Support Us

އީރާނުން އިއްޔެ ދިން ހަމަލާގައި ބަހްރައިންގެ އެއާޕޯޓް ކައިރީގައި ހުރި އާއްމުން ދިރިއުޅޭ އިމާރާތް ހަލާކުވެފައި

ކުވައިތު، ބަހްރައިންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ހަމަލާދީފި

ކުވައިތާއި ބަހްރައިންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލާއި ޑްރޯނުން އީރާނުން ހަމަލާދީފިއެވެ.

ކުވައިތުން ބުނީ ދެ ބެލިސްޓިކް މިސައިލް އިންޓަސެޕްޓްކުރި ކަމަށެވެ. ބަހްރައިނުން ބުނީ އެ ގައުމުގެ އެއާޕޯޓް ކައިރީގައި ހުރި އާއްމުން ދިރިއުޅޭ އިމާރާތަކަށް ގެއްލުން ލިބުނު ކަމަށެވެ. ނަމަވެސް އެއްވެސް މީހަކަށް ގެއްލުން ނުލިބޭ ކަމަށް ކުވައިތާއި ބަހްރައިނުން ބުންޏެވެ.

އީރާނުން އިއްޔެ މި ހަމަލާތައްދިނީ، ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ، އީރާންގެ ބާރުގެ ދަށުގައި އޮންނަ ހުރުމުޒު ކަނޑުއޮޅި ކައިރީގައި ހުރި އީރާންގެ ފަސް ތަނަކަށް އެމެރިކާއިން ހަމަލާދިނުމުން އޭގެ ރައްދުގައި ކަމަށް އީރާނުން މިއަދު ބުންޏެވެ.

އެމެރިކާއިން ބުނީ އެމެރިކާއިން ހަމަލާތައް ދިނީ ޕެނަމާގައި ރަޖިސްޓްރީ ކޮށްފައިވާ އޮއިލް ޓޭންކަރު "ކީކޫ"އަށް އީރާނުން އިއްޔެ ހަމަލާދިނުމުން ކަމަށެވެ. އީރާނުން ބުނީ އީރާނުން "ކީކޫ"އަށް ހަމަލާދިނީ އީރާންގެ ގަވައިދުތަކާ ހިލާފަށް އެ ޓޭންކަރު ހުރުމުޒު ހުރަސްކުރީމާ ކަމަށެވެ. "ކީކޫ"އަށް ގެއްލުން ލިބުނަސް އެއްވެސް ފަޅުވެރިއަކަށް ގެއްލުމެއް ނުލިބެއެވެ.

އީރާނާއި އެމެރިކާގެ ދެމެދުގައި އަލުން ހަމަލާތައް ބަދަލުކުރަން މި ފެށީ ސިންގަޕޫރުގައި ރަޖިސްޓްރީ ކޮށްފައިވާ އާގުބޯޓް "އެވާ ލަވްލީ"އަށް ބުރާސްފަތި ދުވަހު އީރާނުން ހަމަލާދިނުމުން ރައްދުގައި އެމެރިކާއިން އީރާނަށް ހުކުރު ދުވަހު ހަމަލާދިނީމައެވެ. "އެވާ ލަވްލީ"އަށް ވެސް ހަމަލާދިނީ އީރާންގެ ގަވައިދުތަކާ ހިލާފަށް ހުރުމުޒު ހުރަސްކުރީމާ ކަމަށް އީރާނުން ބުންޏެވެ. "އެވާ ލަވްލީ"އަށް ގެއްލުން ލިބުނަސް އެއްވެސް ފަޅުވެރިއަކަށް ގެއްލުމެއް ނުލިބެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ވިދާޅުވީ ފެބްރުއަރީ 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ދާއިމީކޮށް ހުއްޓައިލަން ޑީލެއް ހެދުމަށްޓަކައި ސުލްހައިގެ ފަހުމްނާމާއެއްގައި މި މަހު 17 ގައި އެމެރިކާ އާއި އީރާނުން ސޮއި ކޮށްފައިވިޔަސް އީރާން "މައްސަލަ" އަސްކަރީ ނަތީޖާއަކުން ނިންމައިލަން ޖެހިދާނެ ކަމަށެވެ.

"އެހެން ވެއްޖެނަމަ އީރާން ދެން ވާނީ ނެތް ގައުމަކަށް،" ޓްރަމްޕް ވިދާޅުވިއެވެ.

އީރާނުން ބުނީ އެމެރިކާއިން ދިން ހަމަލާތަކަކީ ސުލްހައިގެ ފަހުމްނާމާ އާއި އދ.ގެ ޗާޓަރާ ވެސް ހިލާފު އަމަލުތަކެއް ކަމަށެވެ.

އީރާންގެ ހާރިޖީ ވަޒީރު އައްބާސް އަރާޣްޝީ މިއަދު ވިދާޅުވީ ހުރުމުޒު ކަނޑުއޮޅި ކުރިއަށް އޮތް 30 ދުވަހު ބާއްވާނީ އީރާންގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *