Support Us

ކައިވެނި ހުށަހަޅަން ދެ ލޯބިވެރިން އެރީ 204 ފޫޓު އުސް އެންޓަނާއަކަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ނައިޅައި

ކައިވެނި ހުށަހަޅަން ރަޝިޔާގެ ދެ ލޯބިވެރިން އެމެރިކާގެ ނިއު ޔޯކް ސިޓީގެ މަޝްހޫރު 104 ބުރި އެމްޕަޔާ ސްޓޭޓް ބިލްޑިންއަށް ވަދެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް ނައިޅައި އެ އިމާރާތުގެ 204 ފޫޓު އުސް އެންޓަނާއަށް އެރުމުން ހައްޔަރުކޮށްފައި ދައުވާތަކެއް އުފުލައިފައި ދޫކޮށްލައިފިއެވެ.

އިވާން ކުޒްނެޓްސޮފް، 32، އަދި އެންޖެލީނާ ނިކޮލައު، 33، އަކީ ހުއްދަ ނެތި އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް ނައިޅައި އުސް އިމާރާތްތަކަށް އެރުމަށް މަޝްހޫރު ދެ ލޯބިވެރިންނެވެ.

މިހާރު އެމެރިކާގައި ދިރިއުޅޭ އިވާން އާއި އެންޖެލީނާގެ ޑޮކިއުމެންޓްރީއެއް 2024 ގައި ރިލީޒްކުރިއެވެ. "ސްކައިވޯކާސް: އަ ލަވް ސްޓޯރީ" ("އުޑުގައި ހިނގާ މީހުން: ލޯބީގެ ވާހަކައެއް")ގައި ދައްކަނީ ބައެއް ފަހަރު އިމާރާތްކުރާ މަސައްކަތްތެރިންނަށް ހެދިގެން ހުއްދަ ނުނަގާ، ރައްކާތެރިކަމުގެ ސާމާނު ބޭނުންނުކޮށް އުސް އިމާރާތްތަކަށް އެ ދެ މީހުން އަރާ މަންޒަރުތަކާއި ދެ މީހުންގެ ދޭތެރޭ ލޯބި އުފެދުނު ގޮތެވެ. ބައިނަލްއަގުވާމީ ގޮތުން އެ ދެ މީހުން މަޝްހޫރުވީ މި ޑޮކިއުމެންޓްރީގެ ސަބަބުންނެވެ.

ކައިވެނި ހުށަހެޅުމަށް ދެ މީހުން ވަނީ އެންޓެނާގެ މަތީ ކޮޅުގައި ބެނާއެއް ވެސް ދަމައިލައިފައެވެ. އޭގައި ލިޔެފައިވާ ޖުމްލައިގެ މާނައަކީ "ބާރު ދެކެ ވާ ލޯބި، ލޯބީގެ ބާރުން ބަލިކޮށްލެވުމުން، ދުނިޔެ ސުލްހަ ދަންނާނެ"އެވެ.

އިވާން އާއި އެންޖެލީނާ ދެން ފޭބީ އެންޓަނާގައިވާ ޕްލެޓްފޯމަކަށެވެ. އެ ތަނުގައި އެއް ކަކޫ މައްޗަށް އިވާން ތިރިވެ، އެންޖެލީނާއަށް ކައިވެނި ހުށަހެޅިއެވެ. އެންޖެލީނާ އެ ކަން ގަބޫލު ކުރުމުން ދެ މީހުން ބައްދައިލައި، ބޮސްދީ، ފޮޓޯތަކެއް ނެގިއެވެ. އެއް ފޮޓޯއިން އެންގޭޖްމެންޓް ރިންގެއް ވައަތު ކަށި އިނގިލީގައި އަޅައިފައިވާ މަންޒަރު ފެނެއެވެ. ފޮޓޯތައް ވަނީ އެންޖެލީނާގެ ސޯޝަލް މީޑިއާއަށް ލައިފައެވެ.

ބުދަ ދުވަހު މެންދުރު އެންޓަނާއަށް އަރައި، ކައިވެނި ހުށަހެޅުމުގެ ކަންތައް ނިންމައިލައިފައި، ހަމަ މެންދުރު އެންޓަނާއިން ފޭބުމުން ދެ މީހުން ހައްޔަރުކުރީއެވެ. އެ ދެ މީހުންނަށް އެއްވެސް ޒަހަމެއް ނުލިބެއެވެ.

ކުއްލި ހާލަތުގައި އެހީވާ ފުލުހުން އެ ދެ މީހުން ހައްޔަރުކުރިއިރު އެ ދެ މީހުން ދެއްކި ވާހަކަ ފުލުހުންގެ ހަށިގަނޑުގައި ހަރުކޮށްފައިވާ ބޮޑީ ކެމެރާއަށް އަރައިފައިވެއެވެ.

"އަހަރެމެން އެންގޭޖް ވެއްޖައިން،" އެކަކު ބުނާ އަޑުއިވެއެވެ.

