އިންޑޮނޭޝިއާއަށް މިއަދު އައި ބިންހެލުމުގައި 47 މީހުން މަރުވެ، 50 އެއްހާ މީހުން ޒަހަމްވެއްޖެއެވެ.
އެ ގައުމުގެ ފްލޮރެސް ޖަޒީރާ ކައިރިއަށް އައި 7.7 މެގްނިޓިއުޑްގެ ބެންހެލުމާ ގުޅިގެން ސުނާމީ އިންޒާރުވެސް ދިނެވެ. ނަމަވެސް އެ އިންޒާރު މިހާރު ވަނީ ނަގައިފައެވެ. އެހެނަސް 1.61 މީޓަރު އުސް ރާޅުތައް ރެކޯޑު ކުރެވުނެވެ.
"މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށް،" އޮފިޝަލަކު ބުންޏެވެ.
ގައުމީ ކާރިސާތަކާ ބެހޭ އިދާރާ، ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އެޖެންސީ (ބީ.އެން.ޕީ.ބީ)އިން ބުނީ ބައެއް މީހުން އަދިވެސް ތިބީ ވެއްޓުނު އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ކަމަށެވެ.
"ފުރަތަމަ އަމާޒަކީ ވެއްޓުނު އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ސަލާމަތްކުރުން،" ބީ.އެން.ޕީ.ބީގެ ވެރިޔާ ސޫހަޔަންޓޯ ބުންޏެވެ.
ގާތްގަނޑަކަށް 2،000 މީހުން ވަނީ އެވަކުއޭޓްކޮށްފައެވެ.
ބިންގަނޑު ކަނޑައިގެން ދިއުމުން ބައެއް މަގުތައް ވަނީ ބަންދުވެފައެވެ. މި ކަމުގެ ސަބަބުން މީހުން ސަލާމަތް ކުރުމަށާއި މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން ވަނީ ހުރަސް އެޅިފައެވެ.



advertisment