ހިމޭން ދަންވަރުތަކުގެ ފުރުޞަތުތައް ވަދާޢުން ވަކިވެގެން އެދަނީ
ނިމޭން އޮތްމަދު ވަގުތުކޮޅު ހެޔޮމަގުން ހޯދައި ހިފަންޖެހެނީ
ނަޞީބުގެ ވެރިޔަކަށް ނުވިނަމަ ހިފައިގެން ރޯދަ ފުރިހަމަޔަށް
"ވަސީލަތު" ހޯދުމަށް ލިބިދިން މިހެޔޮ ފުރުޞަތު އޮޔާލެވުނީ
ޢިބާދާތުގެ ދަރުމަ އެތަކެއް ގުނަޔަކަށް ދެއްވަވާ މައްސަރު
ތިބާހެން ގެއްލިގެން ދިޔަނަމަ ނަޞީބުން އުނިވެގެން އެދަނީ
ފަހަށް އޮތް އޮނަހިރީގެ ދެރޭ ލިބޭން އެންމެ ފުރިހަމަޔަށް
ސަހަލުވިޔަ ނުދިނުމަށް ހިއްވަރު ކުރަށޭ ގަދައޅަންވާނީ
ހަތާވީހާ ނަވާވީހާ އައިސް ކުޑަތަންވެފައި ވާއިރު
މަތާޢުގެ ދުނިޔެ ފަސްކޮށްފައި ޢަމަލުހެޔޮ އިސްކުރަންވާނީ
ނަސޭހަތުގައި މިދޭ ހެޔޮވީ ހިފައިގެން ދަރުމަ ހޯދުމުގައި
ފަސޭހަވެފައިވި ފަހިފުރުޞަތު މިހިނދު ބޭނުން ހިފަންވާނީ