"ކަލޭމެންނަށް މި ތާކު ނުތިބެވޭނެ،" އެ ދެ މީހުންނާ ދިމާއަށް ފުލުހަކު ބުނެއެވެ. ނަމަވެސް އެއީ އެ ދެ މީހުންނަށް ސަލާމުގެ ބަހެއް ބުނެލައިފައެވެ.

އިވާން އާއި އެންޖެލީނާ ވެސް ފުލުހުންނާ ވާހަކަދެއްކީ އިހްތިރާމްކުރާ ރާގަކަށެވެ.

އިމާރާތް ހިންގާ ފަރާތުން ބުނީ ދެ މީހުން އެންޓަނާއަށް އެރީ ހުއްދަ ނުނަގައި ކަމަށް ވިޔަސް އެ މީހުން އެންޓަނާއަށް އެރުމަކުން އެ އިމާރާތުގައި ތިބި އެހެން މީހުންނަށް ނުރައްކަލެއްވާ ކަހަލަ އަމަލެއްނުކުރާ ކަމަށެވެ.

ދެ މީހުން ވަނީ އެއް ރޭ ހައްޔަރުކޮށްފައި ބައިތިއްބައިފައި އަނެއް ދުވަހު ދޫކޮށްލައިފައެވެ. އެއީ ކުރިމަގުގައި ކޯޓަށް ހާޒިރުވުމަށް ޝަރުތުކޮށްފައެވެ. ސަބަބަކީ މިއީ ކަފާލާތުގެ ދަށުން ފައިސާ ބަހައްޓަން ޖެހޭ ކަހަލަ ކުށަކަށް ނިއު ޔޯކްގައި ނުވާތީއެވެ. ކޯޓަށް ހާޒިރުވާން ދެން އޮތީ އަންނަ މަހު 24 ގައެވެ.

ދެ މީހުންނާ ދެކޮޅަށް އުފުލައިފައިވާ ދައުވާތަކުގެ ތެރޭގައި ވައްކަމާއި، އެހެން މީހަކަށް ގެއްލުމެއް ލިބިދާނެ އަމަލެއް ކުރުމާއި، ހުއްދަ ނެތް ތަނަކަށް ވަނުމާއި، ތަކެއްޗަށް ގެއްލުން ދިނުމާއި އަދި ވައްކަންކުރަން ބޭނުންކުރާ ސާމާނު ގެންގުޅުން ހިމެނެއެވެ.

ކުރިން އެއްވެސް ފަހަރެއްގައި ދެ މީހުން ޖަލަށް ލައި ނުވަތަ ޖޫރިމަނާ ކޮށްފައި ނުވިޔަސް މި ފަހަރު އެ މީހުންނާ ދެކޮޅަށް ދައުވާކޮށްފައިވަނީ ސީރިއަސް ކުށްތަކަކަށް ކަމަށްވާތީ އެ މީހުން ޖަލަށް ލައި އަދި ޖޫރިމަނާކުރުން އެކަށީގެންވެއެވެ.

ޕްރޮސެކިއުޓަރުން ބުނީ ދެ މީހުން އެންޓަނާއަށް އެރީ އެ އެންޓަނާ ކައިރިއަށް ދެވޭ 104 ވަނަ ބުރީގެ ދޮރެއްގެ ތަޅު ހަލާކުކޮށްލައިގެން ކަމަށެވެ. އާއްމުންނަށް އެންމެ މައްޗަށް ދިއުން ހުއްދައީ 102 ވަނަ ބުރީގައި ހުންނަ، ބޭރު ބަލައިލެވޭ އޮބްޒަވޭޝަން ޑެކަށެވެ.

ތަހުގީގުކުރާ ފަރާތްތަކުން ބުނީ އިމާރާތަށް ވަނުމަށް ޓިކެޓް ނަގައިފައި ދެ މީހުން އެއް ރޭ އެ ތާ ތެރޭގައި ފިލާ ތިބެފައި ބުދަ ދުވަހު ފަތިހު އެންޓަނާއަށް އެރީ ކަމަށެވެ.

އެމްޕަޔާ ސްޓޭޓް ބިލްޑިންއަށް ވަންނަ މީހުން ސްކްރީން ކުރެއެވެ. ބޮޑެތި ޕެކެޖްތަކާއި ކުޅިވަރު ސާމާނާއި ކޮސްޓިއުމާއި މާސްކް ފަދަ ތަކެތި ގެނައުމަކީ މަނާ ކަމެކެވެ. ނަމަވެސް ދެ މީހުން ތިބީ ކަޅު ކުލައިގެ ހެދުން ލައިގެން މާސްކު އަޅައިގެންނެވެ.

އެމްޕަޔާ ސްޓޭޓް ބިލްޑިންއަށާއި އެ އިމާރާތުގެ އެންޓަނާއަށް މީގެ ކުރިން ވެސް ހުއްދަ ނުނަގައި މީހުން އަރައިފައިވެއެވެ. އެކްޓަރު އަދި މިއުޒިޝަން ޖެރެޑް ލެޓޯގެ ޓުއާއެއް ޕްރޮމޯޓްކުރަން 86 ވަނަ ބުރިން އެންޓަނާގެ ބުޑާ ހިސާބަށް އަރަން 2023 ގައި ހުއްދަ ދިނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *