ދުނިޔޭގައި މާލީ މުއާމަލާތްތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރަނީ އެމެރިކާގެ ޑޮލަރު ކަމަށް ވިޔަސް އެންމެ އަގުބޮޑު ފައިސާއަކީ ކުވައިތުގެ ދީނާރެވެ.
އަނެއްކޮޅުން މި އަހަރު އެންމެ އަގުދަށް 10 ފައިސާގެ ލިސްޓްގެ އެންމެ ކުރީގައި އޮތީ އީރާންގެ ރިޔާލު ކަމަށް އެމެރިކާގެ މަޝްހޫރު ވިޔަފާރީގެ ދާއިރާއާ ބެހޭ މަޖައްލާ ފޯބްސްއިން މި މަހު ޝާއިއުކުރި ރިޕޯޓެއްގައި ބުނެފައިވެއެވެ.
މި ބަލައިލަނީ އެ ރިޕޯޓްގައި ފާހަގަކޮށްފައިވާ، މި މަހުގެ 11 އާ ހަމައަށް އެންމެ އަގުދަށް 10 ފައިސާގެ ލިސްޓަށެވެ.

1. އީރާންގެ ރިޔާލު (އައި.އާރް.އާރް)
އީރާންގެ އެއް ރިޔާލުގެ އަގު މިހާރު ހުރީ 0.000001 ޑޮލަރު (0.00001542ރ.)ގައެވެ. މާނައަކީ އެއް ޑޮލަރު (15.42ރ.)އަށް އީރާންގެ 1،321،700 ރިޔާލު ލިބެއެވެ. ވަރަށް ގިނަ އަހަރުތަކެއް ވަންދެން އީރާންގެ ރިޔާލުގެ އަގު ހުރީ މި ގޮތަށެވެ.
އީރާންގެ ރިޔާލު ފުރަތަމަ ތައާރަފުވެގެން ދިޔައީ 1700 ގެ ފަހު އަހަރުތަކުގައެވެ.
އީރާނަކީ ފާރިސީ ކަނޑުގައި އިރާގާއި އަފްޣާނިސްތާނާ ދެމެދު އޮންނަ ގައުމެކެވެ. އީރާނަކީ ދުނިޔޭގައި ތެލާއި ގުދުރަތީ ގޭސް އެކްސްޕޯޓްކުރުމުގައި ކުރީގައި އުޅޭ ގައުމަކަށް ވިޔަސް އެ ގައުމާ ދެކޮޅަށް އަޅައިފައިވާ އިގުތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކާހުރެ ގައުމުގެ ފައިސާއަށްވަނީ ޕްރެޝަރު ކުރިމަތިވެފައެވެ.
އީރާނާ ދެކޮޅަށް އެމެރިކާ-އިސްރާއީލު އިއްތިހާދުން މި ދިޔަ މަހު 28 ގައި ހަނގުރާމަ ފެށުމުން އީރާންގެ ރިޔާލުގެ އަގު ވަނީ ވަރަށް ބޮޑުތަނުން ދަށަށް ގޮސްފައެވެ.

2. ލުބްނާންގެ ޕައުންޑް (އެލް.ބީ.ޕީ)
ލުބްނާންގެ އެއް ޕައުންޑްގެ އަގު މިހާރު ހުރީ 0.000011 ޑޮލަރު (0.00016962ރ.)ގައެވެ. މާނައަކީ އެއް ޑޮލަރު (15.42ރ.)އަށް ލުބްނާންގެ 89،641.10 ޕައުންޑް ލިބެއެވެ.
ލުބްނާނަކީ މެޑިޓެރޭނިއަން ކަނޑުގައި، މެދުއިރުމަތިން އިސްރާއީލާއި ސޫރިޔާއާ އިންވެގެން އޮންނަ ގައުމެކެވެ. ލުބްނާނަކީ ހިދުމަތް ދިނުމަށް ބިނާވެފައިވާ އިގުތިސާދެކެވެ. އޭގެ އިތުރުން ޖަވާހިރާއި މައުދަނާއި ކެމިކަލްތަކުގެ އުފެއްދުންތަކާއި ކާބޯތަކެތި އެކްސްޕޯޓްކުރެއެވެ.
ވަރަށް ގިނަ އަހަރުތަކެއް ވަންދެން ލުބްނާންގެ ޕައުންޑްގެ އަގު ހުރީ މިހާ ދަށްކޮށެވެ. ސަބަބަކީ އިގުތިސާދު އަޑިއަޅައިލައިފައިވުމާއި ތަކެތީގެ އަގު ނުވަތަ އިންފްލޭޝަން މައްޗަށް ގޮސްފައިވުމާއި ވަޒީފާގެ ފުރުސަތުތައް ކުޑަވުމާއި ބޭންކިން ދާއިރާއަށް މައްސަލަތައް ކުރިމަތިވެފައިވުމާއި އަދި ގައުމުގައި ސިޔާސީ ހަމަނުޖެހުން އޮތުމުންނެވެ.

