ދުނިޔެއިން ބަލައިގެންފައިވާ، ޔަމަންގެ އަދަންގައި ގާއިމުކޮށްފައިވާ ސަރުކާރާއެކު ސުލްހައިގެ ވާހަކަތައް އަލުން ބޭއްވުމަށް، އީރާނުން ވާގިވެރިވާ، ޔަމަންގެ ވެރިރަށް ސަންއާގައި ދުނިޔެއިން ބަލައިނުގަންނަ ސަރުކާރެއް ގާއިމުކޮށްގެން ތިބި ހޫތީ ޖަމާއަތަށް އދ.އިން ގޮވައިލައިފިއެވެ.
އދ.އިން ބުނީ ރަތް ކަނޑުގައި ދަތުރުކުރާ ވިޔަފާރި އުޅަނދުތަކަށް ހޫތީން އަލުން ހަމަލާދޭން ފަށައިފައިވާތީ އެ ކަމުގެ ސަބަބުން ޔަމަންގެ އެތެރޭގައި ހިނގަމުންދާ ހަމަނުޖެހުން އިތުރަށް ގޯސްވެދާނެ ކަމަށެވެ.
އދ.އިން ޔަމަނަށް ކަނޑައަޅައިފައި ހުންނަ ހާއްސަ މަންދޫބު ހަންސް ގްރަންޑްބެއަޔީ (ފޮޓޯ) އިއްޔެ ބުނީ ހޫތީން ހަނގުރާމަވެރި ހަރަކާތައް އެނބުރި ދިއުމުން "ކަންބޮޑުވުން" ލިބިފައިވާ ކަމަށާއި ސަބަބަކީ ޔަމަންގެ ރައްޔިތުން ބަރުދާސްތުކުރަމުންދާ ވޭނާއި ކެކުޅުން އިތުރަށް ގޯސްވެދާނެތީ ކަމަށެވެ.
"ޔަމަންގެ ސިޔާސީ، އިގުތިސާދީ އަދި ސަލާމަތީ ގޮންޖެހުންތަކާ ކުރިމަތިލައި، ޔަމަންގެ ރައްޔިތުންގެ މަސްލަހަތަށް އިސްކަން ދެވޭނެ ސުލްހައިގެ ވާހަކަތަކަކަށް އެނބުރި ދިއުމުގެ މަގު އަދިވެސް އޮތީ ތަނަވަސްކޮށް،" އޭނާ ބުންޏެވެ.
ހޫތީން ވަނީ އެ ޖަމާއަތުން ދިން ހަމަލާތައް ދިފާއުކޮށްފައެވެ.
"ސައުދީ އަރަބިއްޔާގެ ދެ ތެޔޮ ޓޭންކަރަށް އަހަރެމެން ހަމަލާދިނީ ރަތް ކަނޑުގެ ބައެއް މަގުތަކުން ދަތުރުކުރަން އަހަރެމެން އަޅައިފައިވާ ހުރަސްތަކާ ހިލާފުވުމުން،" ހޫތީންގެ އަސްކަރީ ގޮފީގެ ތަރުޖަމާނު ޔަހްޔާ ސަރީއު ބުންޏެވެ.
ރަތް ކަނޑުގެ ބައެއް ޝިޕިން މަގުތައް ހޫތީން ބަންދުކޮށްލީ އީރާނުން މި މަހު 13 ގައި ފޮނުވި މަތިންދާބޯޓެއް ސަންއާގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރަށް ޖެއްސިޔަ ނުދިނުމަށް، ސައުދީއާ ގުޅިފައިވާ ކޯލިޝަނުން އެއާޕޯޓްގެ ރަންވޭއަށް ބޮންއެޅުމުން، އެ ފްލައިޓް އަނބުރާ އީރާނަށް ދާން ޖެހުމުން، ހޫތީން އެ ކަމާ ހިތްހަމަނުޖެހުމުންނެވެ.
ޔަމަންގައި ހަމަނުޖެހުންތައް އުފެދުނީ 2014 ގައި ހޫތީން ސަންއާ ހިފުމުންނެވެ. އެ ކަމުގެ ސަބަބުން އުފެދުނު ހަމަނުޖެހުންތަކުގައި މި އަހަރު ޔަމަންގެ 22 މިލިއަން ރައްޔިތުންނަށް އެހީ ބޭނުންވާ ކަމަށް އދ.އިން އަންދާޒާކުރެއެވެ. އޭގެ ތެރެއިން 18.3 މިލިއަން މީހުންނަށް އެކަށީގެންވާ މިންވަރަށް ކާބޯތަކެތި ނުލިބޭ ކަމަށް އދ.އިން ބުންޏެވެ.



advertisment