ގައްޒާ ހަނގުރާމަ ހުއްޓައިލަން މި ދިޔަ އަހަރުގެ އޮކްޓޫބަރުގައި ގާއިމުކުރި ސީޒްފަޔާއަށްފަހުވެސް އިސްރާއީލުން ގައްޒާއަށް ކެނޑިނޭޅި ދެމުންދާ ހަމަލާތަކުގައި ގައްޒާގައި މިހާތަނަށް 300 ކުދިން ޝަހީދުކޮށްލައިފި ކަމަށް އދ.އިން ބުނެފިއެވެ.
އދ.ގެ ކުޑަކުދިންނާ ބެހޭ އިދާރާ ޔުނިސެފުން އިއްޔެ ބުނީ މީގެ މާނައަކީ ގައްޒާ ހިންގާ ހަމާސްއާއެކު އިސްރާއީލުން، އެމެރިކާއިން މެދުވެރިވެގެން އެއްބަސްވި ސީޒްފަޔާއަށްފަހުވެސް ދެމުންދާ ހަމަލާތަކުގައި ނިސްބަތުން ދުވާލަކު ކުއްޖަކު ޝަހީދުވެފައިވާ ކަމަށެވެ. މީގެ އިތުރުން އެތައް ސަތޭކަ ކުދިން ޒަހަމްވެސް ވެފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.
"ނިސްބަތުން ކޮންމެ ދުވަހަކު ކުއްޖަކު ޝަހީދުވެގެންދާ ސީޒްފަޔާއަކީ ކުޑަކުދިން ހިމާޔަތްކުރަން ފޭލިވެފައިވާ ސީޒްފަޔާއެއް. ގައްޒާގެ ކުޑަކުދިން އަދިވެސް ތިބީ އަނިޔާވެރިކަން ހުއްޓައިލައިނެ ކަމަށް އެ ކުދިންނަށް ވީ ވައުދުގެ އިންތިޒާރުގައި،" މެދުއިރުމައްޗަށާއި އުތުރު އެފްރިކާއަށް ޔުނިސެފުން ކަނޑައަޅައިފައި ހުންނަ ސަރަހައްދީ ޑިރެކްޓަރު އޭޑުއާ ބެގްބެޑޭ ބުންޏެވެ.
ޔުނިސެފުން ބުނީ ހަށިގަނޑުގެ ދުޅަހެޔޮކަމުގެ މައްސަލަތައްވެސް ގައްޒާގެ ކުދިންނަށް ފޯރައިފައިވާ ކަމަށެވެ. އަދި ބަލިބައްޔާއި ނުސާފު ފެނާއި ހަލާކުވެފައިވާ ނަރުދަމާގެ ނިޒާމުތަކަކީވެސް އެ ކުދިންނަށް ކުރިމަތިވެފައިވާ މައްސަލަތައް ކަމަށެވެ. މީގެ އިތުރުން ހޮސްޕިޓަލްތަކުގައި އިންކިއުބޭޓަރުތައް މަދުކަމުން، ދުވަސްނުފުރާ ވިހާފައިވާ ބައެއް ކުދިން އެ މެޝިންތައް އެއް ކުއްޖަކު އަނެއް ކުއްޖަކާ ހިއްސާކުރަންވެސް ޖެހިފައިވާ ކަމަށެވެ.
ޔުނިސެފުން ބުނީ 58،000 އަށްވުރެ ގިނަ ކުދިންގެ އެކެއް ނުވަތަ ދެ ބެލެނިވެރިން ގެއްލިފައިވާ ކަމަށެވެ. އަދި މިލިއަނަކަށްވުރެ ގިނަ ކުދިންނަށް ރައްކާތެރިކަމާއި ނަފުސާނީ ފަރުވާ ބޭނުންވެފައިވާ ކަމަށެވެ.
ޔުނިސެފުން ކުރިން ބުނެފައިވާ ގޮތުގައި 17،000 ކުދިން ބަލަހައްޓާނެ މީހަކު ނެތެވެ. ނުވަތަ އެ ކުދިން ވަނީ އާއިލާތަކާ އެކަހެރިވެފައެވެ. އަދި މިހެންވެ މިއީ ދުނިޔޭގެ ނިސްބަތުން ވެސް އެންމެ ސީރިއަސް އެއް ކުޑަކުދިން ހިމާޔަތްކުރުމާ ގުޅޭ ކާރިސާ ކަމަށެވެ. ބައިވަރު އާއިލާތައް އެއް ތަނުން އަނެއް ތަނަށް ބަދަލުވުން ތަކުރާރުވެސް ވެފައިވެއެވެ. އަދި އާމްދަނީ ހޯދުމުގެ ވަސީލަތްތައް ބީވެގެންދިއުމާއި ސިއްހީ ފަރުވާ، ތައުލީމު އަދި ރައްކާތެރިކަމުން މަހްރޫމުވެފައިވެއެވެ.
ސީޒްފަޔާއަށްފަހު 1،250 ގައްޒާ ރަށްވެހިން ޝަހީދުކޮށްލައިފައިވާތީ މީގެ ދެ އަހަރު ކުރިން ފެށި ގައްޒާ ހަނގުރާމައިގައި މިހާތަނަށް ޖުމުލަ 73،300 ގައްޒާ ރަށްވެހިން ޝަހީދުވެއްޖެ ކަމަށް ގައްޒާގެ ސިއްހީ އިދާރާތަކުން ބުންޏެވެ.



advertisment