ސަލާމަތް މަޙުޝަރުގެ ހޯދަން މިމައްސަރު އިސްވެގެންވާނޭ
ފަލާޙާ ކާމިޔާބު އެއީ، ސުވަރުގެ ލިބުން ކަމަށްވާނޭ
ޠަބީޢަތުގައި ހިފާފައިވާ ނުބައި ސިފަތައް މުޅިން ފޮހެލެވި
ޢަބީރީ މީރުވަސް ނަފުސާ ހިތާ ޖިސްމުގެ ހިފައިފާނޭ
ޔަޤީނުންވެސް ރެއެއް މަތިވެރި ވެޔޭ ކުށްފާފަ ފުއްސެވުމަށް
ޢަޤީދާ ހަރުނާ ސާބިތު އަޅުން ފުރުޞަތު އެ ހޯދާނޭ
ނަމާދާ ޒިކުރު އިސްތިޣްފާރު ގިނައިންކޮށް ދުޢާ ކުރުމަށް
ސަމާލުވެ އިިސްކަމެއް ދޭނަމަ ނަތީޖާ އޭގެ ފޮނިވާނޭ
ނިފާޤުގެ ބަލި ފަސޭހަނުވާ މަރީޟުންކުރެ ވެގެން ވިޔަކަސް
ޝިފާ އެބަލީގެ ހޯދީމާ ނަޞީބުވެރީން ތެރޭންވާނޭ
ނަސޭހަތްދީ އަމިއްލަ ނަފުސު މުޅިން އިޞްލާޙު ކުރުވޭނަމަ
ފަސޭހަ ވަސީލަތެއް ލިބިގެން ޞިރާޠުމަގުން ހިނގައިދާނޭ
