ޕާކިސްތާންގެ ޕަންޖާބް ޕްރޮވިންސްގެ ވެރިރަށް ލާހޫރު ސިޓީގައި ހުރި ޓިއުޝަން ސެންޓަރެއްގެ ފުރާޅު ވެއްޓި 14 ދަރިވަރުން މަރުވެއްޖެއެވެ.
އޮފިޝަލުން އިއްޔެ ބުނީ މަރުވި ކުދިންގެ އުމުރު އުޅެނީ ފަސް އަހަރާއި 16 އަހަރާ ދޭތެރޭ ކަމަށެވެ.
ޓިއުޝަން ސެންޓަރަކީ ހަދަމުންދާ އިމާރާތެކެވެ. އަދި މި ހާދިސާގައި ގިނަ ބަޔަކު ޒަހަމްވެސްވި ކަމަށް އޮފިޝަލުން ބުންޏެވެ.
ޕަންޖާބުގެ އިންފޮމޭޝަން މިނިސްޓަރު އަޒްމާ ބުހާރީ ވިދާޅުވީ މިހާތަނަށްކުރި ތަހުގީގުން އެނގުނީ އިމާރާތުގެ ފެންވަރު ދަށް ކަމަށާއި ޓިއުޝަން ސެންޓަރު ހިންގަމުން ދިޔައީ ހުއްދަ ނުނަގާ ކަމަށެވެ.
"އިމާރާތުގެ ސްޓްރަކްޗަރު ހުރީ ވަރަށް ބާވެފައި. އަދި ޓިއުޝަން ސެންޓަރު ހުރީ ރަޖިސްޓްރީ ނުކޮށް،" އޭނާ ވިދާޅުވިއެވެ.
ޕާކިސްތާންގެ ރައީސް އާސިފު އަލީ ޒަރުދާރީ ވަނީ މަރުވި ދަރިވަރުންގެ އާއިލާތަކަށް ތައުޒިޔާ ދަންނަވައިފައެވެ.
"މި ފަދަ ހިތާމަވެރި ހާދިސާތަކުން އަލިއަޅުވާލަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުކަށިކުރަން ޖެހޭކަން،" އޭނާ ވިދާޅުވިއެވެ.
ރަސްމީ އިދާރާތަކުން ވަނީ އިހުމާލުވީތޯ ބެލުމުގެ ތަހުގީގެއް ހިންގަން ފަށައިފައެވެ. އަދި ރައްކާތެރި ނޫން އިމާރާތްތައް ޗެކުކުރަން އަމުރުކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން އިމާރާތުގެ ވެރި ފަރާތާއި އަދި އެހެން މީހަކު ވަނީ ހައްޔަރުކޮށްފައެވެ.



advertisment