ދެ އަހަރުވީ ޣައްޒާ ހަނގުރާމަ ހުއްޓައިލަން ޣައްޒާ ހިންގާ ހަމާސްއާއި އިސްރާއީލާ ދެމެދު އެމެރިކާއިން މި ދިޔަ އަހަރު އޮކްޓޫބަރުގައި ގާއިމުކޮށްދިން ސީޒްފަޔާއާ ހިލާފުވެ އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ޝަހީދުވި މީހުންގެ އަދަދު 1،000 ފަހަނަޅައި ހިނގައްޖެއެވެ.
"ސީޒްފަޔާއަށްފަހު ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 1،005 މީހުން ޝަހީދުވެއްޖެ. މިހެންވެ، ދެ އަހަރުވީ ޣައްޒާ ހަނގުރާމައިގައި މިހާތަނަށް 73،000 އަށްވުރެ ގިނަ މީހުން ޝަހީދުވެއްޖެ،" ފަލަސްތީންގެ ސިއްހީ ވުޒާރާއިން ބުންޏެވެ.
ސީޒްފަޔާއަށްފަހު ވެސް އިސްރާއީލު ސިފައިން ދަނީ ކޮންމެ ދުވަހަކުހެން ޣައްޒާއަށް ވައިގެ މަގުންނާއި ޝެލުންނާއި އަދި ބަޑިޖަހައިގެން ވެސް ހަމަލާދެމުންނެވެ.
ފަލަސްތީން ރައްޔިތުންނަށް ސިއްހީ އަދި އިންސާނީ އެހީ ދޭ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާ މެޑިކަލް އެއިޑް ފޮ ޕަލަސްތީނިއަންސްއިން ބުނީ ޣައްޒާގެ ރަށްވެހިން ދަނީ ހިތާމަވެރި ތާރީހީ ހާދިސާތައް އަދިވެސް ތަޖުރިބާކުރަމުންކަމަށެވެ.
"ހަނގުރާމަ ނިމޭނެކަމަށް އުއްމީދުކުރިޔަސް އާއިލާތަކުން އަދިވެސް ދަނީ އެ މީހުން ލޯބިވާ މީހުން ވަޅުލަމުން،" އެ ޖަމިއްޔާގެ ޑިރެކްޓަރު ފިކްރު ޝަލްތޫތު ބުންޏެވެ.
އިސްރާއީލުން އަނެއްކާވެސް ބުނީ އެ ގައުމުގެ ސިފައިން ހަމަލާދެނީ ހަނގުރާމަވެރިންނަށްކަމަށާއި އެއީ ސީޒްފަޔާއާ ހިލާފުވުމުންކަމަށެވެ.
"އަހަރެމެންގެ އޮޕަރޭޝަންތައް ކުރިއަށްގެންދަނީ ޓެރަރިސްޓުންނާއި އަހަރެމެންގެ ސަލާމަތްތެރިކަމަށް ނުރައްކާކުރާ ގްރޫޕްތަކާ ދެކޮޅަށް،" އިސްރާއީލުގެ އޮފިޝަލަކު ބުންޏެވެ.
ހަމާސްގެ ސިޔާސީ ގޮފީގެ މެންބަރު ހުސާމް ބަދްރާން ބުނީ ހަމާސްއިން ހަތިޔާރުތައް އަދި ދޫކޮށެއްނުލާނެކަމަށެވެ.
"އެ މައްސަލަ ނިންމާނީ ފަލަސްތީންގައި ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ބޭއްވުމަށްފަހު،" އޭނާ ބުންޏެވެ.
އިންސާނީ އެހީ ދޭ އެޖެންސީތަކުން ބުނީ ޣައްޒާގެ ސިއްހީ ނިޒާމު ވެއްޓެން ކައިރިވެފައިވާކަމަށާއި މިހާރު ހުރި 37 ހޮސްޕިޓަލްގެ ތެރެއިން ކޮންމެވެސް ވަރަކަށް ވެސް ހިދުމަތް ދެނީ އޭގެ ތެރެއިން އެންމެ 20 ހޮސްޕިޓަލުންކަމަށެވެ.



advertisment