Support Us

އީރާނާއެކު ހަދާ ސުލްހައިގެ އެއްބަސްވުމާ ކައިރިއަށް ފޯރައިފި: ޓްރަމްޕް

އީރާނަށް ހަމަލާދިނުން ހުއްޓައިލައިފި ކަމަށާއި ސަބަބަކީ އީރާނާއެކު ހަދާ ސުލްހައިގެ އެއްބަސްވުމާ ކައިރިއަށް ފޯރައިފައިވާތީ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް (ފޮޓޯ) ރޭގައި ވިދާޅުވީ އެއްބަސްވުމުގެ ނުކުތާތައް އެކުލަވައިލީ އެމެރިކާ އާއި އީރާނާ ދެމެދު ސުލްހައިގެ މެދުވެރިންގެ ދައުރު އަދާކުރާ ސަރަހައްދީ ގައުމުތަކުގެ މަޝްވަރާގެ މަތިން ކަމަށެވެ.

އޭނާ ވިދާޅުވީ އީރާނާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަން އަލުން ފަށަން މިހާރު ވެސް އެމެރިކާ އޮތީ ތައްޔާރަށް ކަމަށާއި ނަމަވެސް ފުރަތަމަ ބޭނުންވަނީ ޑިޕްލޮމެޓިކް ހައްލަކަށް ފުރުސަތު ދޭން ކަމަށެވެ.

"އަހަރެމެން މި ތިބީ ހަމަލާތައް އަލުން ފަށަން ތައްޔާރަށް. ނަމަވެސް ޑީލުގެ ނުކުތާތައް ވަނީ އެކުލަވައިލައިފައި. އީރާނަށް ހަމަލާދިނުން ހުއްޓައިލީ އަވަސް ފުރުސަތެއްގައި ޑީލެއް ހެދުމުގެ ޝަރުތާއެކު،" ޓްރަމްޕް ވިދާޅުވިއެވެ.

އީރާނުން ބުނީ އެމެރިކާއިން އީރާނަށް ދެމުންދިޔަ ހަމަލާތައް ހުއްޓައިލުމުން އެ ކަމަށް މަރުހަބާ ކިޔާ ކަމަށާއި ނަމަވެސް އަލުން ހަމަލާދޭން ފަށައިފިނަމަ ރައްދު ދޭނެ ކަމަށެވެ.

އީރާނުން ބުނީ ސުލްހައިގެ އެއްބަސްވުމާމެދު އަދި ގޮތެއް ނުނިންމާ ކަމަށެވެ.

ފެބްރުއަރީގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގައި މިހާތަނަށް އީރާނުން މަރުވި މީހުންގެ އަދަދު 3،468 އަށް އަރައިފިއެވެ. އެމެރިކާގެ 14 ސިފައިން މަރުވެފައިވާއިރު، ގަލްފު ގައުމުތަކުގައި ހުރި އެމެރިކާގެ އެސެޓްތަކަށް އީރާނުން ދިން ހަމަލާތަކުގައި މިހާތަނަށް 29 މީހުން މަރުވެއްޖެއެވެ.

ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު އިއްޔެ 85 ޑޮލަރު (1،310ރ.)ގައި ހުރެފައި މިއަދު ހުރީ 82 ޑޮލަރު (1،264ރ.)އަށް ދަށަށް ގޮސްފައެވެ. އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ.

އެމެރިކާ އާއި އީރާނާ ދެމެދު ދާއިމީ ސުލްހައެއް ގާއިމުކުރަން ޖޫންގައި ސުލްހައިގެ ފަހުމްނާމާއެއް ގާއިމުކުރުމުން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 68 ޑޮލަރު (1،048ރ.)އަށް ވެސް ދަށަށް ދިޔައެވެ. ނަމަވެސް އެ ފަހުމްނާމާއަށް އަމަލުނުކުރާނެ ކަމަށް އީރާނުން ވަނީ ބުނެފައެވެ. އެއީ، ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ، އީރާނުގެ ބާރުގެ ދަށުގައި އޮންނަ ހުރުމުޒު ކަނޑުއޮޅިން، އީރާނުގެ ގަވައިދުތަކާ ހިލާފަށް ދަތުރުކުރާ އުޅަނދުފަހަރަށް އީރާނުން ހަމަލާދޭން ފެށުމުން އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށުމުން އެއީ އެމެރިކާއިން ފަހުމްނާމާއާ ހިލާފުވީ ކަމަށް ބުނެފައެވެ.

ހުރުމުޒު މެނޭޖްކުރާނެ ގޮތަކާމެދު އީރާނާއި އުމާނުން އަދިވެސް ދަނީ މަޝްވަރާކުރަމުންނެވެ. އީރާނުން ބޭނުންވަނީ ސާޗް އެންޑް ރެސްކިއު އާއި ދަތުރުކުރުމުގެ ސަލާމަތާއި މުވާސަލާތީ ކަންތައްތައް ފަދަ ޓެކްނިކަލް ކަންތައްތަކާ އުމާނުން ހަވާލުވެ ހުރުމުޒުގެ އާއްމު ކޮންޓްރޯލު އީރާނަށް ދިނުމަށެވެ. ނަމަވެސް ގަލްފު ގައުމުތަކާއި އުމާނުން ބޭނުންވަނީ ހުރުމުޒު ހިންގުން ގަލްފު ގައުމުތަކުން ގުޅިގެން މެނޭޖް ކުރުމަށެވެ. އެމެރިކާއިން ބުނަނީ ހުރުމުޒަކީ ބައިނަލްއަގުވާމީ ކަނޑުއޮޅިއެއް ކަމަށާއި އެ ތަނަށް ވަކި ގައުމެއްގެ ބާރު ހިންގައިގެންނުވާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *