މެދުއިރުމަތީގެ ހަމަނުޖެހުންތަކުގައި މަދަނީ އިންފްރާސްޓްރަކްޗަރަށް ދޭ ހަމަލާތައް އދ.އިން ކުށްވެރިކޮށްފިއެވެ.
އދ.އިން ވަނީ އެމެރިކާއިން އީރާންގެ މަދަނީ އިންފްރާސްޓްރަކްޗަރަށް ދެމުންދާ ހަމަލާތަކާއި ރައްދުގައި އީރާނުން ގަލްފު ގައުމުތަކުގައި ހުރި އެމެރިކާގެ އެސެޓްތަކަށް ދޭ ހަމަލާތަކުގައި އެ ގައުމުތަކުގެ މަދަނީ އިންފްރާސްޓްރަކްޗަރު ހަލާކުވާތީ އެ ކަން ވެސް އިއްޔެ ކުށްވެރިކޮށްފައެވެ.
"މި ފަދަ ހަމަލާތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" އދ.ގެ އަމީންއާއްމު އެންޓޯނިއޯ ގުޓެރެސް (ފޮޓޯ) ވިދާޅުވިއެވެ.
އީރާނުން ބުނީ އެންމެ ފަހުން ރޭ އެމެރިކާއިން ދިން ހަމަލާތަކުގެ ސަބަބުން އެ ގައުމުގެ 20 ވިލެޖެއްގެ ފެން ކަނޑައިގެން ގޮސްފައިވާ ކަމަށެވެ. އީރާންގެ ދެކުނު ސަރަހައްދުގައިވާ ބްރިޖްތަކާއި އެއާޕޯޓްތަކާއި ރޭލު ސްޓޭޝަންތަކަށް ވެސް އެމެރިކާއިން ވަނީ ކުރިން ހަމަލާދީފައެވެ.
މި މަހު ހަޔަކުން ފެށިގެން އެމެރިކާއިން އީރާނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް މަދުވެގެން 50 މީހުން މަރުވެ، 500 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވެއެވެ.
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ޑްރޯނާއި މިސައިލުން ދިން ހަމަލާތައް ޑިސެލިނޭޝަން ޕްލާންޓަކަށާއި ތެޔޮ ފެސިލިޓީއަކަށް އެރިއެވެ. އަދި އެއާ ޓްރެފިކަށް ބުރޫއެރިއިރު އީރާންގެ ހަމަލާތަކުން ދިފާއުވުމުގެ މަސައްކަތުގައި އުޅުނު ކުވައިތުގެ ބައެއް ސިފައިން ޒަހަމްވިއެވެ.
ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު އިއްޔެ 84 ޑޮލަރު (1،295ރ.)ގައި ހުރިއިރު މިއަދު ވަނީ 88 ޑޮލަރު (1،356ރ.)އަށް އަރައިފައެވެ. ފެބްރުއަރީ މަހު އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ. ހަނގުރާމަ ދާއިމީކޮށް ހުއްޓައިލާނެ ގޮތެއް ކަނޑައަޅަން މި ދިޔަ މަހު އެމެރިކާ އާއި އީރާނުން ސުލްހައިގެ ފަހުމްނާމާގައި ސޮއި ކުރުމުން 68 ޑޮލަރު (1،048ރ.)އަށް ވެސް ދަށަށް ދިޔައެވެ.



advertisment