އިނގިރޭސި ވިލާތުގެ މަގުބޫލު ލަވަ ލިޔާ އަދި ލަވަ ކިޔާ އަންހެން ފަންނާނު ޑުއާ ލީޕާ ދެކުނު ކޮރެއާގެ މަގުބޫލު އިލެކްޓްރޯނިކް ކުންފުނި ސެމްސަންގާ ދެކޮޅަށް 15 މިލިއަން ޑޮލަރު (231 މިލިއަން ރުފިޔާ)ގެ ކޮޕީރައިޓް ދައުވާއެއްކޮށްފިއެވެ.
އިނގިރޭސި ވިލާތާއި އެމެރިކާގައި ވެސް ދޭ އެންމެ ޝަރަފުވެރި މިއުޒިކް އެވޯޑުތައް އެތައް ފަހަރަކު ހާސިލުކޮށްފައިވާ އުމުރުން 30 އަހަރުގެ ލަވަކިޔުންތެރިޔާ ދައުވާކުރަނީ ސެމްސަންގުން ވިއްކާ ޓީވީތައް ލައިފައި ހުންނަ ފޮށީގައި އޭނާގެ ފޮޓޯ އޭނާގެ ހުއްދަ ނެތި ޖެހުމުންނެވެ.
"އެހެން ހެދުމުން ހީވަނީ ސެމްސަންގްގެ އުފެއްދުންތައް ޑުއާ ބަލައިގަންނަހެން. ނަތީޖާއެއްގެ ގޮތުން އޭނާގެ ފޭނުން ސެމްސަންގްގެ ޓީވީތައް ގަތުމަށް ނުފޫޒު ފޯރާ،" ޑުއާގެ ގާނޫނީ ޓީމުން ބުންޏެވެ.
ކޯޓަށް ހުށަހަޅައިފައިވާ ލިޔެކިޔުންތަކުގެ ތެރޭގައި ސޯޝަލް މީޑިއާގައި މީހަކު ކޮށްފައިވާ ކޮމެންޓެއް ހިމެނެއެވެ. އެ މީހާގެ ކޮމެންޓްގައި ބުނެފައިވަނީ ޑުއާގެ ފޮޓޯ ހުރުމުން ވެސް އެ ޓީވީ އެ މީހާ ގަންނާނެ ކަމަށެވެ.
އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގެ ކޯޓަކަށް ހުށަހެޅި މައްސަލައިގައި ޑުއާ ބުނެފައިވަނީ ސެމްސަންގުން ބޭނުންކޮށްފައިވަނީ ސްޓޭޖްގެ ބިއްދޮށުގައި ނަގައިފައިވާ އޭނާގެ ފޮޓޯއެއް ކަމަށާއި އެއީ ކޮޕީރައިޓް ކޮށްފައިވާ ފޮޓޯއެއް ކަމަށެވެ.
ޑުއާގެ ގާނޫނީ ވަކީލުން ބުނީ ސެމްސަންގުން އޭނާގެ ފޮޓޯ ބޭނުންކުރާކަން އޭނާއަށް ފުރަތަމަ އެނގުނީ މި ދިޔަ އަހަރު ޖޫންގައި ކަމަށާއި އެ ފޮޓޯ ބޭނުންކުރުން ހުއްޓައިލުމަށް އެދުމުން ވެސް ސެމްސަންގުން ތަކުރާރުކޮށް އެ ކަމާ ދެކޮޅުހެދި ކަމަށެވެ. މިހެންވެ ޑުއާ ލަވަކިޔުންތެރިއެއްގެ ގޮތުގައި އާއްމުންނަށް ދައްކާ އޭނާގެ ބްރޭންޑް އާއި އޭނާގެ ނަން އޭނާ އެދޭ ގޮތަށް ބޭނުންކުރުމަށް ހުރަސްއެޅިފައިވާ ކަމަށެވެ.
ޑުއާ ކޯޓަށް ހުށަހެޅި މައްސަލައާމެދު ސެމްސަންގުން ކޮމެންޓެއް ނުކުރިއެވެ. އެ ކުންފުނިން ބުނީ ކޯޓަށް ހުށަހަޅައިފައިވާ މައްސަލައަކަށްވާތީ އެ ކަމާ ބެހޭ ގޮތުން އެއްޗެއް ބުނެވޭކަށް ނެތް ކަމަށެވެ.



advertisment