ދުނިޔޭގެ 12 ވަނައަށް އަދި ޕާކިސްތާންގެ ތިންވަނައަށް އެންމެ އުސް ފަރުބަދަ، ބްރޯޑް ޕީކްގެ ކުންނަށް އަރަން ދުނިޔޭގެ މަޝްހޫރު ފަރުބަދައަށް އަރާ މީހާ ނުވަތަ "މައުންޓަނިއާ" ނިރްމަލް ޕުރްޖާ އާއި އޭނާގެ ނުވަ މީހުންގެ ޓީމެއް މަސައްކަތްކުރަނިކޮށް މި ދިޔަ ބުރާސްފަތި ސްނޯގަނޑެއް ނުވަތަ އެވަލާންޗެއް ފޭބުމުން އެ އެންމެން މަރުވިކަން ކަށަވަރުވެއްޖެ އެވެ. އެ އެންމެންގެ ހަށިގަނޑު ތިރިއަށް ގެނައުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށް އޮފިޝަލުން ބުނެއެވެ.
ޕުރްޖާ އުފެއްދި އެލީޓް އެކްސްޕެޑް ކިޔާ ގައިޑުކޮށްދޭ ކުންފުނީގެ ބެލުމުގެ ދަށުން ފަރުބަދައަށް އެރި ގްރޫޕްގައި މި ފަހަރު ނޭޕާލް، ޕާކިސްތާން، އުމާން، ޗައިނާ، އެމެރިކާ އަދި އިނގިރޭސި ވިލާތުގެ މީހުން ހިމެނެއެވެ. ޓީމުގެ ލީޑަރަކަށް ހުރީ ނޭޕާލަށް އުފަން އިނގިރޭސި ރައްޔިތެއް ކަމަށްވާ އުމުރުން 43 އަހަރުގެ ޕުރްޖާ (ފޮޓޯ)އެވެ. އޭނާގެ ހަށިގަނޑު ފެނުނީ 5،700 މީޓަރު މަތިންނެވެ. ބްރޯޑް ޕީކްގެ ކުންނުގެ އުސްމިނަކީ 8،051 މީޓަރު (28،251 ފޫޓު)އެވެ.
ޕުރްޖާ ބެލެވިފައިވަނީ ދުނިޔޭގެ އެންމެ ކުޅަދާނަ އެއް މައުންޓަނިއާގެ ގޮތުގައެވެ. ބައިނަލްއަގުވާމީ ގޮތުން އޭނާ އެ ދާއިރާގައި މަޝްހޫރުވެގެން ދިޔައީ 2019 ގައި، ދުނިޔޭގައި ހުރި 8،000 މީޓަރަށްވުރެ އުސް ހުރިހާ 14 ފަރުބަދައަށް އެންމެ ހަ މަހާއި ހަ ދުވަސް ތެރޭގައި އެރުމުންނެވެ. އޭގެ ފަހުން އޭނާ ވަނީ މުޅިން ނޭޕާލް މީހުން ހިމެނޭ ޓީމަކާއެކު ދުނިޔޭގެ ދެވަނައަށް އެންމެ އުސް ފަރުބަދަ، އަދި ޕާކިސްތާންގެ އެންމެ އުސް ފަރުބަދަކަމަށްވާ ކޭޓޫއަށް ހަރީފު މޫސުމުގައި އެރިކަމުގެ ތާރީހީ ރެކޯޑެއް ގާއިމުކޮށްފައެވެ.
ނޭޕާލްގެ ބޮޑުވަޒީރު ބަލެންދްރަ ޝާހް ވިދާޅުވީ ފަރުބަދައަށް އެރުމުގައި ޕުރްޖާގެ އާދަޔާހިލާފު ލެގަސީ ފާހަގަކުރައްވާ ކަމަށެވެ.
ޕާކިސްތާންގެ ހާރިޖީ ވަޒީރު އިސްހާގު ދާރު ވަނީ މި ހާދިސާގައި އަސަރުކޮށްފައިވާ ހުރިހާ ފަރާތްތަކަށް ތައުޒިޔާ ދަންނަވައިފައެވެ.
"އެ މައުންޓަނިއަރުން ފަރުބަދައަށް އެރުމަށް ކުރި ލޯތްބާއި އެ މީހުންގެ ހިތްވަރުގަދަކަށް ހަނދާނުން ފުހެވިގެންނުދާނެ،" އޭނާ ވިދާޅުވިއެވެ.
އެލީޓް އެކްސްޕެޑުން ނެރުނު ބަޔާނެއްގައި ބުނީ ޕުރްޖާ އާއި އޭނާގެ ޓީމު މަރުވުމުން "ހިތްހަލާކުވެ، ބޮޑު ހިތާމައެއް" ލިބުނު ކަމަށެވެ.



advertisment