އީރާނާއި އެމެރިކާއިން ހަމަލާ ބަދަލުކުރުން ވަރުގަދަވަމުންދާއިރު ސުލްހައިގެ ވާހަކަތަކަށް އެނބުރި ދިއުމުގެ އުއްމީދު ފަނޑުވާން ފަށައިފިއެވެ.
އެމެރިކާއިން އިއްޔެ ވެސް ވަނީ އީރާންގެ އައްސޭރިފަށުގައި ހުރި ދިފާއީ ނިޒާމުތަކަށާއި މިސައިލް މަރުކަޒުތަކަށް ހަމަލާދީފައެވެ. ރައްދުގައި އީރާނުން ވަނީ ބަހްރައިން، ކުވައިތު އަދި އުރުދުންގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ހަމަލާދީފައެވެ.
އީރާނުން ބުނީ އެމެރިކާއިން އިއްޔެ ދިން ހަމަލާތަކުގައި އާއްމުންގެ 35 މީހުން މަރުވި ކަމަށާއި 300 މީހުން ޒަހަމްވި ކަމަށެވެ.
އެމެރިކާއިން ބުނީ ހުރުމުޒު ކަނޑުއޮޅިން އެންމެ ފަހުން ދަތުރުކުރި އުޅަނދުފަހަރަށް އީރާނުން ދިން ހަމަލާތަކުގައި މަރުވެ، ނުވަތަ ގެއްލުނު ނުވަތަ ޒަހަމްވި މީހުންގެ އަދަދު ދޮޅަހަކަށް އަރާ ކަމަށެވެ.
ފެބްރުއަރީ މަހު އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ދާއިމީ ގޮތެއްގައި ހުއްޓައިލަން މި ދިޔަ މަހު ސޮއިކުރި ފަހުމްނާމާގެ ދަށުން ވާހަކަތައް ކުރިއަށްގެންދަން ނިންމައިފައިވަނީ ހަނގުރާމަ ފެށި ދުވަހު ދިން ހަމަލާއެއްގައި އަވަހާރަކޮށްލި އީރާންގެ ސުޕްރީމް ލީޑަރު އަލީ ހާމަނާއީ ފަސްދާންލުމަށްފަހުއެވެ. ނަމަވެސް އެ ދުވަސް ފަހަނަޅައި ދިޔައިރު ވެސް ވާހަކަތައް ބާއްވާނެ ތަނަކާއި އިރެއް ދެ ގައުމުން ވެސް ހާމައެއް ނުކުރެއެވެ.
އެކަމަކު އެމެރިކާއިން ބުނީ ވާހަކަތައް ކުރިއަށްގެންދަން އީރާނުން ބޭނުންނަމަ އެމެރިކާއިން ޑިޕްލޮމެޓިކް ހައްލަކަށް އެދޭ ކަމަށެވެ. ނަމަވެސް އީރާނުން ބުނީ އީރާނަށް ހަމަލާދެމުންދާއިރު ވާހަކަތަކަށް އެނބުރި ރުޖޫއަނުވާނެ ކަމަށެވެ.
އެމެރިކާއިން ބުނީ އީރާނަށް އިއްޔެ ހަމަލާދިނީ ބައިނަލްއަގުވާމީ ޝިޕިން ރައްކާތެރިކުރުމަށާއި ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ، އީރާންގެ ބާރުގެ ދަށުގައި އޮންނަ ހުރުމުޒު ކަނޑުއޮޅި ހުޅުވައިލައިފައި ބާއްވަން ކަމަށެވެ.
"ހުރުމުޒުން ދަތުރުކުރުމަށާއި ބައިނަލްއަގުވާމީ ވިޔަފާރި ރައްކާތެރިކުރުމަށް އަހަރެމެން (އަސްކަރީ) އޮޕަރޭޝަންތައް ކުރިއަށްގެންދާނަން،" އެމެރިކާގެ އަސްކަރިއްޔާއިން ބުންޏެވެ.
ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު އިއްޔެ 84 ޑޮލަރު (1،295ރ.)ގައި ހުރިއިރު މިއަދު ހުރީ 85 ޑޮލަރު (1،310ރ.)އަށް މައްޗަށް ޖެހިފައެވެ. އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ. ސުލްހައިގެ ފަހުމްނާމާގައި ސޮއި ކުރުމުން 68 ޑޮލަރު (1،048ރ.)އަށް ވެސް ދަށަށް ދިޔައެވެ.



advertisment