ދިވެހި ޒުވާން ޖީލުގެ ރައްކާތެރިކަމަށް އަޅުއްވާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި، ދިވެހިރާއްޖޭގައި، ޢުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް މަންސަތައް ބޭނުންކުރުން މަނާކުރުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށާއި، އެންމެ ގިނަވެގެން އެއް އަހަރު ދުވަހުގެ ތެރޭގައި މިކަން ތަންފީޒުކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ސޯޝަލް މީޑިއާގެ ނުރައްކާތަކަށް، ވަކީން ޚާއްޞަކޮށް ކުޑަކުދިން ހުށަހެޅިފައިވާކަން ފާހަގަކުރައްވައިފައެވެ. އެގޮތުން، ކުޑަކުދިންނަށް ކުރިމަތިވާ ގްރޫމިންގެ ނުރައްކަލަކީ މުޖުތަމަޢަށް އޮތް ބޮޑު ގޮންޖެހުމެއްކަން ފާހަގަކުރައްވައި "ސައިބަރ ބުލީން" އަކީ، ކުދިންގެ މުސްތަޤުބަލަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެފަދަ ކަންކަމުން ކުދިން ދުރުކޮށް، އިސްލާމީ އަސާސްތަކާ ޚިލާފު ކަންކަމުން ކުދިން ރައްކާތެރިކުރުމަކީ، ޢުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް މަންސަތައް ބޭނުންކުރުން މަނާކުރުމުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސަރުކާރުން އެންމެ އިސްކަމެއްދެއްވާ އެއް ކަމަކީ އިންސާނީ ތަރައްޤީކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި މޭރުމުން އެމަނިކުފާނުގެ ސަރުކާރުން އަޅުއްވާ ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވައިފައެވެ. އަދި ބަވަނަވެފައިވާ އަދުގެ ދުނިޔޭގައި ޒުވާން ޖީލަށް ކުރިމަތިވެފައި އޮތް ނުރައްކާތަކުން ރައްކާތެރިކަން ހޯދައިދިނުމުގެ ގޮތުން އަޅުއްވާ މުހިންމު ފިޔަވަޅެއްގެ ގޮތުން، ދިވެހިރާއްޖޭގައި، ޢުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް މަންސަތައް ބޭނުންކުރުން މަނާކުރެވޭއިރު، މިއީ ޑިޖިޓަލައިޒްވުމާ ދުރަށް ދިއުން ނޫން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މި ބަދަލާއެކު ކުދިންގެ ކިޔެވުމަށްވެސް ހީނަރުކަމެއް ކުރިމަތިނުވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ މޯލްޑިވްސް 2.0 ކަން ހަނދާންކޮށްދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ސަރުކާރުގެ އެފިޝަންސީ އާއި ޓްރާންސްޕޭރަންސީ އަދި ޖަވާބުދާރީވުން ހަރުދަނާކޮށް އިތުރުކުރުމަށްޓަކައި ޑިޖިޓަލައިޒޭޝަންގެ މަސައްކަތްތައް ހަލުވި ދުވެލީގައި ކުރިއަށްދާކަން ފާހަގަކުރައްވާފައެވެ. ޑިޖިޓަލައިޒްކުރުމުގެ ސަބަބުން ސީދާ އިންސާނީ ބައިވެރިވުން މަދުކުރެވި، ވަކި މީހެއްގެ ބާރާއި ނުފޫޒުން ކަންކަންވުން ނިމުމަކަށް އަންނާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ދިވެހި މުޖުތަމަޢަކީ އިސްލާމީ ރިވެތި އުޞޫލުތަކާއި އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ ގުޅުން ބަދަހި މުޖުތަމަޢެއް ކަމަށާ، ހުރިހާ މާނައެއްގައި އިސްލާމީ އަސާސްތަކުގެ ޙަޤީޤަތުގެ މައްޗަށް މުޖުތަމަޢު ބިނާކުރުމަށްޓަކައި ކުޅިވަރުގެ މައިދާންތަކާއި މަރުކަޒުތަކުގައި ނަމާދު ކުރެވޭނެ އިންތިޒާމުތައް ދާދި އަވަހަށް ހަމަޖައްސަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ކުޅިވަރު ކުޅެމުންދާއިރު ނަމާދު ވަގުތު ވަދެއްޖެ ހިނދެއްގައި، ބަންގި ގޮވާ ވަގުތުން ފެށިގެން ވަކި އިރެއް ވަންދެން ކުޅިވަރުކުޅުން ހުއްޓާލަންޖެހޭ ގޮތަށް ކަނޑައަޅުއްވައި، ކުރިއަށް އޮތް މަސްތަކުގައި އެކަން ތަންފީޒުކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.



advertisment