ކިންގްޑަމް އޮފް ބެލްޖިއަމަށާއި ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް އަލްއުސްތާޛާ ފާޠިމަތު ދިޔާނާ ސައީދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަންކުރައްވައިފިއެވެ.
ކުރީގެ ވަޒީރުކަމާއި ސާކުގެ ސެކްރެޓަރީ ޖެނެރަލްކަން ވެސް ކުރެއްވި ދިޔާނާއަށް މަޤާމުގެ ފަތްކޮޅު ދެއްވީ އެ ކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
ދިޔާނާ ވަނީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ޓެޒްމޭނިއާއިން ބެޗެލަރ އޮފް ލޯރސް، ޖަޕާނުގެ ޔުނިވަރސިޓީ އޮފް އޮސާކާއިން މާސްޓަރ އޮފް ލޯރސް (ލޯ އެންޑް ޕޮލިޓިކަލް ސައިންސް)، އިނގިރޭސިވިލާތުގެ ލެސްޓަރ ޔުނިވަރސިޓީން މާސްޓަރ އޮފް ލޯރސް (އިންޓަރނޭޝަނަލް ހިއުމަންރައިޓްސް ލޯ) ހާސިލްކުރައްވައިފައެވެ.
ދިޔާނާ މީގެ ކުރިން ވަނީ ސަރުކާރާއި ދައުލަތުގެ އިތުރުން ބައިނަލްއަގުވާމީ ފެންވަރުގައިވެސް މަތީ މަޤާމުތަކެއް ފުރުއްވައިފައެވެ. އެގޮތުން ސާކުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ އިތުރުން ޖެންޑަރ، ފެމިލީ އެންޑް ހިއުމަންރައިޓްސް މިނިސްޓަރުކަމުގެ މަޤާމާއި ބަންޑާރަނައިބު ކަމުގެ މަޤާމާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެންބަރުކަން ވެސް ހިމެނެއެވެ.



advertisment