Support Us

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި އޭނާގެ ސޮއި

100 ޑޮލަރު ނޫޓުގައި ޓްރަމްޕްގެ ސޮއި، 165 އަހަރުގެ ސަގާފަތް ނިމުމަކަށް

އެމެރިކާގައި ރައީސަކު މަގާމުގައި ހުންނަވަނިކޮށް ފައިސާގައި އޭނާގެ ސޮއި ހިމަނާ ގޮތަށް ޓްރެޒަރީ ވުޒާރާއިން ނިންމުމުން މިއީ 165 އަހަރުވީ ސަގާފަތެއް ރައީސް ޑޮނަލްޑް ޓްރަމްޕް ބަދަލުކޮށްލެއްވުމެކެވެ.

ޓްރަމްޕްގެ ސޮއި އާއި ޓްރެޒަރީ ވަޒީރު ސްކޮޓް ބެސެންޓްގެ ސޮއި ހިމެނޭ 100 ޑޮލަރުގެ ނޫޓުތައް ޗާޕުކުރާނީ ޖޫންގައެވެ. އެހެން ނޫޓުތައް ޗާޕުކުރަން ހަމަޖައްސައިފައިވަނީ އޭގެ ފަހުންނެވެ. ބޭންކުތަކުގެ ޒަރީއާއިން އާ ނޫޓުތައް ދައުރުކުރަން ގިނަ ހަފުތާތަކެއް ނަގާފާނެއެވެ.

ޓްރަމްޕްގެ ސޮއި އޮންނަ 100 ޑޮލަރުގެ ނޫޓުގެ ޑިޒައިން އަދި ހާމަކޮށްފައެއް ނުވެއެވެ.

އެމެރިކާގެ ގާނޫނު ބުނާ ގޮތުން ރައީސަކު އަވަހާރަވިތާ ދެ އަހަރު ނުވަނީސް ނޫޓެއްގައި ވެސް އަދި ލާރިފޮއްޗެއްގައި ވެސް އެ ރައީސްގެ މޫނުގެ ސިފަ ނުހިމެނޭނެއެވެ. އެހެންކަމުން 100 ޑޮލަރުގެ ނޫޓުތަކުގައި ޓްރަމްޕްގެ މޫނުގެ ސިފަ ނުހިމަނައި، އޮންނާނީ ހަމައެކަނި އޭނާގެ ސޮއިއެވެ. އެއް ޑޮލަރުގެ ލާރިފޮތީގައި ޓްރަމްޕްގެ މޫނުގެ ސިފަ ޖެހުމަށްކުރި މަސައްކަތް ވެސް ކުރިން ވަނީ ނާކާމިޔާބުވެފައެވެ.

މިއީ ޓްރަމްޕްގެ ނަން އިމާރާތްތަކާއި މުއައްސަސާތަކާއި ސަރުކާރުގެ ޕްރޮގްރާމްތަކާއި ހަނގުރާމަމަތީ މަނަވަރުތަކާއި ލާރިފޮތިތަކުގައި ހިމަނަން ޓްރަމްޕްގެ ސަރުކާރާއި އޭނާއަށް ތާއީދުކުރާ މީހުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ ނަތީޖާއެވެ.

އަލަށް ޗާޕުކުރާ ނޫޓުތަކަކީ އިނގިރޭސި ވިލާތުގެ ކިބައިން އެމެރިކާއަށް މިނިވަންކަން ލިބުނުތާ 250 އަހަރު ފުރުން ފާހަގަކުރަން ވެސް ކުރާ ކަމެކެވެ. އަދި މިއީ ޓްރެޒަރާގެ މަގާމުގައި ހުންނަ މީހާގެ ސޮއި ނޫޓުތަކުގައި 165 އަހަރުގެ ތެރޭގައި ނުހިމަނާނެ ފުރަތަމަ ފަހަރެވެ.

ޓްރެޒަރާގެ މަގާމުގައި ހުންނަ މީހަކީ ޓްރެޒަރީ ވަޒީރަށް ޖަވާބުދާރީވާ މީހާއެވެ. އޭނާގެ މަސައްކަތްތަކުގެ ތެރޭގައި އެންގްރޭވިން އަދި ޕްރިންޓިން ނުވަތަ ފައިސާ ޗާޕުކުރުމާއި މިންޓް ނުވަތަ ލާރިފޮތި ހެދުމާއި ޓްރެޒަރީގެ އެހެނިހެން ކަންތައްތައް ބެލެހެއްޓުން ހިމެނެއެވެ.

ޓްރެޒަރީ ވުޒާރާއިން އަދިވެސް ދަނީ ކުރީގެ ރައީސް ޖޯ ބައިޑެން، ކުރީގެ ޓްރެޒަރީ ވަޒީރު ޖެނެޓް ޔަލަން އަދި ކުރީގެ ޓްރެޒަރާ ލިން މެލާބާގެ ސޮއި އޮތް ނޫޓުތައް ޗާޕުކުރަމުންނެވެ. މެލާބާ ވެގެންދާނީ، 1861 ގައި އެމެރިކާގެ މައި ސަރުކާރުން ފައިސާ ޗާޕުކުރަން ފެށި ފަހުން، ފައިސާގައި ސޮއި ހިމެނޭ އެންމެ ފަހު މީހާއަށެވެ.