3. ވިއެޓްނާމްގެ ޑޯން (ވީ.އެން.ޑީ)
ވިއެޓްނާމްގެ އެއް ޑޯންގެ އަގު މިހާރު ހުރީ 0.000038 ޑޮލަރު (0.00058596ރ.)ގައެވެ. މާނައަކީ އެއް ޑޮލަރު (15.42ރ.)އަށް ވިއެޓްނާމްގެ 26،253.61 ޑޯން ލިބެއެވެ.
ވިއެޓްނާމަކީ ދެކުނު ޗައިނާ ކަނޑާ ގުޅިފައިވާ ގައުމެކެވެ. އަވަށްޓެރި ގައުމުތަކަކީ ޗައިނާ، ލާއޮސް އަދި ކެމްބޯޑިއާއެވެ.
ވިއެޓްނާމްގެ ގައުމީ އުފެއްދުންތެރިކަން (ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް ނުވަތަ ޖީ.ޑީ.ޕީ)ގެ އެންމެ ބޮޑު ބައި ހިއްސާކުރަނީ ހިދުމަތް ދިނުމުގެ ސިނާއަތްތަކެވެ. އޭގެ އިތުރުން ދެން އެ ގައުމުގެ އިގުތިސާދީ މުހިންމު މަސައްކަތްތަކުގެ ތެރޭގައި ހެދުމާއި އިލެކްޓްރޯނިކް އާލާތްތަކާއި ހަކަތަ އުފައްދައެވެ.
ޑޯންގެ އަގު ދަށްވެފައިވަނީ ވިއެޓްނާމްގެ ގުދުރަތީ ވަސީލަތްތައް އެކްސްޕޯޓްކުރުމާއި އެ ގައުމަށް އެހެން ގައުމުތަކުގެ މުދާ ވައްދައި އަލުން ބޭރުކުރުމަށް ވެސް ހުރަސްތަކެއް ސަރުކާރުން ކުރިމަތިކޮށްފައިވާތީއެވެ. މީގެ އިތުރުން އެމެރިކާގައި އިންޓަރެސްޓް ރޭޓްތައް މައްޗަށް ދިއުމަކީ ވެސް ޑޯންގެ އަގު ދަށްވެފައިވާ ސަބަބެކެވެ.

4. ލާއޮސްގެ ކިޕް (އެލް.އޭ.ކޭ)
ލާއޮސްގެ އެއް ކިޕްގެ އަގު މިހާރު ހުރީ 0.000047 ޑޮލަރު (0.00072474ރ.)ގައެވެ. މާނައަކީ އެއް ޑޮލަރު (15.42ރ.)އަށް ލާއޮސްގެ 21،442.63 ކިޕް ލިބެއެވެ.
ލާއޮސްގެ ކިޕް ތައާރަފުކުރީ 1950 ގެ އަހަރުތަކުގައެވެ. އެ ގައުމަކީ އެއްވެސް ކަނޑަކާ ނުގުޅި އޮންނަ ގައުމެކެވެ. ބޯޑަރު ގުޅެނީ ވިއެޓްނާމް، ތައިލެންޑް، ކެމްބޯޑިއާ އަދި ޗައިނާއާއެވެ. އިގުތިސާދު މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ ލޮއި، ރަން އަދި ލަކުޑި އެކްސްޕޯޓްކުރުމުގެ މައްޗަށެވެ.
ލާއޮސްގެ އިގުތިސާދު މިހާރު ކުރިއަށްދަނީ ވަރަށް ވެސް މަޑު ދުވެއްޔެއްގައެވެ. މީގެ އިތުރުން ބޭރު ދަރަނި އަދި އިންފްލޭޝަން މައްޗަށް ދިއުމަކީ ވެސް ކިޕްގެ އަގު ދަށަށް ދިއުމަށް ކުރިމަތިވި ސަބަބުތަކެވެ.

