Support Us

އަސްކަރީ އާދަކާދަތަކުގެ ތެރެއިން ރޯލްކޯލް

އަސްކަރީ އާދަކާދަތަކުގެ ތެރޭގައި ހިމެނޭ "ރޯލްކޯލް" (Roll Call) އަކީ ސިފައިންގެ ތަރުތީބާއި، ނިޒާމު ހިފެހެއްޓުމުގެ ގޮތުން ބާއްވާ އެންމެ މުހިންމު ހަރަކާތެކެވެ. މިއީ ސިފައިންގެ މަރުކަޒުތަކާއި، ޔުނިޓްތަކުގައި ކޮންމެ ދުވަހަކު ވެސް ވަކި އުސޫލެއްގެ މަތިން ކުރިއަށްދާ ކަމެކެވެ.

ރޯލްކޯލްގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ހާޒިރީ ބެލުމާއި، ތަރުތީބާއި ސާފުތާހިރުކަން ބެލުމާއި، މަޢުލޫމާތާއި ޢަމުރުތައް ހިއްސާކުރުމާއި، ޖިސްމާނީ އަދި ނަފުސާނީ ދުޅަހެޔޮކަން ބެލުމެވެ.

ރޯލްކޯލް ބާއްވައިގެން ސިފައިންގެ ޔުނިޓެއްގައި ނުވަތަ ލަޝްކަރެއްގައި ތިބެންޖެހޭ ހުރިހާ ސިފައިން ހަމައަށް ތިބިތޯ ބެލުމާއި، ވީނުވީއެއް ނޭނގި މީހަކު މަދުތޯ ކަށަވަރުކުރެވެއެވެ. އަދި ސިފައިންގެ މީހާގެ ޔުނީފޯމާއި، ބޯކޮށައިފައި ހުރި ގޮތާއި، ބޫޓު ޕޮލިޝްކޮށްފައި ހުރި މިންވަރު ފަދަ ކަންކަން ބަލައި، އަސްކަރީ މިންގަނޑުތަކަށް ފެތޭތޯ ބަލައި ރަނގަޅަށް ނެތް ކަންތައްތައް ރަނގަޅުކުރުވެއެވެ. މީގެ އިތުރުން ދުވަހުގެ މަސައްކަތްތައް ރޭވިފައިވާ ގޮތާއި، މަތީ ފަންތިން އަންނަ އަމުރުތަކާއި، ސިފައިން ސަމާލުކަން ދޭންޖެހޭ މުހިންމު ކަންކަން ރޯލްކޯލްގައި ހިއްސާކުރެވެއެވެ. އޮޕަރޭޝަނެއްގެ ކުރިން އަދި އޮޕަރޭޝަނެއްގެ ފަހުން ނުވަތަ އާންމު ހާލަތުގައި ވެސް ސިފައިންގެ މީހާގެ ހާލަތު ބަލައި، ބަލިވެ އުޅޭ މީހަކު ހުރިތޯ ނުވަތަ އިތުރު އެހީތެރިކަމެއް ބޭނުންވާ މީހަކު ހުރިތޯ ދެނެގަނެއެވެ.

އާންމުކޮށް ރޯލްކޯލް ބާއްވާ ވަގުތުތަކަކީ ހެނދުނާއި ރޭގަނޑެވެ. ހެނދުނުގެ ރޯލްކޯލަކީ ދުވަހުގެ މަސައްކަތް ފެށުމުގެ ކުރިން ބާއްވާ ރޯލްކޯލެވެ. މި ރޯލްކޯލުގައި މައިގަނޑު ގޮތެއްގައި ބަލާނީ ދުވަހުގެ މަސައްކަތަށް ތައްޔާރުވެފައި ތިބި މިންވަރެވެ. ރޭގަނޑުގެ ރޯލްކޯލަކީ ދުވަހުގެ މަސައްކަތް ނިމި، ނިދުމުގެ ކުރިން ބާއްވާ ރޯލްކޯލެވެ. މި ރޯލްކޯލްގައި ބޮޑަށް އިސްކަންދެނީ އެންމެން ހަމައަށް ތިބިތޯ ކަށަވަރުކުރުމަށެވެ.

އަސްކަރީ ތާރީޚަށް ބަލާއިރު، "ރޯލްކޯލް" ނުވަތަ ހާޒިރީ ބެލުމަކީ އިންސާނުން ހަނގުރާމަ ކުރަން ފެށީއްސުރެ، ލަޝްކަރުތައް ތަރުތީބުކުރުމަށް ބޭނުންކުރަމުން އަންނަ ވަރަށް ކުރީގެ އާދަކާދައެކެވެ. ގަދީމީ ޒަމާނުގައި ރޯމަނުންނާއި ގްރީކުންގެ ދުވަސްވަރުގައި ވެސް ލަޝްކަރުގެ ކޮމާންޑަރުން ކޮންމެ ދުވަހަކު ވެސް އެމީހުންގެ ސިފައިން ހަމައަށް ތިބިތޯ ބަލައެވެ. މިއީ ހަމައެކަނި އަދަދު ބެލުމެއް ނޫނެވެ. އޭގެ ބަދަލުގައި، މިއީ ސިފައިންގެ ހަތިޔާރުތަކާއި އައްޑަނަތައް ހުރީ ހަނގުރާމައަށް ތައްޔާރަށްތޯ ކަށަވަރުކުރުމަށް ބޭއްވުނު މުހިންމު ހަރަކާތެކެވެ.

