Support Us

ހުރުމުޒު ކަނޑުއޮޅީގައި އުޅަނދުތަކެއް

ހުރުމުޒު ހިންގާނެ ގޮތަކާމެދު އުމާނާއި އީރާނުން މަޝްވަރާކުރަނީ

ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ ހުރުމުޒު ކަނޑުއޮޅި ހިންގާނެ ގޮތަކާމެދު މަޝްވަރާކުރަން އުމާނާއި އީރާނުން ނިންމައިފިއެވެ.

ހުރުމުޒާމެދު އެމެރިކާ އާއި އީރާންގެ ދެމެދުގައި ހިޔާލުތަފާތުވެ، އެމެރިކާ އާއި އީރާނުން ހަމަލާ ބަދަލުކުރަމުންދާތާ 14 ދުވަސްވި ނަމަވެސް، އުމާނާއި އީރާނުން އެއްބަސްވާ ގޮތަކަށް ހުރުމުޒު މެނޭޖްކުރަން މަޝްވަރާކުރަން އުމާނުން ރޭ ވަނީ އެ ގައުމުގެ ވަފުދެއް އީރާނަށް ފޮނުވައިފައެވެ.

އުމާންގެ ހާރިޖީ ވަޒީރު ބަދްރުލްބޫސައީދީ ވިދާޅުވީ ހުރުމުޒު ހިމެނޭ ގޮތަށް ދުނިޔޭގެ ކަނޑުއޮޅިތައް އަބަދުވެސް ބާއްވަން ޖެހޭނީ ހުރިހާ އުޅަނދުފަހަރަކަށް ހުޅުވައިލައިފައި ކަމަށެވެ.

"އެ ފަދަ ކަނޑުއޮޅިތަކުން މިނިވަންކަމާއެކު ދަތުރުކުރެވޭނެ ގޮތަށް ބާއްވަން ޖެހޭ. އެއީ ބައިނަލްއަގުވާމީ ވިޔަފާރިއަށް ހުރަސްނޭޅޭނެ ގޮތަށް،" އޭނާ ވިދާޅުވިއެވެ.

އީރާނުން ބުނީ އުމާނާ ގުޅިގެން ހުރުމުޒު މެނޭޖްކުރަން އީރާނުން ތައްޔާރުކަމަށެވެ. މި ގޮތަށް ކަންތައްތައްކުރަން އީރާންގެ ހާރިޖީ ވަޒީރު އައްބާސް އަރާގްޝީ ވަނީ ބަދްރުލްބޫސައީދީއާ ވާހަކަދައްކަވައިފައި ކަމަށް އީރާންގެ ހާރިޖިއްޔާއިން ބުންޏެވެ. ނަމަވެސް އުމާނާއި އީރާނުން ގުޅިގެން ހުރުމުޒު މެނޭޖްކުރުމާ އެމެރިކާ އާއި ގަލްފު ގައުމުތަކުން ދެކޮޅެވެ.

އެމެރިކާ އާއި އީރާނުން މިހާރު ހަމަލާ ބަދަލުކުރަމުންދަނީ އީރާންގެ ގަވައިދުތަކާ ހިލާފަށް ހުރުމުޒުން ދަތުރުކުރާ އުޅަނދުތަކަށް އީރާނުން ހަމަލާދޭތީ އެމެރިކާއިން އީރާނަށް ހަމަލާދެމުންގެންދާތީއެވެ. އެއީ، ފެބްރުއަރީގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ހުއްޓައިލަން ސީޒްފަޔާއެއް ގާއިމުކޮށްފައި އޮއްވައެވެ. އަދި ހަނގުރާމަ ހުއްޓައިލާނެ ގޮތެއް ކަނޑައަޅަން އެމެރިކާ އާއި އީރާނުން މި ދިޔަ މަހު ސުލްހައިގެ ފަހުމްނާމާއެއްގައި ސޮއިކުރި ނަމަވެސްމެއެވެ. ހުރުމުޒު މައްސަލައިގައި އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށުމުން އެ ފަހުމްނާމާއަށް އަމަލުނުކުރާނެ ކަމަށް އީރާނުން ވަނީ ބުނެފައެވެ.

އެމެރިކާއިން އީރާނަށް ހަމަލާދޭތާ ޖެހިޖެހިގެން 14 ދުވަސްވީއިރު، ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު އިއްޔެ 100 ޑޮލަރު (1،542ރ.)ގައި ހުރެފައި މިއަދު ވަނީ 101 ޑޮލަރު (1،557ރ.)އަށް މައްޗަށް ޖެހިފައެވެ. އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ. ސުލްހައިގެ ފަހުމްނާމާގައި ސޮއިކުރުމުން 68 ޑޮލަރު (1،048ރ.)އަށް ވެސް ދަށަށް ދިޔައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *