Support Us

ހަރުދަނާ އަދި މިނިވަން ގާނޫނު ހަދާ މަޖިލިސްތަކެއް ބިނާކުރުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރައްވައިފި

ކުދި ގައުމުތަކާއި ސަރަހައްދުތަކުގައި ހަރުދަނާ މިނިވަން ގާނޫނު ހަދާ މަޖިލިސްތަކެއް ބިނާކުރުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ފާހަގަކުރައްވައިފިއެވެ.

އެމަނިކުފާނު މިކަން ފާހަގަކުރެއްވީ ހޮޓެލް ޖެންގައި މިއަދު ފެށި "ކޮމަންވެލްތު ޕާލަމެންޓަރީ އެސޯސިއޭޝަން (ސީ.ޕީ.އޭ) ސްމޯލް ބްރާންޗަސް ވާރކްޝޮޕް 2026– ކެޕޭސިޓީ ބިލްޑިން ވާރކްޝޮޕް: ސްޓްރޯންގް އެންޑް ޖުރިސްޑިކްޝަންސް" ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މިއަދު ވާހަކަފުޅުދައްކަވަމުންނެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި މަޖިލީހުގެ މަސައްކަތްތައް ހަރުދަނާކޮށް، ރައްޔިތުންގެ މެދުގައި އެ މުއައްސަސާއަށް އޮންނަ އިތުބާރު ދެމެހެއްޓުމަށްޓަކައި، ސާފު މަގްސަދަކާއެކު މަސައްކަތްކުރުމާއި، މުއައްސަސާގެ މިނިވަންކަން ކަށަވަރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމުގައި ވިދާޅުވިއެވެ.

މި ވާރކްޝޮޕަކީ ކޮމަންވެލްތު ޕާލަމެންޓަރީ އެސޯސިއޭޝަންގެ ސްމޯލް ބްރާންޗަސްގެ ޤާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި، މިއީ ސީ.ޕީ.އޭ އާއެކު ބައިނަލްއަޤްވާމީ ދާއިރާގައި ރާއްޖޭގެ ބައިވެރިވުން އިތުރުވަމުންދާ ކަމުގެ ހެއްކެއް ކަމަށް، އަދި ގާނޫނުހަދާ މަޖިލިސްތަކުގެ ނިޒާމާއި މުއައްސަސާތައް ހަރުދަނާކުރުމަށް ދިވެހި ސަރުކާރުން ދޭ އަހައްމިއްޔަތު ހާމަވާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން، ކުދި ޤައުމުތަކަށް ދިމާވާ ގޮންޖެހުންތަކާއި ގާނޫނު ހަދާ މަޖިލިސްތަކުގެ މެދުގައި މަޢުލޫމާތާއި ތަޖުރިބާ ހިއްސާކޮށް އަމަލީ ގޮތުން އެއްބާރުލުން އިތުރުކުރުމަށް ސީ.ޕީ.އޭ ސްމޯލް ބްރާންޗަސް ނެޓްވޯކް ފަދަ މަންސަތަކުން އަދާކުރާ މުހިންމު ދައުރު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ކޮމަންވެލްތާއެކު އޮންނަ ގުޅުމަށް ރާއްޖެއިން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާކަން ފާހަގަކުރައްވާ ޖަވާބުދާރީވުން ހަރުދަނާކުރުމަށާއި، ޑިމޮކްރެޓިކް މުއައްސަސާތައް ވަރުގަދަކޮށް، ރާއްޖޭގެ ޕާލަމެންޓްރީ ނިޒާމު އިތުރަށް ތަރައްގީކުރުމުގައި ރާއްޖެ ދެމިއޮންނާނެކަމުގެ ޔަގީންކަން އެމަނިކުފާނުދެއްވިއެވެ.

މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އަދި މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޡިމް ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަހުގެ 27 އިން 29 އަށް ކުރިއަށްދާ މި ވަރކްޝޮޕަކީ ކޮމަންވެލްތު ޕާލަމަންޓަރީ އެސޯސިއޭޝަނާއި ރައްޔިތުންގެ މަޖިލިސް ގުޅިގެން ކުރިއަށްގެންދާ ވަރކްޝޮޕެކެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ވާރކްޝޮޕްގައި ކޮމަންވެލްތުގެ އެކި ޤައުމުތަކުގެ މަޖިލިސް މެމްބަރުން ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ބައްދަލުވުމުގެ ތެރެއިން، ދާއިރާގެ ފަންނީ މާހިރުންގެ ހުށަހެޅުންތަކާއި، ބައިވެރިންގެ މެދުގައި ތަޖުރިބާ ބަދަލުކުރުމުގެ ސެޝަންތަކުގެ އިތުރުން، އަމަލީ ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *