަށް އަޅުގަނޑުމެންގެ ފަސިންޖަރުން ކުރިންވެސް ވަނީ އެދިފައި. ކަސްޓަމަރުން ބޭނުންވާ އަމިއްލަ ގޮތަށް އެ ހިދުމަތްތައް މި ގެނެސްދެނީ ޖޯނީ+ގެ ނަމުގައި އެއް ހިދުމަތެއްގެ ދަށުން. މިއީ އަދި ހަމައެކަނި ފުރަތަމަ މަރުހަލާ. ޖޯނީ+ ތަރައްގީވަމުންދާ ގޮތުން އިތުރު ހިދުމަތްތަކާއި އޮޕްޝަންތައް ފޯރުކޮށްދޭނަން،" އޭނާ ވިދާޅުވިއެވެ.
ފްލައިޓް ފުރާ ގަޑީގެ 24 ގަޑިއިރުގެ ކުރިން މި ހިދުމަތްތައް ގަނެވޭނެއެވެ. ހިދުމަތްތައް ގަނެވޭނީ މޯލްޑިވިއަންގެ ކޯލް ސެންޓަރު، ވައިބާ، ވަޓްސްއެޕް، ޓިކެޓިން އޮފީސް، ޕެސެންޖާ ސޭލްސް އެޖެންޓްސް (ޕީ.އެސް.އޭ) އަދި ޖެނެރަލް ސޭލްސް އެޖެންޓްސް (ޖީ.އެސް.އޭ)އިންނެވެ.
އެ ކަސްޓަމަރަކު ބޭނުންވާ ގޮތަށް ހިދުމަތް ލިބިގަތުމަށްޓަކައި ޖޯނީ+ގެ ދެވަނަ މަރުހަލާގައި ދޭނެ އިތުރު ހިދުމަތްތަކާއި އޮޕްޝަންތަކުގެ ތެރޭގައި ބޭނުންވާ ސީޓު ލިބޭނެ މަގުވެސް ތަނަވަސްކޮށްދޭ ގޮތަށްވަނީ ހަމަޖައްސައިފައެވެ.
ޖޯނީ+އަކީ އެ ފަސިންޖަރެއްގެ ދަތުރުގެ ތަޖުރިބާ އެ ފަސިންޖަރަކަށް ކަމުދާ ގޮތަށް ފަރުމާކޮށްދިނުމަށް މޯލްޑިވިއަނުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ. އެއީ ފަސޭހަ، އަރާމު އަދި ކަސްޓަމަރަށް ބޭނުންވާ ގޮތަށް ހިދުމަތް ދިނުމުގައި މޯލްޑިވިއަނުން ދެމިހުންނަ ހުރުމާއެކުގައެވެ.



advertisment

