އަލްޖަޒާއިރުގެ ކުޑަކުދިންގެ ހިޔާއެއްގައި ރޯވެ، ކުދިން ހިމެނޭ ގޮތަށް 11 މީހުން މަރުވެއްޖެއެވެ.
ވެރިރަށް އަލްޖަޒާއިރުލްއާސިމާގެ އިރުމަތިން އޮންނަ މުނިސިޕަލިޓީއެއް ކަމަށްވާ މުހައްމަދިޔާގައި ދެ ބުރިއަށް ހުންނަ ޗައިލްޑްހުޑް ރިލީފް އިންސްޓިޓިއުޝަންގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި މަރުވި އުމުރުން 52 އަހަރުގެ އަންހެން އެހީތެރިއެއްގެ އިތުރުން ދެން މަރުވީ ހުސް ކުޑަކުދިން ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.
ޒަހަމްވި 19 މީހުންގެ ތެރޭގައި ވެސް ކުޑަކުދިން ހިމެނޭއިރު އޭގެ ތެރެއިން ހަށިގަނޑުގެ ތަންތަން ފިހުނު ކުދިންނާއި ދުމުން ނޭވާގެ ނިޒާމަށް އަސަރުކުރި ކުދިން މިހާރު ވަނީ ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައެވެ.
ސަރުކާރުން ހިންގާ މި މަރުކަޒަކީ ޔަތީމުންނާއި މައިންބަފައިން ބޭނުން ނެތިގެން ދޫކޮށްލައިފައިވާ ކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިން ބަލަހައްޓާ މަރުކަޒެކެވެ.
"ނަފުސާނީ ޝޮކް ޖެހިގެން ހަތް މީހުންނަށް ފަރުވާ ދޭން ޖެހުނު. ހާއްސަ އެހީއަށް ބޭނުންވާ ފަސް ކުދިން ރައްކާތެރި ތަނަކަށް އެވަކުއޭޓްކުރި،" އޮފިޝަލަކު ބުންޏެވެ.
އަލްޖަޒާއިރުގެ ރައީސް އަބްދުލްމަޖީދު ތައްބޫން ވަނީ މަރުވި ފަރާތްތަކުގެ އާއިލާތަކަށް ތައުޒިޔާ ދަންނަވައިފައެވެ.
ބޮޑުވަޒީރު ސީފީ ޣަރީބު ވަނީ އަލްޖަޒާއިރުލްއާސިމާގެ މުސްތަފާ ބާޝާ ހޮސްޕިޓަލަށް ވަޑައިގެން ޒަހަމްވި މީހުންގެ ހާލު ބައްލަވައިލައްވައި އެ މީހުންނަށް ފަރުވާ ދެމުންދާ ގޮތް ބައްލަވައިލައްވައިފައެވެ.
އަލިފާން ނިއްވުމާއި މީހުން ހޯދުމުގެ އޮޕަރޭޝަން މިހާރު ވަނީ ނިންމައިލައިފައެވެ. އަދި ސަލާމަތީ އިދާރާތަކާއި ޖުޑިޝަރީން ވަނީ އަލިފާން ރޯވާން ކުރިމަތިވި ސަބަބު ހޯދަން ތަހުގީގެއް ފަށައިފައެވެ.



advertisment