5. އިންޑޮނޭޝިއާގެ ރުޕީއާ (އައި.ޑީ.އާރް)
އިންޑޮނޭޝިއާގެ އެއް ރުޕީއާގެ އަގު މިހާރު ހުރީ 0.000059 ޑޮލަރު (0.00090978ރ.)ގައެވެ. މާނައަކީ އެއް ޑޮލަރު (15.42ރ.)އަށް 16،895.58 ރުޕީއާ ލިބެއެވެ.
އިންޑޮނޭޝިއާގައި ރުޕީއާ ތައާރަފުކުރީ 1946 ގައެވެ. އެ ގައުމަކީ ޕެސިފިކް ކަނޑުގައި 17،000 އަށްވުރެ ގިނަ ޖަޒީރާގެ މައްޗަށް އެކުލެވޭ ގައުމެކެވެ.
ގިނަ އަދަދެއްގެ މުދާ އުފައްދާ އިންޑޮނޭޝިއާއަކީ ހިދުމަތްތަކުގެ ސިނާއަތްތައް ވަރުގަދަކަމުން ދެކުނުއިރުމަތީ އޭޝިއާގައި ޖީ.ޑީ.ޕީ އެންމެ މަތީ ގައުމެވެ. ނަމަވެސް އިންފްލޭޝަން މައްޗަށް ދިއުމާއި އިގުތިސާދަށް ހީނަރުކަމެއް އަތުވެދާނެކަމުގެ ހީއެއް އޮތީމާ ރުޕީއާގެ އަގު ދަށަށް ދިޔައީއެވެ.

6. އުޒްބަކިސްތާންގެ ސޯމް (ޔޫ.ޒެޑް.އެސް)
އުޒްބަކިސްތާންގެ އެއް ސޯމްގެ އަގު މިހާރު ހުރީ 0.000082 ޑޮލަރު (0.00126444ރ.)ގައެވެ. މާނައަކީ އެއް ޑޮލަރު (15.42ރ.)އަށް 12،166.50 ސޯމް ލިބެއެވެ.
އުޒްބަކިސްތާންގައި ސޯމް ތައާރަފުކުރީ 1993 ގައެވެ. އެ ގައުމަކީ މެދުތެރޭ އޭޝިއާގެ ގައުމެކެވެ. ދުނިޔޭގައި ކަފަ އެކްސްޕޯޓްކުރުމުގެ ކުރީ ސަފުގައި އުޅެއެވެ. މީގެ އިތުރުން މައުދަނާއި ތެލާއި ގޭސް ރިޒާވްތައް ވެސް ހުރެއެވެ.
އިގުތިސާދަށް އިސްލާހީ ފިޔަވަޅުތައް އެޅި ނަމަވެސް އިގުތިސާދު ކުރިއަށްދަނީ މަޑު ދުވެއްޔެއްގައެވެ. މީގެ އިތުރުން އިންފްލޭޝަން މައްޗަށް ދިއުމާއި ވަޒީފާގެ ފުރުސަތުތައް ކުޑަވުމާއި ގައުމުގައި ކޮރަޕްޝަންގެ މައްސަލަ އުޅޭތީ ސޯމްގެ އަގު ވަނީ ދަށްވެފައެވެ.

7. ގިނީގެ ފްރޭންކް (ޖީ.އެން.އެފް)
ގިނީގެ އެއް ފްރޭންކްގެ އަގު މިހާރު ހުރީ 0.000114 ޑޮލަރު (0.00175788ރ.)ގައެވެ. މާނައަކީ އެއް ޑޮލަރު (15.42ރ.)އަށް 8،775.17 ފްރޭންކް ލިބެއެވެ.
ގިނީއަށް ފްރޭންކް ތައާރަފުކުރީ 1959 ގައެވެ. އެ ގައުމަކީ އެފްރިކާ ބައްރުގައި އޮންނަ، ކުރިން ފްރާންސުން އިސްތިއުމާރުކުރި ގައުމެކެވެ.
ގިނީއަކީ ގިނަ އަދަދަކަށް ގުދުރަތީ ވަސީލަތްތައް ލިބިފައިވާ ގައުމެކެވެ. އޭގެ ތެރޭގައި ރަނާއި އަލިމަސް ހިމެނެއެވެ.
ފްރޭންކްގެ އަގު ދަށަށް ދިޔައީ އިންފްލޭޝަން މައްޗަށް ދިއުމާއި އަސްކަރީ ހަމަނުޖެހުން އޮތުމާއި އަދި އަވަށްޓެރި ލައިބީރިއާ އާއި ސިއެރާ ލިއޯނުން ގިނަ އަދަދަކަށް ރެފިއުޖީން ގިނީއަށް ހިޖުރަކުރުމުންނެވެ.

