އުރުދުނުގެ ވެރިރަށް އައްމާނުގެ ވިޔަފާރި ހަބުގައި ސަލާންޖަހަން އުޅުނު އަންހެނަކު 46،600 ޑޮލަރު (718،572ރ.)އާއެކު ހައްޔަރުކޮށްފިއެވެ.
އެ އަންހެންމީހާ ކުރިން "ޕްރޮފެޝަނަލްކޮށް" ސަލާންޖެހުމުގައި އުޅުނު ކަމަށާއި ކޮންމެ ދުވަހަކު ލިބޭ ފައިސާ އެހެން ގައުމުތަކުގެ ފައިސާއަށް ބަދަލުކުރާ ކަމަށް އިޖުތިމާއީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުދަ ދުވަހު ބުންޏެވެ.
އެ އަންހެންމީހާގެ ގައުމާއި އޭނާ ސަލާންޖެހުމުގައި ކިހާ ދުވަހަކު އުޅުނުކަމެއް އެ ވުޒާރާއިން ހާމައެއްނުކުރެއެވެ.
އޭނާއާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަން މިހާރު ވަނީ ހަމަޖައްސައިފައެވެ.
މި ހާދިސާގެ ސަބަބުން އެ ވުޒާރާއިން ވަނީ މަގުމަތީގައި ސަލާންޖަހަން އުޅޭ މީހުންނަށް ސީދާކޮށް ފައިސާ ނުދޭން އާއްމުންނަށް އިލްތިމާސްކޮށްފައެވެ.
"އޭގެ ބަދަލުގައި، މީހުންނަށް އެހީވާން ބޭނުންނަމަ ގާނޫނާ އެއްގޮތަށް ރަޖިސްޓްރީކޮށްފައިވާ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް ހައިރާތުކުރަން އާއްމުންނަށް އިލްތިމާސްކުރަން،" އެ ވުޒާރާއިން ބުންޏެވެ.
އެ ވުޒާރާއިން އިންޒާރުދިން ގޮތުގައި ސަލާންޖަހަން އުޅޭ ބައެއް މީހުން އެ މީހުންނަކީ ބަލިމީހުންކަމަށާއި މާލީ ހާލަތު ދަށް މީހުން ކަމަށް ހެދިގެން އުޅެއެވެ.
ސަލާންޖަހާކަމަށް ޝައްކުކުރެވޭ މީހުންގެ މައުލޫމާތު ރަސްމީ އިދާރާތަކަށް ރިޕޯޓްކުރުމަށް އެ ވުޒާރާއިން ގޮވައިލިއެވެ. އެ ވުޒާރާއިން ބުނީ ސަލާންޖަހާ މީހުންގެ މައްސަލަ ހޯދާ ޓީމުތައް މުޅި ގައުމުގައި ހަރަކާތްތެރިވާ ކަމަށެވެ. އުރުދުނުގައި ސަލާންޖެހުމަކީ މަނާ ކަމެކެވެ.



advertisment