Support Us

ސްރީލަންކާގެ ރައީސް ދެއްވި ރަސްމީ ޖާފަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ ޝަރަފުގައި ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަނަޔަކަ ދެއްވި ރަސްމީ ޖާފަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިރޭ ބައިވެރިވެވަޑައިގެންފިއެވެ.

މި ޖާފަތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނާއި އަނބިކަނބަލުންގެ އިތުރުން، މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ވަފުދުގެ މެންބަރުންނަށް ސްރީލަންކާ ސަރުކާރާއި ރައްޔިތުން ދެންނެވި ހޫނު މަރުޙަބާއާއި، އަދާކުރި ދީލަތި މެހެމާންދާރީއަށްޓަކައި ރައީސް ޑިސަނަޔަކައަށް ޝުކުރު އަދާކުރައްވައިފައެވެ.

ސްރީލަންކާއަކީ ދިވެހިރާއްޖެއާ ވަރަށް ގާތް، އިތުބާރު ހުރި އަވަށްޓެރި ޤައުމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ސިފަކުރެއްވިއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ބަދަހި އެކުވެރިކަމަކީ ތަޢުލީމީ އަދި ޞިއްޙީ ދާއިރާގެ އިތުރުން، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ބަދަހި ގުޅުންތަކުގެ މައްޗަށް ބިނާވެފައިވާ ދިގު ތާރީޚެއް އޮތް ގުޅުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މި ދަތުރުފުޅަކީ ދެ ޤައުމުގެ ބަދަހި ގުޅުން ރަމްޒުކޮށްދޭ ދަތުރުފުޅެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ތަރައްޤީގައި ސްރީލަންކާއިން ވެދޭ އެހީތެރިކަން ފާހަގަކުރައްވައި، ޑިޖިޓަލް ޓްރާންސްފޯމޭޝަން، ދެމެހެއްޓެނިވި ފަތުރުވެރިކަން، އިއާދަކުރަނިވި ހަކަތަ، ތަޢުލީމު، އަދި ކަނޑުތައް ހިމާޔަތްކުރުން ފަދަ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތައް ފަދަ ދެ ޤައުމަށް އާންމު ގޮންޖެހުންތަކުން އަރައިގަތުމަށް ބައިނަލްއަޤްވާމީ މައިދާނުގައި ގުޅިގެން ވަކާލާތުކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ދިވެހީންގެ ހިތްތަކުގައި ސްރީލަންކާގެ ރައްޔިތުންނަށް އޮތް ޤަދަރާއި އިޙްތިރާމަކީ ދެ ޤައުމުގެ ސިޔާސީ ގުޅުމުގެ ހަޤީޤީ ބާރުކަމުގައެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ރާއްޖެއާއި ސްރީލަންކާގެ އެކުވެރިކަން އިތުރަށް ވަރުގަދަވެގެންދާނެކަމުގެ ފުރިހަމަ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

މި ރަސްމީ ޖާފަތުގައި ދެ ޤައުމުގެ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ސަރުކާރުގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *