މި ދިޔަ އަހަރު ޑިސެމްބަރު 10 ގައި 16 އަހަރުން ދަށަށް ސޯޝަލް މީޑިއާ މަނާކުރި ފުރަތަމަ ގައުމަކަށް އޮސްޓްރޭލިއާ ވިޔަސް ގިނަ އަދަދެއްގެ ކުޑަކުދިން އަދިވެސް ސޯޝަލް މީޑިއާ އެ ގައުމުގައި ބޭނުންކުރަމުންދާކަން ހާމަވެއްޖެއެވެ.
ސޯޝަލް މީޑިއާގެ އަނދިރިފަރާތަށް ހުށަހެޅި، އަމިއްލައަށް މަރުވުން ފަދަ އަމިއްލަ ނަފުސަށް ގެއްލުން ދޭ އަމަލުތައް ހުއްޓުވުމަށް މަސައްކަތްކުރާ އިނގިރޭސި ވިލާތުގެ އަމިއްލަ ޖަމިއްޔާއަކުންކުރި ދިސާރާއެއްގައި ހާމަވީ ހުރަސްއަޅައިފައިވާ އެކައުންޓްތައް އޮސްޓްރޭލިއާގެ 16 އަހަރުން ދަށުގެ ތިންބައިކުޅަ ދެބައެއްހާ ކުދިން ބޭނުންކުރާކަމެވެ.
މޯލީ ރޯސް ފައުންޑޭޝަން ހިންގާ އެންޑީ ބަރޯސް ބުނީ ކުޑަކުދިން ހަދައިގެން އުޅޭ އެކައުންޓްތައް ބަންދުކުރުމުގައި ސޯޝަލް މީޑިއާ މަންސަތައް ހިންގާ ފަރާތްތަކުން ފޭލިވަމުންދާ ކަމަށާއި އޮސްޓްރޭލިއާގެ ގާނޫނު އިނގިރޭސި ވިލާތުން ކޮޕީކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.
"އޮސްޓްރޭލިއާއިން ފެންނަން ހުރި ހެކިތަކުން އެނގެނީ މިހާރު ކަންތައްތައް ހުރި ގޮތުން އެ ގައުމުގެ ގާނޫނުން ޓެކްނޮލޮޖީ ކުންފުނިތައް ޒިންމާދާރު ކުރުވުން ފޭލިވަމުންދާކަމާއި ކުޑަކުދިންނަށް އޮންލައިން ދުނިޔޭގައި ރައްކާތެރިކަން ނުލިބޭކަމާއި އެ ކުދިންގެ ދުޅަހެޔޮކަން ކަށަވަރު ނުކުރެވޭކަން،" އޭނާ ބުންޏެވެ.
އިނގިރޭސި ވިލާތުގައި ގާނޫނެއް ނުހެދިޔަސް އެ ފަދަ ގާނޫނަކަށް މިހާރު ހިޔާލު ހޯދަމުންދާއިރު މިހާރުވަނީ ގަވައިދުތަކެއް ހަދައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ނުރަނގަޅު ކަންތައްތަކުން އެ ކުދިން ސަލާމަތްކުރަން ފިޔަވަޅުތަކެއް ތައާރަފުކޮށްފައެވެ. އިނގިރޭސި ވިލާތުގައި މައިންބަފައިންނާއި ބެލެނިވެރިން ގޮވައިލައިފައިވަނީ ސޯޝަލް މީޑިއާ ކުޑަކުދިންނަށް އާދައިގެ ގޮތަކަށް މަނާކޮށްފައި އޮތްއޮތުމުގެ ބަދަލުގައި ސޯޝަލް މީޑިއާ ހިންގާ ވިޔަފާރިތައް ހަރުކަށި ގޮތެއްގައި ރެގިއުލޭޓްކުރުމަށެވެ.
"އޮސްޓްރޭލިއާގެ ގާނޫނާ އެއްގޮތް ގާނޫނެއް އިނގިރޭސި ވިލާތުގައި އަވަސްއަރުވައިލައިގެން ތަންފީޒުކޮށްފިނަމަ އަހަރެމެންނަށް ލިބިދާނެ ގެއްލުން މާ ބޮޑު ވެދާނެ،" މޯލީ ރޯސް ފައުންޑޭޝަންގެ ޗެއާމަން އީއަން ރަސަލް ބުންޏެވެ.
އެ ފައުންޑޭޝަން ގާއިމުކުރީ އީއަންގެ 14 އަހަރުގެ އަންހެން ދަރިފުޅު މޯލީ 2017 ގައި އިންސްޓަގްރާމް އާއި ޕިންޓަރެސްޓްގެ އަލްގޯރިދަމްއިން އަމިއްލަ ނަފުސަށް ގެއްލުން ދޭ ފަދަ މައުލޫމާތުތައް މޯލީގެ ހަޔާތުގެ ފަހު ހަ މަހުގެ ތެރޭގައި ދިނުމުގެ ސަބަބުން މޯލީ އަމިއްލައަށް މަރުވުމުންނެވެ.
މޯލީ އަމިއްލައަށް މަރުވީ ސޯޝަލް މީޑިއާގެ ސަބަބުން ނަފުސާނީ ދުޅަހެޔޮކަމަށް ގެއްލުން ލިބިގެން ކަމަށް އިނގިރޭސި ވިލާތުގައި އާދަޔާހިލާފު މަރުތައް ތަހުގީގުކުރާ އޮފިޝަލެއް ނުވަތަ ކޮރޯނާއަކުން ކަނޑައެޅުންވީ ދުނިޔޭގައި އެ ފަދަ ނިންމުމެއް ނިންމި ފުރަތަމަ ފަހަރު ކަމަށެވެ.



advertisment