ކުޑަޔަސް އަދި ދުނިޔޭގެ ސަމާލުކަން ނުލިބުނަސް ލިކްޓަންސްޓައިން މިހާރު ވެފައިވަނީ ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ގައުމަށެވެ.
ގާތްގަނޑަކަށް 750 މޭލުގެ ދިގުމިން ހުރި ޔޫރަޕްގެ އެންމެ ދިގު ފަރުބަދަމަތީ ސަރަހައްދު ކަމަށްވާ އަލްޕްސްގެ މެދުތެރޭގައިހެން އޮންނަ އެންމެ 62 އަކަ މޭލުގެ ލިކްޓަންސްޓައިން އޮންނަނީ ޔޫރަޕްގައި ސްވިޒަލެންޑާއި އޮސްޓްރިއާއާ ދެމެދުގައެވެ. ލިކްޓަންސްޓައިނަކީ ސައިޒުގެ ގޮތުން ބަލާއިރު ދުނިޔޭގައި ހަވަނައަށް އެންމެ ކުޑަ ގައުމެވެ.
އާބާދީއަކީ ގާތްގަނޑަކަށް 40،000 ކަމަށްވާތީ އެއީ އާބާދީ އެންމެ މަދު ގައުމުތަކުގެ ލިސްޓުގައި ހަތްވަނައަށް އޮތް ގައުމެވެ.
އެ ގައުމުގައި އެއާޕޯޓެއް ނޯވެއެވެ. ދަތުރުވެރިން ބޭނުންކުރަނީ ސްވިޒަލެންޑާއި އޮސްޓްރިއާގެ އެއާޕޯޓްތަކެވެ.

ރަސްމީ ފައިސާގެ ގޮތުގައި ބޭނުންކުރަނީ ސްވިޒަލެންޑްގެ ފްރޭންކްއެވެ. އެއީ ސްވިޒަލެންޑާއެކު ގާއިމުކޮށްފައިވާ ކަސްޓަމްސް އާއި މަނިޓަރީ ޔުނިއަންގެ ނިޒާމަކުންނެވެ.
ސަރުކާރުގެ ދަރަންޏެއް ވެސް ނެތެވެ. އެއީ މާލީ ރިޒާވް ވަރަށް ބޮޑަށް އިތުރުކޮށްފައިވާތީއެވެ.
ލިކްޓަންސްޓައިންގެ އިގުތިސާދު އާދަޔާހިލާފަށް ވަރުގަދައީ ވަރަށް ކާމިޔާބު ބޭންކިން ނިޒާމެއް އޮތުމާއި ތަކެތި އުފައްދާ އެކި ސިނާއަތްތައް އޮތުމާއި އަދި ދުނިޔެއަށް ދޭ މާލީ ހިދުމަތުގެ ސަބަބުންނެވެ. މި ދާއިރާތަކުން ކޮންމެ އަހަރަކު އެ ގައުމުގެ އިގުތިސާދަށް އެތައް ބިލިއަން ޑޮލަރެއް ވަދެއެވެ. މިހެންވެ ލިކްޓަންސްޓައިނަކީ އަހަރީ ޕާ ކެޕިޓާ ނުވަތަ ބޮލަކަށް ޖެހޭ ފައިސާގެ އަދަދަށް ބަލާއިރު ވެސް ދުނިޔޭގެ އެންމެ މުއްސަނދި ގައުމެވެ. މި ދިޔަ އަހަރު އެ ގައުމުގައި ބޮލަކަށް ޖެހުނު 231،713 ޑޮލަރު (3.6 މިލިއަން ރުފިޔާ)އަކީ މުޅި ދުނިޔޭގައި ވެސް ޕާ ކެޕިޓާ އެންމެ މަތިން ރެކޯޑު ކުރެވުނު އަދަދެވެ.
މާލީ ކާމިޔާބުގެ އިތުރުން ލިކްޓަންސްޓައިނަކީ އާދަޔާހިލާފަށް ރައްކާތެރި އަދި އަމާން ގައުމެކެވެ. އެ ގޮތުން މުޅި ގައުމުގެ ސަލާމަތް ބަލަހައްޓަނީ 130 ފުލުސް އޮފިސަރުންގެ އެހީގައެވެ. ކުށްކުރުން ދާދި މަދު އިރު ގައިދީންގެ އަދަދު ބައެއް ފަހަރަށް 10 އަށް ވެސް ނާރައެވެ. ދޭތެރެއަކުން ރެކޯޑް ކުރެވޭ ކުށްތަކުގެ ބާވަތްތަކަކީ ވައްކަމާއި ފްރޯޑެވެ.

ލިކްޓަންސްޓައިންގެ ރައްޔިތުންނަށް ކަމުދަނީ ދިރިއުޅުމުގެ ހަމަހިމޭން ވައްޓަފާޅިއެކެވެ. ޒާތީ ކަންތައްތައް އިސްތިހާރު ނުކޮށެވެ. އެ ގޮތުން އެ މީހުންގެ މުއްސަނދިކަން ދައްކައިގެނެއް ނޫޅެއެވެ. އަދި އެއީ ސިޔާސީ ހަމަޖެހުން ވެސް އޮތް ގައުމެކެވެ.
ގައުމުގެ ޝާހީ އާއިލާ ވެސް ކިތައްމެ މުއްސަނދި ނަމަވެސް އެ އާއިލާގެ މުއްސަނދިކަން ބާއްވަނީ ޒާތީ ސިއްރެއްގެ ގޮތުގައެވެ. ޝާހީ އާއިލާގެ މިލްކިއްޔާތުގައި އެތައް ބިލިއަން ޑޮލަރު ހުރިކަމަށް ބެލެވޭތީ، ލިކްޓަންސްޓައިންގެ ޝާހީ އާއިލާ ބެލެވިފައިވަނީ ޔޫރަޕްގެ އެންމެ މުއްސަނދި ޝާހީ އާއިލާތަކާ ވެސް ފައިހަމަކޮށްލައިފައިވާ ޝާހީ އާއިލާއެއްގެ ގޮތުގައެވެ.
ލިކްޓަންސްޓައިންގެ ވެރިރަށަކީ ވާޑޫޓްސްއެވެ. އެއީ 1989 އިން ފެށިގެން ރަސްކަން ކުރައްވަމުން ވަޑައިގަންނަވާ އުމުރުން 81 އަހަރުގެ ޝެހެޒާދު ހާންސް-އެޑަމް ދޭއްގެ ގަނޑުވަރާއި ގައުމީ ޕާލަމަންޓް ހުންނަ ސިޓީއެވެ.
ލިކްޓަންސްޓައިނުން ލިބޭ ފިލާވަޅަކީ އާދަޔާހިލާފު ކާމިޔާބު އަދި ހަމަޖެހުން އޮތް ގައުމަކަށްވާން އެ ގައުމަކީ ކޮންމެހެން ސައިޒުގެ ގޮތުން ބޮޑު ގައުމަކަށް ވާން ނުޖެހޭކަމާއި ބައިނަލްއަގުވާމީ މައިދާނުގައި "އަޑުގަދަ" ގައުމަކަށް ވެސް ވާން ނުޖެހޭކަމެވެ. ވަރުގަދަ މުއައްސަސާތަކާއި ސްޕެޝަލިސްޓް ސިނާއަތްތަކާއި މާލީ ހަރުދަނާކަން އޮވެއްޖެނަމަ ކޮންމެ ގައުމެއް ވެސް އާދަޔާހިލާފަށް ކާމިޔާބުވާނެކަމެވެ.



advertisment