ލީބިޔާގެ އިރުމަތީ ސަރަހައްދުގެ ސަރުކާރާއި އަދި ހުޅަނގު ސަރަހައްދުގެ ސަރުކާރު އެއްބައިވަންތަކޮށް، ލީބިޔާއަކީ އެއް ދައުލަތަކަށް ހަދަން އެމެރިކާއިން މަސައްކަތް ފަށައިފިއެވެ.
އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގެ އެޑްވައިޒަރު މަސަދު ބޫލަސް ބުނީ ލީބިޔާގެ ދެ ސަރުކާރުގެ ދެމެދުގައި އެއްބަސްވުމެއް ގާއިމު ކުރެވިއްޖެނަމަ، ދެ ސަރުކާރުގެ ލީޑަރުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަރިހުގައި ހުރެގެން ފަހު ޑީލެއްގައި ސޮއިކުރުމަށް އެމެރިކާއަށް ދައުވަތު ދެވިދާނެ ކަމަށެވެ.
ހުޅަނގުގެ ގައުމުތަކުން ތާއީދުކޮށްގެން ލީބިޔާގައި މުޒާހަރާކޮށްގެން ލީބިޔާގެ ލީޑަރު މުއައްމަރު ގައްޒާފީ 2011 ގައި ވެރިކަމުން ދުރުކުރުމުން ގައުމު ދެބައިވުމުން އުފެދުނު ސިޔާސީ ކޯޅުމުގައި، ވެރިރަށް ތަރާބްލަސްގެ ސަރުކާރާ ދެކޮޅަށް އުފެއްދި ލީބިޔާގެ އިރުމަތީ ސަރުކާރުގެ ލީބިޔަން ނެޝަނަލް އާމީ (އެލް.އެން.އޭ)ގެ ކޮމާންޑަރުގެ ނައިބު، ސައްދާމް ހަފްތަރު (ފޮޓޯ)އާ އެމެރިކާގެ ހާރިޖީ ވަޒީރު މާކޯ ރުބިއޯ އިއްޔެ ވަނީ ބައްދަލުކުރައްވައިފައެވެ.
"ރުބިއޯ އާއި ހަފްތަރުގެ ދެމެދުގައި ބޭއްވި ވާހަކަތައް ފޯކަސްކޮށްލީ ލީބިޔާގެ ދެ ފަޅީގެ އަސްކަރިއްޔާ، އިގުތިސާދު އަދި ސިޔާސީ މުއައްސަސާތައް އެއްކޮށްލުމަށް،" އެމެރިކާގެ ހާރިޖީ ވުޒާރާއިން ބުންޏެވެ.
ގައުމުގައި އޮތް ބައިބައިވުން ނައްތައިލަން ލީބިޔާގެ ދެ ސަރުކާރުގެ ލީޑަރުންވެސް ކުރަމުންދާ މަސައްކަތްތަކަށް ރުބިއޯ ވަނީ ތައުރީފުކުރައްވައިފައި ކަމަށް އެ ވުޒާރާއިން ބުންޏެވެ.
"ލީބިޔާގައި އެއްބައިވަންތަކަން ގާއިމުކުރުމުގެ ޑިޕްލޮމެޓިކް މަސައްކަތްތަކުގައި އެމެރިކާ އޮންނާނީ ކުރީ ސަފުގައި،" ރުބިއޯ ވިދާޅުވިއެވެ.
ލީބިޔާ އެއްބައިވަންތަކުރުމަށާއި އެ ގައުމުގައި ސުލްހަ ގާއިމުކުރަން ހުރި ފުރުސަތުތަކާމެދު ހަފުތަރު އާއި ރުބިއޯ މަޝްވަރާކުރެއްވި ކަމަށް އެމެރިކާގެ ހާރިޖިއްޔާއިން ބުންޏެވެ.
ހަފުތަރުގެ ކޭމްޕުން ވަނީ އޭނާ އާއި ރުބިއޯއާ ދެމެދު ބޭއްވި މަޝްވަރާތަކަށް މަރުހަބާ ކިޔައިފައެވެ.



advertisment