8. ބަރަންޑީގެ ފްރޭންކް (ބީ.އައި.އެފް)
ބަރަންޑީގެ އެއް ފްރޭންކްގެ އަގު މިހާރު ހުރީ 0.000337 ޑޮލަރު (0.00519654ރ.)ގައެވެ. މާނައަކީ އެއް ޑޮލަރު (15.42ރ.)އަށް 2،970.94 ފްރޭންކް ލިބެއެވެ.
ބަރަންޑީގައި ފްރޭންކް ތައާރަފުކުރީ 1916 ގައެވެ. ބަރަންޑީއަކީ އެފްރިކާ ބައްރުގައި އެއްވެސް ކަނޑަކާ ނުގުޅި އޮތް ގައުމެކެވެ. އެ ގައުމުގެ އާބާދީއަކީ 14 މިލިއަނެވެ. ބޯޑަރު ގުޅިފައިވަނީ ރުވާންޑާ، ޓަންޒަނީއާ އަދި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއާއެވެ. ބަރަންޑީން އެކްސްޕޯޓްކުރާ 90 ޕަސެންޓްގެ އުފެއްދުމަކީ ސައި އަދި ކޮފީއެވެ.

9. މަޑަގަސްކާގެ މަލަގަސީ އަރީއަރީ (އެމް.ޖީ.އޭ)
މަޑަގަސްކާގެ އެއް މަލަގަސީ އަރީއަރީގެ އަގު މިހާރު ހުރީ 0.000241 ޑޮލަރު (0.00371622ރ.)ގައެވެ. މާނައަކީ އެއް ޑޮލަރު (15.42ރ.)އަށް 4،152.30 މަލަގަސީ އަރީއަރީ ލިބެއެވެ.
މަލަގަސީ އަރީއަރީ ތައާރަފުކުރީ 1961 ގައެވެ. ނަމަވެސް އިސްތިއުމާރީ ފައިސާ ކަމަށްވި މަލަގަސީ ފްރޭންކް ބޭނުންކުރުން ހުއްޓައިލީ 2005 ގައެވެ.
މަޑަގަސްކާއަކީ އެފްރިކާ ބައްރުގެ ދެކުނުއިރުމަތީ އައްސޭރިފަށުގައި އޮންނަ ޖަޒީރާ ގައުމެކެވެ. އެ ގައުމުގެ މައިގަނޑު އިގުތިސާދީ މަސައްކަތްތަކަކީ ރަފީއާ ރުށް ހެއްދުން ފަދަ ދަނޑުވެރިކަމާއި މަސްވެރިކަމާއި މައުދަން ނެގުމާއި އަދި ލަކުޑީގެ ވިޔަފާރިއެވެ. އެންމެ ގިނައިން އެކްސްޕޯޓްކުރާ ތަކެތީގެ ތެރޭގައި ކަރަންފުލާއި ވެނީލާ އާއި މައުދަނެއް ކަމަށްވާ ނިކަލް ހިމެނެއެވެ.

10. ޕެރަގުއާއީގެ ގަރާނީ (ޕީ.ވައި.ޖީ)
ޕެރަގުއާއީގެ އެއް ގަރާނީގެ އަގު މިހާރު ހުރީ 0.000153 ޑޮލަރު (0.00235926ރ.)ގައެވެ. މާނައަކީ އެއް ޑޮލަރު (15.42ރ.)އަށް 6،517.40 ގަރާނީ ލިބެއެވެ.
ގަރާނީ ތައާރަފުކުރީ 1952 ގައެވެ. ޕެރަގުއާއީއަކީ ދެކުނު އެމެރިކާ ބައްރުގައި އެއްވެސް ކަނޑަކާ ނުގުޅި އޮތް ގައުމެކެވެ. ބޯޑަރުގައި އޮތީ ބްރެޒިލް، އާޖަންޓީނާ އަދި ބޮލިވީއާއެވެ.
ޕެރަގުއާއީއަކީ ގެރިމަހާއި ޒުވާރި އާއި ސޯއިބީން އަދި ހަކުރުގެ ބަދަލުގައި ބޭނުންކުރާ ސްޓީވީއާ އުފެއްދުމުގައި ކުރީގައި އުޅޭ ގައުމެކެވެ.
ގަރާނީގެ އަގު ދަށަށް ދިއުމަށް ކުރިމަތިވި ސަބަބުތަކުގެ ތެރޭގައި އިންފްލޭޝަން މައްޗަށް ދިއުމާއި ގައުމުގައި އޮތް ކޮރަޕްޝަނާއި އަދި ވަގު ނޫޓު ޖެހުން ހިމެނެއެވެ.



advertisment