ބެސެންޓް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޓްރަމްޕްގެ ސޮއި އޮތް ނޫޓުތައް އެމެރިކާގެ 250 ވަނަ މިނިވަން ދުވަހާ ދިމާކޮށް ނެރުންވާނީ މުނާސަބު ކަމަކަށް ކަމަށެވެ. ސަބަބަކީ ޓްރަމްޕްގެ ރިޔާސީ ދެވަނަ ދައުރުގައި ގައުމުގެ އިގުތިސާދީ ކުރިއެރުން ވަރުގަދަވުމާއި މާލީ ހާލަތު ހަރުދަނާ ގޮތެއްގައި ދެމެހެއްޓިފައިވާތީއެވެ.

"އަހަރެމެންގެ ގައުމާއި ޓްރަމްޕްގެ ތާރީހީ ކާމިޔާބީތައް ބަލައިގަތުމަށް އޭނާގެ ސޮއި ޑޮލަރުގައި އޮތުމަށްވުރެ ވަރުގަދަ ގޮތެއް ނެތް. އަދި މި ތާރީހީ ނޫޓުތައް އަހަރެމެންގެ 250 ވަނަ މިނިވަން ދުވަހު ދޫކުރުން އެންމެ އެކަށީގެންވާ ގޮތަކީ،" އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ މިނިވަން ދުވަހަކީ 1776 ވަނަ އަހަރުގެ ޖުލައި މަހުގެ ހަތަރުވަނަ ދުވަހެވެ. އެއީ އިނގިރޭސި ވިލާތުގެ ކިބައިން މިނިވަންކަން އިއުލާންކުރި ގަރާރު ފާސްކޮށް، އެމެރިކާގެ ދައުލަތް ގާއިމުކުރި ދުވަހެވެ.

ވަގު ނޫޓު ޖެހުން ހުއްޓުވަން ނޫޓުތަކުގެ ފަރުމާތަކަށް ބަދަލު ގެންނަން ގާނޫނުން ބޮޑެތި ބާރުތަކެއް ޓްރެޒަރީ ވުޒާރާއަށް ލިއްބައިދެއެވެ. ނަމަވެސް ބައެއް ޑިޒައިންތަކަށް ބަދަލެއް ނުގެނެވެއެވެ. އޭގެ ތެރޭގައި ނޫޓުތަކުގައި ހިމެނޭ އިބާރާތެއްވެއެވެ. އެއީ "އިން ގޯޑް ވީ ޓްރަސްޓް" ނުވަތަ ލަފުޒީ މާނައިން "އަހަރެމެން އިތުބާރުކުރަނީ ކަލާނގެއަށް"އެވެ.

އަލަށް ޗާޕުކުރާ ނޫޓުތަކުގެ އާއްމު ފަރުމާ ބަދަލެއް ނުކުރެއެވެ. ހަމައެކަނި ތަފާތަކީ ޓްރެޒަރާގެ ބަދަލުގައި ޓްރަމްޕްގެ ސޮއި އޮތުމެވެ.

ޓްރަމްޕްގެ ސޮއި ނޫޓުތަކުގައި ހިމެނުމާ ގުޅޭ ގޮތުން ކޮމެންޓްކުރަން މެލާބާ ދެކޮޅުހެދިއެވެ. އޭނާގެ ކުރިން އަދި ޓްރަމްޕްގެ ފުރަތަމަ ރިޔާސީ ދައުރުގައި ޓްރެޒަރާގެ މަގާމުގައި ހުރި ހޮވީޓާ ކަރަންސާ ބުނީ ޓްރަމްޕްގެ ސޮއި ނޫޓުތަކުގައި އޮތުމަކީ "އެމެރިކާގެ ކެތްތެރިކަމުގެ ވަރުގަދަ ނިޝާނަކަށްވާނެ ކަމަށާއި މިނިވަން ވިޔަފާރީގެ ދެމެހެއްޓެނި ބާރުގަދަކަން ދައްކައިދޭނެ ކަމަކަށްވާނެ ކަމަށާއި އަދި ކުރިއަށް ވެސް އޮތީ އެމެރިކާގެ ގަދަކަންކަން ދައްކައިދޭނެ ކަމަކަށްވާނެ" ކަމަށެވެ.

ނޫޓުގައި ސޮއި ނުހިމޭނެ މިހާރުގެ ޓްރެޒަރާ ބްރެންޑަން ބީޗް ވަނީ ޓްރަމްޕަށް ތާއީދުކުރުމުގެ ގޮތުން ބަޔާނެއް ނެރެފައެވެ. އޭގައި އޭނާ ބުނެފައިވަނީ ޓްރަމްޕަކީ އެމެރިކާގެ "އިގުތިސާދީ ދިރުމުގެ ރަން ޒަމާނެއްގެ އާރުކާޓީ" ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *