Support Us

އީރާންގެ ޝިޕިންއަށް އަލުން ހުރަސްއަޅަން އެމެރިކާއިން ނިންމައިފި

އީރާންގެ ބޯޓުފަހަރަށާއި ބަނދަރުތަކަށް އަލުން ހުރަސްއަޅައިނެ ކަމަށް އެމެރިކާއިން ބުނެފިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ފޮޓޯ) މި ކަން އިއުލާން ކުރެއްވީ ރޭ އީރާންގެ އަސްކަރީ މަރުކަޒުތަކަކަށް އެމެރިކާއިން ހަމަލާދިނުމަށްފަހުއެވެ.

ޓްރަމްޕް ވިދާޅުވީ، ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ، އީރާންގެ ބާރުގެ ދަށުގައި އޮންނަ ހުރުމުޒު ކަނޑުއޮޅި ހުޅުވައިލައިފައި ބާއްވާނެ ކަމަށެވެ.

"އުޅަނދުފަހަރު މިނިވަންކަމާއެކު ހުރުމުޒުން ހުރަސްކުރެވޭނެ ގޮތް އަހަރެމެން ކަށަވަރުކުރާނަން. ބައިނަލްއަގުވާމީ ވިޔަފާރި ރައްކާތެރިކުރާނަން،" ޓްރަމްޕް ވިދާޅުވިއެވެ.

އީރާނަށް ހަމަލާދިނުމުން ގަލްފުގައި އަލުން ހަނގުރާމަ ފެތުރިދާނެކަމުގެ ބިރު މިހާރު ވަނީ އުފެދިފައެވެ. އީރާނަށް ހަމަލާދިނުމުން އީރާނުން ވަނީ މިސައިލާއި ޑްރޯނުން ބަހްރައިން، ކުވައިތު، އުރުދުން އަދި އުމާންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފައެވެ.

"އީރާނާ ދެކޮޅަށް ދޭ ކޮންމެ ހަމަލާއަކަށް އެއާ އެއްވަރުގެ ރައްދެއް ދޭނަން،" އީރާންގެ އިސްލާމީ އިންގިލާބީ ލަޝްކަރު، އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯ (އައި.އާރް.ޖީ.ސީ)އިން ބުންޏެވެ.

ހަމަލާތައް ބަދަލުކުރި ނަމަވެސް އެމެރިކާ އާއި އީރާނުން ބުނީ ދެ ގައުމުގެ ދެމެދުގައި އޮތް ހަމަނުޖެހުމަށް ދާއިމީ ހައްލެއް ގެންނަން ޑިޕްލޮމެޓިކް ހައްލެއް ބޭނުން ކަމަށެވެ. ފެބްރުއަރީ މަހު އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ދާއިމީކޮށް ހުއްޓައިލަން މި ދިޔަ މަހު އެމެރިކާ އާއި އީރާނުން ސޮއިކުރި ސުލްހައިގެ ފަހުމްނާމާގެ ދަށުން ސުލްހައިގެ ވާހަކަތައް ދެން ކުރިއަށްގެންދާނެ ދުވަހެއް ދެ ގައުމުން އަދި ހާމައެއް ނުކުރެއެވެ.

ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު އިއްޔެ 76 ޑޮލަރު (1،171ރ.)ގައި ހުރެފައި މިއަދު ވަނީ 79 ޑޮލަރު (1،218ރ.)އަށް މައްޗަށް ޖެހިފައެވެ. އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ. ސުލްހައިގެ ފަހުމްނާމާގައި ސޮއި ކުރުމުން 68 ޑޮލަރު (1،048ރ.)އަށް ވެސް ދަށަށް ދިޔައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *