Support Us

ހަތިޔާރުތައް ދޫކޮށްލަން ހަމާސް އެއްބަސްވެއްޖެ: ޓްރަމްޕް

ގައްޒާ ހިންގާ ހަމާސް އާއި އެހެނިހެން ހަތިޔާރުއެޅި ގްރޫޕްތަކުން ހަތިޔާރުތައް ދޫކޮށްލަން ގައްޒާ އާރާސްތުކުރާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސުލްހައިގެ ބޯޑާ އެއްބަސްވުމަކަށް އަތުވެއްޖެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

"މިއީ ދާއިމީ ސުލްހަ އާއި ރައްކާތެރިކަން އުފައްދައިދޭނެ ޑީލެއް. އަދި ފަލަސްތީންގެ އާ ވެރިކަމެއް ގާއިމުކޮށްދޭނެ އެއްބަސްވުމެއް،" ޓްރަމްޕް (ފޮޓޯ) އިއްޔެ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއީ ދެ އަހަރު ވީ ގައްޒާ ހަނގުރާމަ ހުއްޓައިލަން އެޅި "މައިގަނޑު ފިޔަވަޅެ"އް ކަމަށެވެ. އެމެރިކާއިން މެދުވެރިވެގެން ހަމާސް އާއި އިސްރާއީލާ ދެމެދު މި ދިޔަ އަހަރު އޮކްޓޫބަރުގައި ސީޒްފަޔާއެއް ގާއިމުކުރިޔަސް އިސްރާއީލުން އަދިވެސް ދަނީ ގައްޒާއަށް ހަމަލާދެމުންނެވެ. ސީޒްފަޔާއަށްފަހު ދެމުންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 1،000 އަށް އަރާ، ގައްޒާ ހަނގުރާމައިގައި ޝަހީދުވި މީހުންގެ ޖުމުލަ އަދަދު މިހާރު 73،000 އަށް އަށްވުރެ އިތުރުވެއްޖެއެވެ.

ޓްރަމްޕް ވިދާޅުވީ ހަމާސްއިން އެ ޖަމާއަތުގެ ހަތިޔާރުތައް ދޫކޮށްލައި އަސްކަރީ އިންފްރާސްޓްރަކްޗަރު ނައްތައިލަން ފެށުމުން އިސްރާއީލުން މަޑުމަޑުން ގައްޒާއިން ފައިބާނެ ކަމަށެވެ.

މި ފަދަ ހުށަހެޅުމަކަށް ސުލްހައިގެ ބޯޑާ އެއްބަސްވި ކަމަށް ހަމާސްއިން ބުނި ނަމަވެސް އެ ޖަމާއަތުން ބުނީ އެ ޖަމާއަތުގެ ހަތިޔާރުތައް ދޫކޮށްލައި އަސްކަރީ އިންފްރާސްޓްރަކްޗަރު ނައްތައިލުން ބިނާވާނީ އިސްރާއީލުން ގައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓައިލުމާއި ގައްޒާއިން އިސްރާއީލުގެ ސިފައިން ބޭލުމާ ކަމަށެވެ.

ސުލްހައިގެ ބޯޑާއެކު ހަމާސް ވި އެއްބަސްވުން އިސްރާއީލުން އަދި ބަލައެއްނުގަނެއެވެ. އިސްރާއީލުން ބުނީ ހަމާސްއިން ހުރިހާ ހަތިޔާރުތައް ދޫކޮށްލުމާމެދު ޝައްކު އެބައޮތް ކަމަށެވެ.

ސުލްހައިގެ ބޯޑާ ހަމާސް އާއި ހަތިޔާރުއެޅި ގްރޫޕްތަކުން ވި އެއްބަސްވުން ގާއިމުކުރުމުގައި މެދުވެރިންގެ ދައުރު އަދާކުރީ މިސްރު، ގަތަރު އަދި ތުރްކިޔެއިންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *