ޔަމަންގެ ހަމަނުޖެހުން އަނެއްކާވެސް މެދުއިރުމައްޗަށް ފެތުރިދާނެކަމުގެ ބިރު އުފެދިއްޖެއެވެ.
ޔަމަންގެ އަދަނުގައި ގާއިމުވެގެން އޮތް، ބައިނަލްއަގުވާމީ މުޖުތަމައުން ބަލައިގަންފައިވާ ސަރުކާރުގެ ސިފައިން ހޯމަ ދުވަހު ވަނީ އީރާނުން ވާގިވެރިވާ، ޔަމަންގެ ވެރިރަށް ސަންއާ ހިފައިގެން ތިބި ހޫޘީ ޖަމާއަތުގެ ބާރުގެ ދަށުގައިވާ ސަންއާގެ ބައިނަލްއަގުވާމީ އެއާޕޯޓުގެ ރަންވޭއަށް ހަމަލާދީފައެވެ. އެއީ އީރާނުން ފުރައިގެން އައި ހޫޘީންގެ ވަފުދެއް ހިމެނޭ ފްލައިޓެއް ޖެއްސިޔަ ނުދިނުމަށެވެ. ނަތީޖާއެއްގެ ގޮތުން ފްލައިޓަށް ޖެހުނީ އެނބުރި ދާށެވެ.
"އީރާނުން މަސައްކަތްކުރަނީ ޔަމަންގެ ސިޔާދަތު ނަގައިލަން. ފްލައިޓްގައި ހުރީ ހޫޘީންނަށް ގެނެސްދިން އަސްކަރީ ސާމާނާއި އަސްކަރީ މުވައްޒަފުން،" ޔަމަންގެ ސަރުކާރުން ބުންޏެވެ.
ސަންއާގެ އެއާޕޯޓުގެ ރަންވޭއަށް ހަމަލާދިނުމުން ރައްދުގައި ހޫޘީން ވަނީ، ޔަމަންގެ ސަރުކާރަށް ތާއީދުކުރާ ސައުދީ އަރަބިއްޔާގެ އަބްހާ ބައިނަލްއަގުވާމީ އެއާޕޯޓަށް އަމާޒުކޮށް މިސައިލްތަކާއި ޑްރޯންތަކެއް ފޮނުވައިލައިފައެވެ. ސައުދީން ބުނީ އެ ޑްރޯންތަކާއި މިސައިލްތައް އިންޓަސެޕްޓްކުރި ކަމަށެވެ.
މިއީ 2022 ގައި ހޫޘީންނާއި ޔަމަންގެ ސަރުކާރާ ދެމެދު ގާއިމުކުރި ސީޒްފަޔާއަށްފަހު ހޫޘީންނާއި ސަރުކާރާ ދެމެދު ހަމަނުޖެހުން އެންމެ ވަރުގަދަވި ފަހަރެވެ. ސަރުކާރަށް ވާގިވެރިވަނީ ސައޫދީން އިސްވެ ތިބި ބައިނަލްއަގުވާމީ ކޯލިޝަނެކެވެ.
މެދުއިރުމަތީގެ މަސްރަހު ހަމަނުޖެހުމެއްގެ ތެރޭގައިވާ މި ދަނޑިވަޅުގައި ހޫޘީންނާއި ޔަމަންގެ ސަރުކާރާ ދެމެދު އަލުން ހަމަލާ ބަދަލުކުރަން ފެށުމުން ރަތް ކަނޑުގެ ޝިޕިންނާއި ދުނިޔޭގެ ހަކަތައިގެ މާކެޓަށް ބުރޫއަރާފާނެ ކަމަށް ބެލެވެއެވެ. ހާއްސަކޮށް، ބާބުލްމަންދަބު ކަނޑުއޮޅި ހޫޘީން ބަންދުކޮށްލައިފިނަމަ ދުނިޔޭގެ އިގުތިސާދަށް ލޮޅުން އަރާނެ ކަމަށް ސިޔާސީ ތަޖުރިބާކާރުން ބުންޏެވެ.



advertisment