މެދުޒަމާނުގައި "މަސްޓަރ ރޯލް" (Muster Roll) ތަޢާރަފުވިއެވެ. އަދި 17 އަދި 18 ވަނަ ގަރުނާ ހިސާބަށް އައިއިރު، ވިލާތުގެ ގައުމުތަކުގައި "މަސްޓަރ ރޯލް"ގެ ނަމުގައި ރަސްމީ ލިޔެކިޔުންތައް ބަލަހައްޓަން ފެށުނެވެ. މިއީ ސިފައިންނަށް މުސާރަ ދިނުމަށާއި، ކާބޯތަކެތި ތައްޔާރުކުރަންޖެހޭ މިންވަރު ދެނެގަތުމަށް ބޭނުންކުރި މައިގަނޑު ވަސީލަތެވެ. މި ލިޔުމުގައި ކޮންމެ ސިފައިންގެ މީހެއްގެ ނަމާއި، އޭނާގެ ދަރަޖަ އަދި ހާޒިރީ ނޯޓުކުރެވިފައި އޮވެއެވެ.

ރޯލްކޯލްރަކުގެ ތެރެއިން ހަނގުރާމައިގެ މައިދާނުގައި ބާއްވާ ރޯލްކޯލަކީ އަސްކަރީ ގޮތުން ވަރަށް ޚާއްޞަ ރޯލްކޯލެކެވެ. މިފަދަ ރޯލްކޯލްތައް ބޮޑެތި ހަނގުރާމަތަކުގައި ވަރަށް ގިނައިން ސިފައިން ބާއްވައެވެ. މިގޮތުން ފުރަތަމަ ބޮޑު ހަނގުރާމައާއި ދެވަނަ ބޮޑު ހަނގުރާމައިގައި ވެސް މިފަދަ ރޯލްކޯލްތައް ބާއްވައިފައި ވެއެވެ. ހަނގުރާމައިގެ ރޯލްކޯލުގެ އެންމެ ހިތާމަވެރި އަދި މުހިންމު ވަގުތަކީ ދުޝްމަނުންނާ ކުރިމަތިލުމަކަށް ފަހު ބާއްވާ ރޯލްކޯލެވެ. މި ވަގުތު ނަންތައް ގޮވަމުންދާއިރު، ޖަވާބު ނުދޭ މީހުންނަކީ ޝަހީދުވެފައިވާ ނުވަތަ ހަނގުރާމައިގެ ތެރޭގައި ގެއްލިފައިވާ މީހުންކަން ކަށަވަރުވެގެންދެއެވެ. މިއީ ޔުނިޓެއްގެ ހާލަތު ދެނެގަތުމަށް ކޮމާންޑަރުންނަށް އޮތް އެންމެ ސާފު މަގެވެ.

"ދަ ލާސްޓް ރޯލްކޯލް" (The Last Roll Call) އަކީ އަސްކަރީ ޖަނާޒާތަކުގައި ބާއްވާ ވަރަށް ތާރީޚީ އަދި ރަސްމީ ހަރަކާތެކެވެ. މަރުވި ސިފައިންގެ މީހާގެ ނަން ތިން ފަހަރަށް ގޮވާލެވެއެވެ. އެއްވެސް ޖަވާބެއް ނައުމުން، އޭނާ މި ދުނިޔެ ދޫކޮށް ގޮސްފައިވާކަން ރަސްމީކޮށް ކަނޑައެޅިގެންދެއެވެ. އެއަށްފަހު އޭނާގެ ޝަރަފުގައި ބިއުގަލް ކޯލަކާއި ބަޑީގެ ސަލާމެއް އެރުވެއެވެ. އެވަގުތު ރޯލްކޯލްގެ ހުރިހާ ބައިވެރިން، ގެއްލިގެން ދިޔަ ފަހުލަވާނުގެ ހަނދާނާއި ޒިކުރާ އާކޮށް ހެޔޮ އެދުމާއި ހެޔޮ ދުޢާކޮށް އަދި އެންމެ ފަހުގެ އިހުތިރާމު އަދާކުރުމުގެ ގޮތުން ހިމޭންކަމުގައި ތިބެ އިސްތައް ތިރިކޮށްލާނެއެވެ.

ތާރީޚުގެ ތެރެއިން ރޯލްކޯލް ބަދަލުވަމުން އައިސްފައިވަނީ ހަމައެކަނި ހާޒިރީ ބަލާ ވަސީލަތަކުން، ސިފައިންގެ މެދުގައި އޮންނަ އަސްކަރީ އަޚްލާޤާއި، ގުޅުމާއި، އަދި އިޙްތިރާމް ރަމްޒުކޮށްދޭ މުހިންމު އާދަކާދައަކަށެވެ.

* ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމަކުން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *