Support Us

އިރާގު ހަނގުރާމަވެރިންނާއި އީރާނަށް ވެސް ޓްރަމްޕްގެ އިންޒާރެއް

އުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އީރާނުން ވާގިވެރިވާ އިރާގުގެ ހަނގުރާމަވެރިން ހަމަލާދިނުމުން އެ ހަނގުރާމަވެރިންނަށާއި އީރާނަށް ވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު އިންޒާރެއް ދެއްވައިފިއެވެ.

"އަހަރެމެން ވަރުގަދަ ހަމަލާއެއް ދޭނަން. އެ މީހުންނަށް ބޮޑު ގެއްލުމެއް ލިބޭނެ،" ޓްރަމްޕް (ފޮޓޯ) ވިދާޅުވިއެވެ.

ޓްރަމްޕް މި އިންޒާރުދެއްވީ އޭގެ ގަޑިއިރުތަކެއް ކުރިން ސައޫދީ އަރަބިއްޔާއާ ގުޅިގެން އެމެރިކާއިން އިރާގުގައި ހުރި އީރާނުން ވާގިވެރިވާ ހަނގުރާމަވެރިންގެ މަރުކަޒުތަކަށް ހަމަލާދީފައެވެ.

އެމެރިކާގެ އޮފިޝަލުން ބުނީ މިއީ އެ ހަނގުރާމަވެރިން ސައޫދީގެ ހަކަތައިގެ އިންފްރާސްޓްރަކްޗަރަށް ހަމަލާދިނުމުންނާއި އުރުދުންގައި ތިބި އެމެރިކާ ސިފައިންނަށް ހަމަލާދިނުމުން ދިން ރައްދެއް ކަމަށެވެ.

އިރާގުގެ ހަނގުރާމަވެރިންނަށް ހަމަލާދިން ނަމަވެސް ޓްރަމްޕް ވިދާޅުވީ ފެބްރުއަރީގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ހުއްޓައިލަން ޑިޕްލޮމެޓިކް ހައްލަކާ "ވަރަށް ކައިރިވެއްޖެ" ކަމަށެވެ.

އީރާނުން ބުނީ މެދުއިރުމަތީގެ ހަތިޔާރުއެޅި އެއްވެސް ގްރޫޕަކުން ދޭ ހަމަލާތަކަށް އީރާނުން މަދަދު ނުދޭ ކަމަށާއި އެ ގްރޫޕުތަކުން ހަމަލާދެނީ އެ ގްރޫޕްތަކުން އަމިއްލައަށް ނިންމާ ނިންމުންތަކެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. މިހެންވެ، އެމެރިކާއާއެކު އޮތް ހަމަނުޖެހުމަށް ޑިޕްލޮމެޓިކް ހައްލެއް ހޯދަން އީރާނުން ވެސް ބޭނުންވި ނަމަވެސް އީރާނަށް ސީދާ ހަމަލާއެއް ދީފިނަމަ ރައްދު ދޭނެ ކަމަށެވެ.

ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އިއްޔެ 84 ޑޮލަރު (1،295ރ.)ގައި ހުރެފައި މިއަދު ހުރީ 89 ޑޮލަރު (1،372ރ.)އަށް މައްޗަށް ޖެހިފައެވެ. އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ.

އެމެރިކާ އާއި އީރާނާ ދެމެދު ދާއިމީ ސުލްހައެއް ގާއިމުކުރަން މި ދިޔަ މަހު ސުލްހައިގެ ފަހުމްނާމާއެއް ގާއިމުކުރުމުން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 68 ޑޮލަރު (1،048ރ.)އަށް ވެސް ދަށަށް ދިޔައެވެ. ނަމަވެސް އެ ފަހުމްނާމާއަށް އަމަލުނުކުރާނެ ކަމަށް އީރާނުން ވަނީ ބުނެފައެވެ. އެއީ، ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ، އީރާނުގެ ބާރުގެ ދަށުގައި އޮންނަ ހުރުމުޒު ކަނޑުއޮޅިން، އީރާނުގެ ގަވައިދުތަކާ ހިލާފަށް ދަތުރުކުރާ އުޅަނދުފަހަރަށް އީރާނުން ހަމަލާދޭން ފެށުމުން އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށުމުން އެއީ އެމެރިކާއިން ފަހުމްނާމާއާ ހިލާފުވީ ކަމަށް ބުނެފައެވެ. އެމެރިކާއިން މިހާރު ވަނީ އީރާނަށް ދޭ ހަމަލާތައް ހުއްޓައިލައިފައެވެ.

ހުރުމުޒު މެނޭޖުކުރާނެ ގޮތަކާމެދު އީރާނުން މިހާރު ދަނީ އުމާނާއެކު މަޝްވަރާކުރަމުންނެވެ. ހުރުމުޒަކީ ބައިނަލްއަގުވާމީ ކަނޑުއޮޅިއެއް ކަމަށް ބުނެ ވަކި ގައުމެއްގެ ބާރު އެ ތަނަށް ހިންގައިގެންނުވާނެ ކަމަށް އެމެރިކާ އާއި ގަލްފު ގައުމުތަކުން ވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *