ސޯޝަލް މީޑިއާ ކޮންޓްރޯލްކުރަން އިންޑިއާއިން ގަވައިދުތަކަށް އިސްލާހު ގެންނަން ވިސްނަން ފަށައިފިއެވެ.
މި އިސްލާހުތަކަށް ހިޔާލު ހުށަހެޅުމަށް ސަރުކާރުންވަނީ އާއްމުންނަށް މި މަހު 14 އާ ހަމައަށް ފުރުސަތު ހުޅުވައިލައިފައެވެ.
މި އިސްލާހުތަކުގެ ބޭނުމަކީ ސޯޝަލް މީޑިއާގައި ހުންނަ ހަބަރަކީ، ރަސްމީ ގޮތުން ރަޖިސްޓްރީ ކޮށްފައިވާ ހަބަރު ފަތުރާ ފަރާތްތަކުގެ އިތުރުން، އާއްމުންނާއި އިންފްލުއެންސާއިންނާއި ޕޮޑްކާސްޓަރުން ސޯޝަލް މީޑިއާއަށް ލާ ތަކެއްޗަކީ ތެދު މައުލޫމާތުކަން ކަށަވަރުކުރުމެވެ. އެ ގޮތުން ފޭކް ހަބަރާއި ނަފުރަތު ފެތުރުމާއި ފޭކް ފޮޓޯ ފަދަ ތަކެތި ފެތުރުމަށް ހުރަސްއަޅާނެއެވެ.
މި އިސްލާހުތައް ސަރުކާރުން ފާސްކޮށް، އެ ކަންތައްތަކަށް މަންސަތަކުން އެއްބަސްވެއްޖެނަމަ، އެ މަންސަތަކުގައި އާއްމު ފަރުދުން ޝާއިއުކުރާ ތަކެއްޗަށް އެ މަންސަތަކުން ޒިންމާ ނަގާކަށް ނުޖެހޭނެއެވެ.
"މި އިސްލާހުތައް ގެނައުމުގެ ބޭނުމަކީ ސޯޝަލް މީޑިއާއަށް ލާ ތަކެއްޗަށް އެ ފަރުދަކު ޒިންމާ ނެގުން ކަށަވަރުކުރުމާއި ގަވައިދުތަކަށް އިހްތިރާމްކުރުވުން،" އޮފިޝަލަކު ބުންޏެވެ.
ފާޑުކިޔާ ފަރާތްތަކުން ބުނީ މި އިސްލާހުތައް ފާސްކޮށްފިނަމަ ފޭސްބުކް، ޔޫޓިއުބް އަދި އެކްސް ފަދަ ސޯޝަލް މީޑިއާއަށް މީހުން ލާ ތަކެތި ސަރުކާރުން ކޮންޓްރޯލްކުރުމުގެ ފުރުސަތު ފުޅާވެގެންދާނެ ކަމަށެވެ. އެ ގޮތުން ގައުމުގެ މައި މީޑިއާތަކުން ވެރިކަންކުރާ ބާރަތިޔާ ޖަނާތާ ޕާޓީ (ބީ.ޖޭ.ޕީ) ކޮޅަށް މާބޮޑަށް ޖެހިފައިވާތީ ބީ.ޖޭ.ޕީއަށް ފާޑުކިޔާ ސަންދީޕު ސިންގް ނަމަކަށް ކިޔާ މީހެއްގެ އެކްސް އެކައުންޓް މި ދިޔަ މަހުވަނީ ބްލޮކް ކޮށްފައެވެ.
މި ކަހަލަ ކަންތައްތަކާ ގުޅިގެން ފާޑުކިޔާ ފަރާތްތަކުން ބުނީ މި އިސްލާހުތައް ފާސްކޮށްފިނަމަ މިނިވަން ނޫސްވެރިކަމާއި ސަރުކާރާ ދެކޮޅުވެރިވުމަށް ހުރަސްއެޅޭނެ ކަމަށެވެ. ނަމަވެސް އިލެކްޓްރޯނިކްސް އާއި އިންފޮމޭޝަން ޓެކްނޮލޮޖީ (އައި.ޓީ)އާ ބެހޭ ވުޒާރާއިން މި ދިޔަ ހަފުތާގައި ބުނީ މި އިސްލާހުތަކުގެ ބޭނުމަކީ ދޮގު ހަބަރު ފެތުރުމަށް ހުރަސްއެޅުމާއި ޑިޖިޓަލްކޮށް ހަބަރު ފެތުރުން ރެގިއުލޭޓްކުރުން ކަމަށެވެ.



advertisment