އީރާނާ ދެކޮޅަށް ފެބްރުއަރީގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން ފެށި ހަނގުރާމައާހުރެ އެމެރިކާ އަތުން ހަތިޔާރު ހުސްވާން ކައިރިވެއްޖެ ކަމަށް ބުނި އޮފިޝަލުން ހޯދައި އެ މީހުންނަށް ދިގު މުއްދަތުގެ ޖަލު ހުކުމް އިއްވަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ޓްރަމްޕް ހަނގުރާމަ މެދުކަނޑައިލެއްވީ އެމެރިކާގެ އަތުން ދުރު ރާސްތާގެ ޕްރިސިޝަން މިސައިލާއި މިސައިލު އިންޓަސެޕްޓާގެ ސްޓޮކް ވަރަށް ބޮޑުތަނުން މަދުވުމުން ކަމަށް ނަން ހާމަނުކުރާ އޮފިޝަލުންތަކެއް ދާދި ފަހުން ވަނީ މީޑިއާއަށް ބުނެފައެވެ.
އެ އޮފިޝަލުން ބުނީ އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ މެދުކަނޑައިލަން ޓްރަމްޕް ނިންމެވި އެއް ސަބަބަކީ އެ ހަނގުރާމައިގެ ސަބަބުން އެމެރިކާގެ ހަތިޔާރު ސްޓޮކްތައް މަދުވެ، ދުނިޔޭގެ އެހެން ހިސާބުތަކުން އެމެރިކާއަށް ކުރިމަތިވެދާނެ ބިރުތަކާ ކުރިމަތިލާން ބޭނުންވާނެ މިންވަރަށް މިހާރު ހަތިޔާރު ނެތުމުން އެ ކަމާ ޓްރަމްޕްގެ ސަރުކާރުގެ ތެރޭގައި ނުތަނަވަސްކަން އުފެދުމުން ކަމަށެވެ.
ސީރިއަސް މިންވަރަކަށް އެމެރިކާގެ ހަތިޔާރު ސްޓޮކް މަދުވެއްޖެ ކަމާ ޓްރަމްޕް ދެކޮޅުހެއްދެވިއެވެ. އޭނާ ވިދާޅުވީ އެމެރިކާގެ އަތުގައި އަދިވެސް "ގިނަ އަދަދެއްގެ ހަތިޔާރު ހުރި" ކަމަށާއި "މިހާރު ވެސް ގިނަ އަދަދަކަށް ހަތިޔާރު ދަނީ އުފައްދަމުން" ކަމަށެވެ.
"މި ފަދަ ބަޔާންތައް ލީކުކުރާ އޮފިޝަލުން މި ދަނީ ހޯދަމުން. އެ މީހުންނާ ދެކޮޅަށް ދިގު މުއްދަތުގެ ޖަލު ހުކުމުތައް އިއްވޭތޯ މަސައްކަތްކުރާނަން. މުޅި ގައުމުގެ ތާރީހުގައި ވެސް މިހާތަނަށް ގާއިމުކުރަމުންދާ އެންމެ ގިނަ ޕްލާންޓްތަކާއި ފެކްޓަރީތައް ދިފާއީ ކޮންޓްރެކްޓަރުން ދަނީ ބިނާކުރަމުން،" ޓްރަމްޕް ވިދާޅުވިއެވެ.
އެމެރިކާގެ ދިފާއީ ވަޒީރު ޕީޓް ހެގްސެތު ވެސް ވިދާޅުވީ އެމެރިކާގެ އަތުން ސީރިއަސް މިންވަރަކަށް ހަތިޔާރު މަދުނުވާ ކަމަށެވެ.



advertisment